ސަރުކާރާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު މަޝްވަރާކުރާ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވަވައިފިއެވެ. މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދެވެ.

މިއަދުގެ ބައްދަލުވުމުގައި ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ އިޢާދަ ކުރުމާބެހޭ ގޮތުންނާއި، ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލުތަކާ ޤާނޫނީ ގޮތުން ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުތަކަށް ރިޢާޔަތް ކޮށްގެން އެކައުންސިލުތަކުގެ އިދާރީ އޮނިގަނޑު ހަމަޖެއްސެވިދާނެ ގޮތަކާ ބެހޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ. އަދި ސިވިލް ސަރވިސް މުވައްޒަފުންގެ ޚިދްމަތް، މިހާރަށްވުރެ އުފެއްދުންތެރި ގޮތެއްގައި ރައްޔިތުންނަށް ފޯރުވައިދެވޭނެ ގޮތްތަކެއް ހަމަޖެއްސުމާމެދުވެސް ވާހަކަފުޅު ދެއްކެވިއެވެ.

ސަރުކާރާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު މަޝްވަރާކުރާ ކޮމިޓީގައި، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ޢަލީ ހާޝިމާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މަޙްމޫދު ރާޒީއާއި، އެޓަރނީޖެނެރަލް ޑޮކްޓަރ އަޙްމަދު ޢަލީ ސަވާދާއި، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ އިބްރާހީމްދީދީ އާއި، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުޙަންމަދު ފަހުމީ ޙަސަނާއި، ނައިބު ރައީސް އަޙްމަދު ޙަސަންދީދީއާއި، ކޮމިޝަންގެ މެންބަރުން ކަމުގައިވާ ޑޮކްޓަރ މުޙަންމަދު ލަޠީފާއި، ޢަބްދުﷲ ޖިހާދާއި، ޚަދީޖާ އާދަމާއި، އެކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޢަބްދުﷲ ޚަލީލު ހިމެނިވަޑައިގަންނަވައެވެ.

މި ކޮމިޓީގެ ބައްދަލުވުމެއް ކޮންމެ މަހަކު އެއްފަހަރު ބޭއްވެވުމަށް މިއަދުވަނީ ނިންމަވާފައެވެ.