ހއ. ހޯރަފުށީގައި ފަޅަށްހުރި ގެއެއްގެތެރޭ އެރަށު ސީވިއު ޙުސައިން މަނިކު، ޙަޤީޤަތް ނޭނގޭ ގޮތަކަށް މަރުވެފައި އޮއްވައި ފެނުނު ޙާދިޘާއާމެދު ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ކަންބޮޑުވެވަޑައިގަންނަވާކަން ހާމަކުރައްވައިފިއެވެ.

މަރްޙޫމް ޙުސައިން މަނިކުގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާވަނީ ހަމްދަރުދީ ފާޅުކުރައްވައި، އެޢާއިލާގެ މެންބަރުންނަށް ތަޢުޒިޔާ ދަންނަވާފައެވެ.

މިމައްސަލައަކީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ދެކިވަޑައިގެން، މިކަން ތަޙްޤީޤު ކުރެއްވުމުގައި ޚާއްޞަ އަހަންމިއްޔަތު ކަމެއް ބެހެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގައި އެދިވަޑައިގެންފައެވެ. އަދި މިކަމުގައި ދެއްވެން އޮތް ހުރިހާ އެއްބާރުލެއްވުމެއް ޢާންމު ފަރާތްތަކުން ފުލުހުންނަށް ދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރައްވައެވެ.