ރަށުގެ އާންމު އުމްރާނީ ތަރައްޤީއަށްޓަކައި ކުރަންހުރި މަސައްކަތްތައް ހަލުވި ދުވެލީގައި ކުރިއަށް ގެންގޮސް ނިންމަވައި، ރައްޔިތުންނަށް ކުރިއެރުން ގެނެސްދެއްވާނެކަމުގެ ޔަޤީންކަން، ކޮޅުމަޑުލު ދިޔަމިގިލީގެ ރައްޔިތުންނަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވެ، ޔަޤީންކަން ދެއްވާފައި ވަނީ، މިއަދު ހަވީރު، ތ. ދިޔަމިގިލީގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.

އެގޮތުން ދިޔަމިގިލީގެ ތަރައްޤީއަށްޓަކައި ކޮންމެހެން ބޭނުންވެފައިވާ މުހިންމު 3 މަޝްރޫޢު ކުރިއަށްގެންދަވާނެ ގޮތުގެ ބައެއް ތަފްސީލުތައް، ރައީސުލްޖުމްހޫރިއްޔާ ވަނީ ހިއްސާކުރައްވާފައެވެ. ފުރަތަމަ ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވީ ދިޔަމިގިލި - މަޑިފުށި އަދި އުފުރިޔާ ކޯޒްވޭ ގާއިމުކުރުމުގެ މަޝްރޫޢެވެ. އެންމެ ގިނަވެގެން 18 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމަވައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މިއީ ރައްޔިތުންނަށް ވަރަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެކަމަކަށް ވާނެ ކަމުގައި ފާހަގަކުރައްވާފައެވެ.

ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢަށް އަލިއަޅުވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރަށުގައި މިވަގުތު ނުނިމިއޮތް ފެނުގެ ނިޒާމުގެ މަސައްކަތްތައް ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ނިމިގެންދާއިރު، މަގުހެދުމުގެ މަސައްކަތްވެސް ފަށާގޮތަށް ހަމަޖެހިފައިވާކަމަށެވެ. މިއީވެސް ރަށުގެ ރައްޔިތުންނަށް ކުރިއެރުން ގެނެސްދޭނެ މަޝްރޫޢަކަށް ވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދިޔަމިގިލި - މަޑިފުށި އަދި އުފުރިޔާ ކޯޒްވޭ ގާއިމުކުރުމުގެ އެއްބަސްވުމާއި، ދިޔަމިގިލީ މަގުހެދުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ، ދިޔަމިގިލީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިއަދު ކުރިއަށްގެންދެވި ޖަލްސާގައެވެ.

ދެން އެންމެ ބޮޑު އިސްކަމެއްދެއްވައިގެން ކުރިއަށްގެންދަވާނެ މަޝްރޫޢެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވީ، ދިޔަމިގިލީ ސްކޫލަށް އިތުރުކުރާ އިމާރާތުގެ މަސައްކަތެވެ. ހުއްޓިފައި އޮތް މިމަޝްރޫޢުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަމަށާ، 2026 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށެންވާއިރަށް، އިމާރާތުގެ ބޭނުން ކުރެވޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއަހަރު ނިމުމުގެ ކުރިން، މަލްޓިޕަރޕަސް ހޯލުގެ މަސައްކަތް ފެށޭނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެއިތުރުންވެސް އެކި ދާއިރާތަކުން ރަށަށް ތަރައްޤީ ގެނެސްދެއްވާނެކަމުގެ އުންމީދީ ވާހަކަތައް، އެމަނިކުފާނު ވަނީ ދިޔަމިގިލީގެ ރައްޔިތުންނާ ހިއްސާކުރައްވާފައެވެ. އެގޮތުން ރަށްގިރުމުގެ މައްސަލައަށް ހައްލުހޯއްދަވައިދެއްވައި، ރައްޔިތުންނަށް މިހާރު ހުރި އުނދަގޫތަކަށް ލުއި ހޯއްދަވައިދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޞިއްޙީ މަރުކަޒުގެ ޚިދުމަތް ރަސްމީކޮށް 24 ގަޑިއިރު ދިނުމަށް ބޭނުންވާ އުމްރާނީ-އިންސާނީ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތްތައް، މިއަހަރު ފައްޓަވައިގެން، 2026 ވަނަ އަހަރުގެ ތެރޭގައި ފުރިހަމަކޮށްދެއްވާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކުޅިވަރުގެ ދާއިރާގެ ތަރައްޤީއާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށުގެ ކުޅިވަރު ދަނޑުތައް ތަރައްޤީކޮށްދެއްވައި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރ ގާއިމުކޮށްދެއްވައި، އަދި ވޮލީކޯޓެއްވެސް ތަރައްޤީކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ.

އަދި ރަށުގައި ފުލުހުންގެ ޚިދުމަތް އަޕްގްރޭޑް ކުރެވިގެންދިޔަކަން ފާހަގަކުރައްވައި، ފުލުހުންގެ އަމިއްލަ އިމާރާތެއް ރަށުގައި ތަރައްޤީކުރެވިގެންދާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، މިއަދު މެންދުރުން ފެށިގެން، ފުލުހުންގެ ޚިދުމަތް ގާއިމުކުރެވިގެންދިޔައީކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް)ގެ ފަޔަރ ސްޓޭޝަނެއްވެސް ރަށުގައި ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްދެއްވާނެ ކަމަށާ، 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ކައުންސިލް އިމާރާތް ތަރައްޤީކުރުމުގެ މަސައްކަތްވެސް ކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.