ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އަރިއަތޮޅު ދެކުނުބުރީ މާމިގިލީ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްގެންދިޔައީ މިއަދު، އދ. މާމިގިލީ އިޖުތިމާއީ މަރުކަޒުގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ވަނީ، ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަން ހިއްސާކުރައްވާފައެވެ. މިގޮތުން، ރަށުގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ދިގުލައިގެންދިއުމުގެ ސަބަބުން ކުރިމަތިވާ ދަތިތަކާއި، ރަށުން ކުނި ބޭރުކުރުމަށް ހުރި ގޮންޖެހުންތަކާއި، ކުނި މެނޭޖުކުރުމަށް އެކަށޭނަ ގޮތެއް ހޯދުމުގެ މުހިންމުކަމާއި، ރަށުގެ ބަނދަރު ބޭނުންކުރުމުގައި މިހާރު ހުރި ދަތިތައްވެސް ކައުންސިލުން ހިއްސާކުރެއްވިއެވެ.
މީގެ އިތުރުން، ޕާސްޕޯޓާއި އައި.ޑީ. ކާޑުގެ ޚިދުމަތް ރަށުގައި ފައްޓަވައިދެއްވުމަށާއި، ޒުވާނުންގެ ބޭނުމަށް ސްޕޯޓްސް ފިޝިންގ ބޮޔެއް އަޅައިދިނުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. އަދި މާމިގިލީ ސިއްޙީ މަރުކަޒަށް އިތުރު މުވައްޒަފުން ބޭނުންވާކަމާއި، މާމިގިލީ ސްކޫލަށް އޮފީސް އިމާރާތަކާއި އެހެނިހެން ވަސީލަތްތައް ބޭނުންވާކަންވެސް ކައުންސިލު މެންބަރުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ، ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.