މިއަހަރުން ފެށިގެން ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުން މުޅި މުބާރާތުން 1ވަނަ ހޯދާ ފަރާތްތަކަށް ޕީ.އެޗް.ޑީ. ހާސިލުކުރުމާ ހަމައަށް ތަޢުލީމު ހާސިލުކުރުމަށް ޚާއްޞަ ސްކޮލަރޝިޕެއް ދެއްވުމަށާއި، މި ވަނަތަކަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން، ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ، ރާއްޖޭގައި ކޮންމެ އަހަރަކު ބާއްވާ އެންމެ އަގުބޮޑު އިނާމުތައް އަދި އެންމެ ގިނަ އިނާމުތައް ދެވޭ މުބާރާތަށް މިއަހަރުން ފެށިގެން ހައްދަވާނެ ކަމަށް މިދިޔަ އަހަރު ބޭއްވެވި 36 ވަނަ ޤައުމީ ޤުރްއާން މުބާރާތުގެ އިނާމު ދެއްވުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އިޢުލާން ކުރައްވާފައެވެ. އެހެންކަމުން، މިއަހަރުން ފެށިގެން މި އިނާމުތައް ދެއްވުމަށް ކަނޑައެޅުއްވިއިރު، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވަނީ މުބާރާތުގެ އެހެނިހެން އުމުރުފުރާތަކުން މަތީ ވަނަތައް ހޯދާ ފަރާތްތަކަށް ފައިސާގެ އިނާމު ދެއްވުމަށްވެސް ކަނޑައަޅުއްވާފައެވެ.

ޕީ.އެޗް.ޑީ. ހާސިލުކުރުމާ ހަމައަށް ތަޢުލީމު ހާސިލުކުރުމަށް ޚާއްޞަ ސްކޮލަރޝިޕެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ، ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުން މުޅި މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ބައިން 1 ވަނައަށާއި، މުޅި މުބާރާތުން ނުބަލައި ކިޔެވުމުގެ ބައިން 1 ވަނައަށާއި، މުޅި މުބާރާތުން ޙާފިޡުންގެ ބައިން 1 ވަނައަށް އަންނަ ފަރާތަކަށެވެ. އަދި މިއީ، މަތީ ތަޢުލީމު ހާސިލުކުރަން ބޭނުންވާ ރޮނގަކުން އަދި ބޭނުންވާ ޤައުމަކުން ޕީ.އެޗް.ޑީ. ހާސިލުކުރުމާ ހަމައަށް ތަޢުލީމު ހާސިލު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ފުރުޞަތެކެވެ.

ސްކޮލަރޝިޕާ ގުޅޭ އެންމެހައި ކަންކަން ކުރިއަށް ގެންދަވާނީ، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުންނެވެ.

ފައިސާގެ އިނާމު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ބައިން 1 ވަނައަށާއި، މުޅި މުބާރާތުން ނުބަލައި ކިޔެވުމުގެ ބައިން 1 ވަނައަށާއި، މުޅި މުބާރާތުން ޙާފިޡުންގެ ބައިން 1 ވަނައަށާއި، މުޅި މުބާރާތުން 1 ވަނަ ހޯދާ މުއައްސަސާއަކަށެވެ. މިގޮތުން، މުޅި މުބާރާތުގެ މިއިން ކޮންމެ ބަޔަކުން 1 ވަނަ ހާސިލުކުރާ ފަރާތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވުމަށް ހަމަޖެއްސެވީ 100,000.00 (އެއްލައްކަ) ރުފިޔާގެ ފައިސާގެ އިނާމެކެވެ. އަދި މިއިން ކޮންމެ ވަނައަކަށް ޝަރަފުގެ ފިލައެއްވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވާނެއެވެ.

މިއަހަރުން ފެށިގެން މި އިނާމުތައް ދެއްވުމަށް ކަނޑައެޅުއްވިއިރު، މުބާރާތުގެ އެހެނިހެން ވަނަތައް ހޯދާ ފަރާތްތަކަށް ދޭ އިނާމުތައްވެސް ކުރިޔަށްވުރެ ގިނަކޮށް، އަގުވެސް ބޮޑުކުރައްވާނެއެވެ. އަދި އަމިއްލަ ފަރާތްތަކުން އިނާމު ހުށަހަޅަން ދޭ ފުރުޞަތުވެސް އިތުރަށް ފަހިކުރައްވާނެއެވެ.

ކީރިތި ޤުރްއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާ ބޭއްވެވުމަށް ހަމަޖައްސަވާފައިވަނީ، އަންނަ އޮކްޓޯބަރ މަހުގެ ތެރޭގައެވެ.