ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް އެހީ ލިބޭނެ، ފުރިހަމަ ރަސްމީ ނިޒާމެއް އ.ދ.އިން ޤާއިމް ކުރުމަށް ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިކަމަށް ގޮވާލެއްވީ، އ.ދ.ގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމު ތަކުގެ ލިސްޓުން ރާއްޖެ އުނިވެގެން ދިއުމުން، އ.ދ.ގެ ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލް ކުރުމަށް އެޅޭނެ ހުރަސްތަކުގެ މައްޗަށް ބައްލަވާލައްވައި، އ.ދ.ގެ ސާސްކަފުގެ ތަރައްޤީގެ ލަނޑުދަނޑިތަކާބެހޭގޮތުން ބޭއްވެވި އ.ދ.ގެ ޢާންމު މަޖިލީހުގެ މަތީފެންވަރުގެ ޚާއްޞަ ބައްދަލުވުމުގައި ރޭ ތަޤުރީރު ކުރައްވަމުންނެވެ.

ނައިބު ރައީސްގެ ތަޤްރީރުގައި، އ.ދ.އިން އެކަށައަޅާފައިވާ ސާސްކަފުގެ ތަރައްޤީގެ ލަނޑުދަނޑިތައް (މިލޭނިއަމް ޑިވެލޮޕްމަންޓް ގޯލްސް) ޙާޞިލު ކުރުމުގައި ރާއްޖެއިން ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކަމުގައި ވިދާޅުވިއެވެ. މި ލަނޑުދަނޑިތައް ޙާޞިލު ކުރުމަށް އ.ދ.އިން ކަނޑައަޅާފައިވާ ސުންގަނޑި ކަމުގައިވާ 2015ވަނަ އަހަރުގެ ކުރިން ރާއްޖެއިންވަނީ، ސާސްކަފްގެ ތަރައްޤީގެ 8 ލަނޑުދަނޑީގެ ތެރެއިން 5 ލަނޑުދަނޑި ޙާޞިލުކޮށް ދެކުނު އޭޝިޔާ ސަރައްޙަދުގެ އެމް.ޑީ.ޖީ.ޕްލަސް ޤައުމުގެ ގޮތުގައި ހިމެނިފައެވެ.

ނައިބު ރައީސްގެ ތަޤްރީރުގައި، މި ލަނޑުދަނޑިތައް ޙާޞިލު ކުރުމުގައި ރާއްޖެއިން ހޯދާފައިވާ ކާމިޔާބީއާއެކު މި ލަނޑުދަނޑިތައް މުޅިން ޙާޞިލު ކުރުމަށް ރާއްޖެއިން ދަތުރުކުރަމުންދާ މިސްރާބުގައި ދަތުރުކުރަމުން ދިއުމަށް ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ފާހަގަކުރެއްވިއެވެ. މި ގޮތުން، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން ރާއްޖެ އުނިވުމުން ކުރިމަތިވާނެ ގޮންޖެހުންތަކުގެ އިތުރުން، މި ދަނޑިވަޅަކީ ރާއްޖޭގައި ޑިމޮކްރަސީ އަށަގެންނެވުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދަވާ ދަނޑިވަޅުކަން ފާހަގަކުރައްވައި، ކުރިމަތިވާ ސިޔާސީ ގޮންޖެހުންތަކުގެ ސަބަބުން، ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލު ކުރުމަށް ކުރެވޭ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީގެ މަސައްކަތަށް ހުރަސް އެޅިފައިވާ ކަމުގައި ވިދާޅުވިއެވެ.

އެމަނިކުފާނުގެ ތަޤްރީރުގައި، 2008ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން އޭރުގެ ސަރުކާރުގެ ހޭދަކުރުން އިތުރުކުރުމާއި، ސުނާމީ ކާރިސާއިން ލިބުނު ގެއްލުންތައް ފޫބެއްދުމަށް ކުރެވުނު ޚަރަދުގެ ސަބަބުން ރާއްޖޭގެ މާލީ ޙާލަތު ދަށަށް ގޮސްފައިވާކަމުގައި ވިދާޅުވިއެވެ. ނަމަވެސް، އައި.އެމް.އެފް.ގެ އެހީގައި ސަރުކާރުން ފަށްޓަވާފައިވާ އިޤްތިޞާދީ އިޞްލާޙީ މަސައްކަތުގެ ސަބަބުން، ޤައުމީ ތަރައްޤީއާއި، ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލު ކުރުމަށް އިތުރު ބާރެއް ލިބިފައިވާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

ނައިބު ރައީސްގެ ތަޤްރީރުގައި ރާއްޖެއިން މިހާރު ޙާޞިލު ކުރެވިފައިވާ 5 ލަނޑުދަނޑީގެ އިތުރުން، ޙާޞިލް ނުކުރެވި ހުރި ލަނޑުދަނޑިތަކުގެ ތެރެއިން، އަންހެނުންނާއި ފިރިހެންނުންގެ ހަމަހަމަކަން ކަށަވަރުކުރުމާއި، ދެމެހެއްޓެނިވި ތިމާވެށްޓެށް ޔަޤީންކުރުމުގައި ރާއްޖެއަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމުގައިވެސް ވިދާޅުވިއެވެ.