އދ. މަހިބަދޫގެ ތަރައްޤީއަށް އެންމެ މުހިންމު މަޝްރޫޢެއްގެ ގޮތުގައި ހިމެނޭ، ރަށުގެ ބިންހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްގެންގޮސްދެއްވައި، މިއަދުން ފެށިގެން އެންމެ ލަސްވެގެން 10 މަސްދުވަހުގެ ތެރޭގައި، 67 ހެކްޓަރުގެ ބިން ހިއްކަވައި ރަށުގެ ރައްޔިތުންނާ ހަވާލުކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
އެމަނިކުފާނު މިފަދައިން ޔަޤީންކަންދެއްވާފައި ވަނީ، އދ. މަހިބަދޫގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.
އެގޮތުން މި މަޝްރޫޢަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީކުރައްވާ އަރބަން ސެންޓަރތަކުގެ ތެރޭގައި އދ. މަހިބަދޫ ހިމެނޭތީ، އެކަމަށް މަގުފަހިކުރެއްވުމުގެ ގޮތުން، އދ. މަހިބަދޫގެ ތަރައްޤީގެ ދުވެލި އެތައް ގުނައެއް އަވަސްކުރެއްވުމަށާ، ހުރިހާ ރައްޔިތުންނަށްވެސް އެންމެ މުހިންމުވެފައިވާ ބޯހިޔާވަހިކަމަށް މަގުފަހިވެގެންދާނެ މަޝްރޫޢެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ބިންހިއްކުމުގެ ޢަމަލީ މަސައްކަތް މިއަދު ފެށިފައިވާއިރު، ހުއްޓުމެއްނެތި ބާރު ދުވެލީގައި މިކަން ކުރިއަށްދާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކޮށް ދެއްވާފައެވެ. އަދި މިއީ ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި މުހިންމު މަޝްރޫޢެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަށް މިހާރުން މިހާރަށްވެސް ޙައްލުތަކެއް ހޯއްދަވައިދެއްވާނެކަމުގައި ވިދާޅުވެ، ވާހަކަފުޅުކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، 150 ހައުސިންގް ޔުނިޓް ތަރައްޤީކުރުމުގެ މަސައްކަތް، ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން، އަހަރުގެ ކުރީކޮޅު ފައްޓަވައިދެއްވާނެކަމުގެ ޔަޤީންކަން، އދ. މަހިބަދޫގެ ރައްޔިތުންނަށް ދެއްވާފައެވެ. އަދި ޞިއްޙީ ދާއިރާއިންވެސް 50 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމުގެ މަސައްކަތް، 2026 ވަނަ އަހަރު ފައްޓަވައިދެއްވާނެކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އެމަނިކުފާނުގެ ސަރުކާރުން އެންމެ ޚާއްޞަ އިސްކަމެއްދެއްވާ ދާއިރާތަކުގެ ތެރޭގައި ހިމެނޭ، ތަޢުލީމީ ދާއިރާއިންވެސް ރައްޔިތުންނަށް އުންމީދީ ޚަބަރުތަކެއް ރައީސުލްޖުމްހޫރިއްޔާ ވަނީ މިރޭ ދެއްވާފައެވެ. އެގޮތުން، ކުރިއަށް އޮތް 2026 ވަނަ އަހަރު، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި، ހުރިހާ ދަރިވަރުންނާއި ޓީޗަރުން ބޭނުން ކުރަމުންދާނީ އޭސީ ހަރުކޮށް، ފިނިކުރެވިފައިވާ ކްލާސްރޫމްތަކާއި ސްޓާފްރޫމްތައްކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ. ހަމަ މިފަދައިން ތަޢުލީމީ ދާއިރާއަށް ބޭނުންވެފައިވާ ޢުމްރާނީ ތަރައްޤީގެ މަސައްކަތްތައްވެސް ބާރު ދުވެލީގައި ކުރިއަށްގެންގޮސްދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ތަކުރާރުކޮށްދެއްވާފައެވެ.
ހަމަ މިއާއެކު ކުޅިވަރުގެ ދާއިރާއިންވެސް ރަށަށް ބޭނުންވާ މުހިންމު ތަރައްޤީ ހޯއްދަވައިދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި މިފަދަ ކަންކަމަކީ ނަމެއްގައި ކުރައްވާ ކަމެއް ނޫންކަމަށާ، މިއީ ރައްޔިތުންގެ އުންމީދުތައް ޙަޤީޤަތަކަށް ހައްދަވައިދެއްވުމުގެ ނިޔަތުގައި ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތަކެއްކަމުގައިވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.