ރާއްޖޭގެ ޖަލުތަކުގެ ޙާލަތު ދިރާސާ ކުރުމަށް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްގެ ޓީމުގެ މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޖަލުތަކުގެ ޙާލަތު ރަނގަޅުކޮށް، އިންސާނީ ޚައްޤުތައް ޙިމާޔަތް ކުރުމަކީ، މި ސަރުކާރުން ވަރަށްބޮޑު އަހަންމިއްޔަތު ކަމެއް ބަހައްޓަވާ ކަންކަން ކަމުގައި ވިދާޅުވިއެވެ. އަދި ވަކިން ޚާއްސަކޮށް، ކުށްވެރިން އިޞްލާޙުކޮށް، އަލުން މުޖްތަމަޢުގައި ބައިވެރިކުރުމަކީވެސް ސަރުކާރުގެ ބޮޑު އަމާޒެއް ކަމުގައި ވިދާޅުވިއެވެ.

ޓީމްގެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ޖަލުތަކުގެ ކަންކަމުގައި ވަރަށް ރަނގަޅު ކަންތައްތަކާއި، އިޞްލާޙު ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމުގައި ފާހަގަކުރައްވައި، އެކަންކަމުގެ ތަފްޞީލް ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ.