ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ޖަރުމަނުވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސްޓަރ ޔެންސް ޕްލޯޓްނަރއާ ބައްދަލުކުރައްވައިފިއެވެ. މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ޖަރުމަނުގެ އޭޖެންސީ ފޮރ ޓެކްނިކަލް ކޯޕަރޭޝަން (ޖީ.ޓީ.ޒެޑް.)ގެ ވަފުދުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރާއްޖެއަށް މިހާރު ޒިޔާރަތް ކުރައްވަމުން ގެންދަވާ ޖީ.ޓީ.ޒެޑް.ގެ ވަފުދުގެ ބޭނުންފުޅަކީ، ތިމާވެށްޓާއި ދެމެހެއްޓެނިވި ތަރައްޤީގެ ދާއިރާއިން، ރާއްޖެއާއި ޖަރުމަނާ ދެޤައުމު ގުޅިގެން މަސައްކަތް ކުރެވެން ހުރި މަސައްކަތްތައް ދެނެގަނެ، މިކަމުގައި ޖަރުމަނު ސަރުކާރަށް ލަފާއެރުއްވުމެވެ.

މި ބައްދަލުކުރެއްވުމުގައި ޖަރުމަނުގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، މި ވަފުދުގެ ޒިޔާރަތަކީ ޖަރުމަނު ސަރުކާރުން ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރަށް އޮތް ތާއީދު ހާމަކޮށްދޭ ކަމެއްކަމުގައި ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ޖަރުމަނުގެ އެހީތެރިކަން ރާއްޖެއަށް ލިބޭނެ ކަމުގެ ޔަޤީންކަންވެސް ޖަރުމަނު ސަފީރު، ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވިއެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަޙާއި، ރާއްޖޭގެ ތަރައްޤީއާބެހޭ މަޢްލޫމާތު، ޖަރުމަނު ސަރުކާރުން ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމުގައި އޭނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ޖަރުމަނާ ދެޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާއި، ޖަރުމަނުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެއްވިދާނެ ދާއިރާތަކާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ކާބަން މަދުކޮށް، ތަރައްޤީއާއި އުފެއްދުންތެރިކަން އިތުރުކުރެއްވުމަކީ ކުރެއްވިދާނެ ކަމެއް ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި އެކަމުގައި ސަރުކާރުން މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޖީ.ޓީ.ޒެޑް.ގެ ވަފުދުގެ ބޭފުޅުން މިބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި، އެވަފުދުގެ މައިގަނޑު މަޤްޞަދަކީ، ތިމާވެށްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ތަރައްޤީގެ މަޝްރޫޢުތައް ތަންފީޒު ކުރުމަށް ޖާގަލިބޭފަދަ އިދާރީ އޮނިގަނޑެއް ރާއްޖޭގައި އެކުލަވާލެއްވުން ކަމުގައި ހާމަކުރެއްވިއެވެ.

ޖީ.ޓީ.ޒެޑް.އަކީ ދެމެހެއްޓެނިވި ތަރައްޤީއާއި، ބައިނަލްއަޤްވާމީ އެއްބާރުލުމުގެ ދާއިރާގައި މުޅި ދުނިޔޭގައި ޙަރަކާތްތެރިވާ ޖަމާޢަތެއް ކަމަށާއި، އަދި ޖަރުމަނު ސަރުކާރުގެ ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލް ކުރެއްވުމަށް އެހީތެރިވެދިނުމަށް މަސައްކަތްކުރާ ޖަމާޢަތެކެވެ.