ދުނިޔޭގެ ބާޒާރުގައި އުފުލެމުންދާ ތެލުގެ އަގުތަކުގެ ސަބަބުން، ޢިއާދަވާ ހަކަތައިގެ ވަސީލަތްތަކުގެ މުހިންމުކަން ހާމަކޮށްދޭ ކަމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މި މޭރުމުން ވާހަކަފުޅު ދެއްކެވީ، ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ޔުނިވަރސިޓީތަކުގެ ތެރޭގައި ހިމެނޭ، އެމެރިކާގެ ޔޭލް ޔުނިވަރސިޓީގައި އިއްޔެ ތަޤްރީރު ކުރައްވަމުންނެވެ.

އެމަނިކުފާނުގެ ތަޤްރީރުގައި، ރާއްޖޭގެ އިޤްތިޞާދު މުޅިންހެން ބަރޯސާވެފައިވަނީ އިމްޕޯޓު ކުރެވޭ ތެލުގެ މައްޗަށްކަން ބަޔާންކުރައްވައި، ދުނިޔޭގެ ތެލުގެ ބާޒާރަށް އަންނަ ކޮންމެ ލޮޅުމެއްގެ ނޭދެވޭ އަސަރު ރާއްޖެއަށް އަދި ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑަށް ކުރާކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން، ދުނިޔޭގެ އިޤްތިޞާދު ފުޅާވަމުންދިޔުމާއި، ކުރިއަރަމުން އަންނަ ޤައުމުތަކުން ތެލަށް ބޭނުންވާ މިންވަރު އިތުރުވުމާ ގުޅިގެން، އަގުހެޔޮ ތެލުގެ ޒަމާން ނިމުމަކަށް އައިސްފައިވާ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސްގެ ތަޤްރީރުގައި، ތެލުގެ އަގު ރާއްޖެއަށް އަތް ނުފޯރާފަށަށް ހިނގައްޖެނަމަ ރާއްޖޭގައި ކުރެވޭ ވިޔަފާރިއާއި ރާއްޖޭގެ އިޤްތިޞާދީ ހަރަކާތްތައް މަޑުޖެހި، ރާއްޖޭގެ އިޤްތިޞާދު ހުއްޓުމަކަށް އަތުވެދާނެ ކަމުގެ އިންޒާރު ދެއްވިއެވެ. އަދި ރާއްޖެއިން ތިމާވެށްޓާއި ރަޙްމަތްތެރި ގޮތުގައި ތަރައްޤީވުމުގެ މަގު ޚިޔާރު ކުރީ ބޭރުން އިމްޕޯޓު ކުރެވޭ ތެލަށް ބަރޯސާވެފައި އޮންނަ އޮތުން ކުޑަކުރުމުގެ މަޤްޞަދުގައިކަން ނައިބު ރައީސް ހާމަކުރެއްވިއެވެ.

ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ކުރެއްވި ތަޤްރީރުގައި، ރާއްޖެއަކީ ކާރބަން ނިއުޓްރަލް ޤައުމަކަށް ހެއްދެވުމަށް ސަރުކާރުން ހުށަހަޅުއްވާފައިވާ ސިޔާސަތުގެ މައިގަނޑަކީ، ހަކަތައިގެ މިނިވަންކަން ހޯދައި، ރާއްޖޭގެ ޤުދުރަތީ ވަސީލަތްތަކުގެ ފުރިހަމަ ބޭނުންކޮށްގެން ހަކަތަ އުފެއްދުން ކަމުގައި ވިދާޅުވިއެވެ.

އެކި ގޮތްގޮތުން ރާއްޖެއަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށާއި، ނަމަވެސް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ސަލާމަތަށް ކުރިމަތިވެފައިވާ ނުރައްކަލަށްވުރެ ބޮޑު ގޮންޖެހުމެއް ރާއްޖެއަށް ކުރިމަތި ވެފައިނުވާ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. އަދި ހަމައެއާއެކު، މި ގޮންޖެހުންތަކަކީ ރާއްޖެއަށާއި ދުނިޔޭގެ ކުރިއެރުމަށް ލިބިފައިވާ ފުރުޞަތުތަކެއް ކަމަށް ހެދިދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރާއްޖެއިން ބޭނުންވަނީ، އާ ޓެކްނޮލޮޖީގެ އެހީގައި ތިމާވެށްޓާ ރައްޓެހިގޮތުގައި ތަރައްޤީ ޙާޞިލު ކުރުމަށް ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް މިހާރު ނިއުޔޯކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އަޔަލެންޑްގެ ކުރީގެ ރައީސާ މޭރީ ރޮބިންސަނާ ބައްދަލުކުރެއްވިއެވެ. މިބައްދަލުކުރެއްވުމުގައި، މޫސުމަށް އަންނަ ބަދަލުތަކާއި، ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.