ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، ޔޫ.އެން.ޑީ.ޕީ.ގެ އެޑްމިނިސްޓްރޭޓަރ ހެލަން ކްލާކާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި، ލާމަރުކަޒީ އުޞޫލުން ރާއްޖޭގެ އަތޮޅުތައް ހިންގެވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތާ ބެހޭގޮތުންނާއި ތިމާވެށްޓާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި މި ކަންކަމުގައި ޔޫ.އެން.ޑީ.ޕީ. އިން އެހީދެއްވާނެ ކަމުގައި ހެލަން ކްލާކް ވިދާޅުވިއެވެ. މީގެއިތުރުން، ލޯކަލް ކައުންސިލްގެ އިންތިޚާބަށްފަހު، ލޯކަލް ގަވަރންމަންޓްގެ ދާއިރާއިން މީހުންނަށް ތަމްރީނު ދިނުމުގައި، ޔޫ.އެން.ޑީ.ޕީ.ން ރާއްޖެއަށް އެހީތެރިކަން ހޯއްދެވުމާބެހޭ ގޮތުން ވާހަކަފުޅު ދެއްކެވިއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަޙާ ބެހޭގޮތުންވެސް، ޔޫ.އެން.ޑީ.ޕީ.ގެ އެޑްމިނިސްޓްރޭޓަރ އަދި ނިއުޒީލެންޑްގެ ބޮޑުވަޒީރުކަންވެސް ކުރިން ކުރައްވާފައިވާ ހެލަން ކްލާކް، ނައިބު ރައީސްގެ އަރިހުން މަޢުލޫމާތު އޮޅުންފިލުއްވިއެވެ.

ނައިބު ރައީސް މިހާރު ނިއުޔޯކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫ.އެން.އޯ.ޑީ.ސީ.)ގެ އެގްޒެކްޓިވް ޑިރެކްޓަރ ޔޫރީ ފެޑޮޓޯވާވެސް ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް ސަރުކާރުން ކުރައްވާ މަސައްކަތް ހަރުދަނާ ކުރެއްވުމަށް ފަންނީ އެހީތެރިކަން ފޯރުއްވައިދެއްވުމަށް، ޔޫ.އެން.އޯ.ޑީ.ސީ.ގެ އެހީގައި ރާއްޖޭގައި ހިންގަވާ މަޝްރޫޢާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި ކުރިއަށް އޮތްތާނގައި ޔޫ.އެން.އޯ.ޑީ.ސީ.ގެ މާހިރަކު ރާއްޖޭގައި ބަހައްޓަވައިގެން، މި މަޝްރޫޢު ވީހާވެސް ފުޅާ ދާއިރާއެއްގައި ހިންގަވަން ބޭނުންފުޅުވާ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.