بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالسَّلَامُ عَلَى أَشْرَفِ الأَنْبِيَاءِ وَالْمُرْسَلِينَ سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ

މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ މޫސާ ޒަމީރު، ދައުލަތުގެ އިދާރާތަކުގެ އޮޑިޓް ކޮމިޓީތަކުގެ މެންބަރުން، އިދާރާތަކުގެ އިންޓަރނަލް އޮޑިޓަރުން، ވަޑައިގެން ތިއްބެވި އެންމެހައި ހާޒިރީން، އަދި ދުރާއިގާތުން މި ޖަލްސާ އަޑު އައްސަވަމުން އަދި ބައްލަވަމުން ގެންދަވާ އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ.

ޝައްކެއްވެސް ނެތް، ޤައުމުގެ ހިންގުން ހަރުދަނާކޮށް، ސަރުކާރާއި ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ މަސައްކަތްތައް ހަރުދަނާކޮށް، ރައްޔިތުންނަށް މަންފާއާއި ފައިދާ ލިއްބައިދޭ ނިޒާމެއް މި ޤައުމުގައިވެސް ވަނީ ޤާއިމުކުރެވިފައި.

އެގޮތުން، 26 ޖަނަވަރީ 2006 ގައި ޢަމަލުކުރަން ފެށި ޤާނޫނު ނަންބަރު 2006/3 ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް އަޅުގަނޑުމެންގެ ނަޒަރު ހިންގާލާއިރު، ދައުލަތުގެ ފައިސާއާއި މުދާ، ޕަބްލިކް ބޭންކް އެކައުންޓްތަކާއި، ޕަބްލިކް ފަންޑުތަކާއި، ބަޖެޓު އެކުލަވައިލުމާއި، ހުށަހެޅުމާއި، މާލީ ހިސާބުތައް ހެދުމަކީ، މި ޤާނޫނުން ލާޒިމުކުރާ ކަންކަމަށް ވީހިނދު، އޮޑިޓް ކުރެވޭނެ ނިޒާމެއް މި ޤާނޫނުންވަނީ ޤާއިމުކޮށްދީ، ފަހިކޮށްދީފައި.

އަދި، މި ނިޒާމު ފުރާފުރިހަމަވެގެން މިދަނީ، މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް، އާދެ، ތިޔަބޭފުޅުންގެ ޤާބިލްކަމުގެ ސަބަބުން. މި ނިޒާމަށް މިއަދު ދިމާވެފައިވާ ހިރާސްތަކަކީ ކޮބައިކަން ދެނެގަނެ، އިންޓަރނަލް ކޮންޓްރޯލްތައް ވަރުގަދަކޮށް، ފަހި ނަތީޖާއެއް ނެރުމަށް އެހީތެރިވެދޭ ބަޔަކަށް، އިންޓަރނަލް އޮޑިޓަރުންވާން ޢަޒުމް ކަނޑައަޅަންޖެހޭނެ. އަދި އެކަމަށް، މި ކޮންފަރެންސަކީ އެންމެ ރަނގަޅު ވަގުތުކަމަށް އަޅުގަނޑު ޤަބޫލުކުރަން.

ދައުލަތުގެ މުއައްސަސާތަކާއި، ސަރުކާރު ޙިއްޞާވާ ކުންފުނިތަކަކީ އަރަނިވެރި، ކޮރަޕްޝަނާ ދެކޮޅު، ރައްޔިތުންގެ އިތުބާރު ލިބި، ރައްޔިތުންނަށް މަންފާ ލިބޭ ތަންތަން ކަމުގައި ހެދޭނީވެސް، އިންޓަރނަލް އޮޑިޓް ހަރުދަނާކޮށް، މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ މަގުފަހިކޮށްދީ، އޮޑިޓަރުން ދެއްވާ އިރުޝާދުތަކާއި، ލަފާތައް ތަންފީޒު ކުރެވިގެން.

ހަމައެހެންމެ، އިދާރީ ހިންގުން ހަރުދަނާކޮށް، ދައުލަތުގެ އިދާރާތަކަށް އާންމުން ކުރާ އިތުބާރު ދެމެހެއްޓުމުގެ ބޮޑު ދައުރެއް، އިންޓަރނަލް އޮޑިޓަރުން އަދާކުރޭ.

މި ފުރުޞަތުގައި، އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ އެއްކަމަކީ، އިންޓަރނަލް އޮޑިޓަރުން، އެ ބޭފުޅުންގެ މަސައްކަތް ކުރުމުގައި ތަފާތު ގޮންޖެހުންތައް ހުރިކަން، މި ސަރުކާރުން ޤަބޫލުކޮށް ބަލައިގަންނަކަން. އަދި މިއަދުގެ ސަރުކާރުން، މިކަންކަމަށް ޚާއްޞަ އިސްކަމެއްދީގެން، އެކަން ހައްލުކުރުމަށް މިދަނީ މަސައްކަތް ކުރަމުން.

އެގޮތުން، މިހާރު ވަނީ އިންޓަރނަލް އޮޑިޓަރުންނަށް ޚާއްޞަ އޮނިގަނޑެއް އެކުލަވައިލެވިފައި. އަދި ކައިރި މުސްތަޤްބަލެއްގައި، ދައުލަތުގެ އޮފީސްތަކުގެ އިންޓަރނަލް އޮޑިޓަރުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެކަމުގެ އުފާވެރި ޚަބަރު، މި ފުރުޞަތުގައި އަޅުގަނޑު ޙިއްޞާކޮށްލަން.

މި އަހަރުގެ އިންޓަރނަލް އޮޑިޓް ކޮންފަރެންސްގެ ޝިޢާރަކީ، "ބަދަލުވަމުންދާ ވެށްޓެއްގައި، ޖަވާބުދާރީކުރުވުމުގައި އިންޓަރނަލް އޮޑިޓްގެ ދައުރާއި، އާންމު މަޞްލަޙަތު ކުރިއެރުވުން". މި ޝިޢާރަށް ނަޒަރު ހިންގާލާއިރު، ފާހަގަވެގެންދަނީ ދުނިޔެ ބަދަލުވަމުން، ތަހުޒީބުވަމުން ދާދިޔުމުގައި، ތަފާތު އީޖާދުތަކާއެކު، ކުރިން ދެނެނުގަނެވޭފަދަ ހިރާސްތަކާއި، ގޮންޖެހުންތަކާ އޮޑިޓް ކުރުމުގައިވެސް ކުރިމަތިލާންޖެހޭނެކަން. އެހެންކަމުން، އެ ހިރާސްތައް އޮޑިޓަރުން ދެނެގަނެ، އެކަންކަމަށް ފާރަވެރިވާން އެބަޖެހޭ.

ހަމައެހެންމެ، ކަންކަން ބޮއްސުންލައިގެން ދިޔުމުގެ ކުރިން، އެކަންކަމަށް ފާރަވެރިވެ، އިދާރާތަކުގެ އިންޓަރނަލް ކޮންޓްރޯލްތައް ވަރުގަދަ ކުރެވިއްޖެ ކަމުގައިވާނަމަ، ދައުލަތުން ހޭދަކުރާ ކޮންމެ ފައިސާ ފޮއްޗަކީވެސް، އޭގެ އެންމެ ފުރިހަމަ މަންފާ ލިބޭނެ އެއްޗެއް ކަމަށް ހެދިގެންދާނެ.

މިއަދު މި ޙަފްލާގައި ތަޢާރުފު ކުރެވިގެން އެދިޔަ، "އިންޓަރނަލް އޮޑިޓްގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނާއި"، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގގެ "ރިސްކް މެނޭޖްމަންޓް ފްރޭމްވަރކް"އަކީ، މާލީ އިދާރާގެ ސްޓްރެޓީޖިކް ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރެވޭ، މަސައްކަތްތަކުގައި ދިމާވާ ގޮންޖެހުންތައް ކުޑަކުރެވި، އިޤްތިޞާދަށް ކުރިމަތިވެދާނެ ގެއްލުން ކުޑަކުރުމަށް އެހީތެރިވުމުގެ އިތުރުން، ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާސިލުވުމަށް އެހީތެރިވެދޭނެ ޕްލޭނެއްކަން ޔަޤީން.

އާދެ، އަޅުގަނޑުގެ އުއްމީދަކީ، މި ކޮންފަރެންސަކީ، އޮޑިޓް ދާއިރާގެ ފަންނީ ބޭފުޅުންގެ ޢިލްމާއި، ތަޖުރިބާގެ އަލީގައި، ކޮންފަރެންސްގެ ބައިވެރިންނަށް އާ ކަންކަން ދަސްވެ، މި ދާއިރާގައި ހުރި ހުރިހާ ހިރާސްތަކާއި، ގޮށްޖެހުންތައް ދެނެގަނެވި، އެކަންކަން ޙައްލުކުރެވޭނެފަދަ ފުރިހަމަ މަޢުލޫމާތު ލިބިގެންދާނެ ކޮންފަރެންސެއް ކަމުގައި ވެގެންދިޔުން.

އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވާށި!

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.