ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، ނިއުޔޯކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ހަންގޭރީގެ ރައީސް ޕަލް ޝްމިޓާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި، ދެބޭފުޅުން މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ ރާއްޖެއާއި ހަންގޭރީއާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާބެހޭގޮތުންނެވެ.

މިބައްދަލުކުރެއްވުމުގައި ރާއްޖެއަށް ޒިޔާރަތްކުރާ ހަންގޭރީގެ ޓުއަރިސްޓުންގެ އަދަދު އިތުރުކުރެއްވުމާބެހޭގޮތުން ނައިބު ރައީސް ވާހަކަފުޅު ދެއްކެވިއެވެ. އަދި ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކާ ބެހޭ މަޢުލޫމާތު ހަންގޭރީގެ ރައީސަށް ދެއްވިއެވެ.

ހަންގޭރީގެ ރައީސް ޝްމިޓް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ކުދިންނަށް ހަންގޭރީގެ މަތީ ތަޢުލީމުދޭ އިންސްޓިޓިއުޓްތަކުގައި، މެޑިސިންއާއި އިންޖިނިއަރިން އަދި ކުޅިވަރުގެ ދާއިރާއިން ކިޔެވުމުގެ ފުރުޞަތު ހޯއްދަވައި ދެއްވުމުގެ ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ. އަދި ޔޫރަޕިއަން ޔޫނިއަން (އީ.ޔޫ.)ގެ ރިޔާސަތާ ހަންގޭރީން އަންނަ އަހަރު ހަވާލުވުމުންވެސް، އީ.ޔޫ.އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ހަންގޭރީގެ ރައީސް ޕަލް ޝްމިޓް، ނައިބު ރައީސް ޑޮކްޓަރ ވަޙީދަށް ދެއްވިއެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅުގައި، ޔުނިސެފާއި ޤަތަރު ސަރުކާރުން އިސް ނަންގަވައިގެން ބޭއްވެވި ތަޢުލީމާބެހޭ މަތީފެންވަރުގެ ވަށްމޭޒު ޖަލްސާއެއްގައި ބައިވެރިވެވަޑައިގެންނެވިއެވެ. މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދާއި، ޤަޠަރް އަމީރުގެ އަނބިކަނބަލުން މޯޒާ ބިންތް ނާޞިރު އަލް-މުސްނަދާއި، އޮސްޓްރޭލިއާގެ ޚާރިޖީ ވަޒީރު ކެވިން ރަޑެވެ.