ބޭނުންފުޅުވަނީ ރައްޔިތުން ތިބިތަނަކަށް ސަރުކާރުން އައިސް ޚިދުމަތްތައް ޤާއިމުކުރައްވައިގެން ޚިދުމަތްތައް ދެއްވުންކަމަށާ، ބޭނުންފުޅުވަނީ ބޮޑު އަގުގައި ދުރު ހިސާބުތަކަށް ގޮސްގެން ޚިދުމަތް ހޯދުމުގެ 'އަޅުވެތިކަން' ނިމުމަކަށް ގެންނަވައި، ރައްޔިތުންނާ ހިސާބަށް ފަސޭހަކަން، ގެނެސްދެއްވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ވޭމަންޑޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ. ވޭމަންޑޫ ސްކޫލުގައި މިރޭ ކުރިއަށްގެންދެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށުގެ ތަރައްޤީއަށްޓަކައި އެމަނިކުފާނުގެ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކާއި، އުމްރާނީ ތަރައްޤީގެ ކަންކަން މިހާރު ކުރިއަށް ގޮސްފައިވާ ހިސާބުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
ވޭމަންޑޫގެ ތަރައްޤީއަށްޓަކައި މުހިންމު 3 މަޝްރޫޢެއްގައި މިރޭގެ ރަސްމިއްޔާތުގައި ސޮއިކުރައްވާފައި ވާއިރު، މިމަޝްރޫޢުތަކަކީ ރަށުގެ ތަރައްޤީއަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ މަޝްރޫޢުތަކެއްކަމުގައި ޔަޤީންކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އޭގެ ތެރޭގައި ހިމެނެނީ ވޭމަންޑޫ ބަނދަރު އަޕްގްރޭޑްކުރުގެ މަޝްރޫޢު، ބިން ހިއްކުމުގެ މަޝްރޫޢު އަދި ޒަމާނީ ފެންވަރަށް ރަށުގެ މަގުތައް ތަރައްޤީކުރުމަށް އެއްބަސްވެވުނު މަޝްރޫޢެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މިމަޝްރޫޢުތައް ކުރިއަށް ގެންދަވަން ގަސްތުކުރައްވާ ގޮތުގެ މަޢުލޫމާތު، ރައްޔިތުންނާ ހިއްސާކުރައްވައި، ހުއްޓުމެއްނެތި މަސައްކަތްތައް ކުރިއަށް ގެންގޮސް، ނިންމަވައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ހަމަމިއާއެކު މިއަދު ފެއްޓެވި އާރް.ޓީ.އެލް ފެރީގެ ޚިދުމަތަކީ މުޅި އަތޮޅަށް މުހިންމުވެފައި އޮތް ޚިދުމަތެއް ކަމަށާ، މަސައްކަތްކުރައްވަމުން ގެންދަވަނީ ވަޢުދުވެވަޑައިގެންފައި ވާ ގޮތަށް، ތަރައްޤީގެ ރާޑަރަށް ކޮޅުމަޑުލު އެރުވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރް.ޓީ.އެލްގެ ޚިދުމަތް ދެވެން ފެއްޓެވުމާއެކު، ކޮޅުމަޑުލުގެ ނެޓްވަރކްއަށްވެސް އިތުރުކުރިއެރުންތަކެއް ގެނެސްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގެ ފޮނިމީރުކަން، އަތޮޅުގެ ރައްޔިތުންނަށް ގެނެސްދެއްވުމަށްޓަކައި ވުނޭރުންނަށް ބޮޑެތި ލުއިތަކާއެކު އަދުގެ ސަރުކާރުން ފަހިކޮށްދެއްވަމުން ގެންދަވާ މަގުތަކަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ.
އަދި ތ. ކޮޅުމަޑުލުގެ ތަޢުލީމީ ދާއިރާގެ ކުރިއެރުމަށްވެސް މަސައްކަތްތަކެއް ކޮށްދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނުދެއްވިއެވެ. އެގޮތުން، ނުނިމި، އަހަރުތަކެއް ފާއިތުވެފައިވާ ސްކޫލުގެ މަލްޓިޕަރޕަސް ހޯލާއި، އިމާރާތުގެ މަސައްކަތްތައް 2026 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށެންވާއިރަށް ނިންމަވައިދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައި.ޔޫ.އެމް)ގެ ލަރނިންގް ސެންޓަރެއް ރަށުގައި ތަރައްޤީކުރެވިގެންދާނެކަމުގެ ޔަޤީންކަންވެސް އެމަނިކުފާނުދެއްވިއެވެ.
މީގެ އިތުރުން ކުޅިވަރުގެ ދާއިރާއިންވެސް ރަށަށް ގެނެސްދެއްވާނެ ތަރައްޤީގެ މައްޗަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ. އެގޮތުން ފީފާ ސްޓޭންޑާޑްގެ ފުޓުބޯޅަ ދަނޑެއް ތަރައްޤީކޮށްދެއްވައި، 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ޒަމާނީ ފެންވަރުގެ ސްޕޯޓްސް ކޮމްޕްލެކްސްއެއްގެ މަސައްކަތްވެސް އަހަރުގެ ކުރީކޮޅު ފައްޓަވައިދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ކުޑަކުދިންނަށް ޚާއްޞަ، އެކަށީގެންވާ ފެންވަރުގެ ޕާކެއް ތަރައްޤީކޮށްދެއްވާނެކަމުގައިވެސް ވިދާޅުވިއެވެ.
ހަމަމިއާއެކު ޞިއްޙީ ގޮތުން ތ. ވޭމަންޑޫއަށް ގެނެސްދެއްވާ ތަރައްޤީގެ މައްޗަށްވެސް، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އަލަށް ތަރައްޤީ ކުރެވޭ 50 އެނދުގެ ހޮސްޕިޓަލުގެ ކަންކަން ފުރިހަމަވުމާ ހިސާބަށްވެސް، މިހާރުން މިހާރަށް ކޮށްދެއްވާނެ ކަންތަކެއް ހުރިކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ވޭމަންޑޫގައި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތްވެސް، މިރޭގެ ރަސްމިއްޔާތުގައި ވަނީ ފައްޓަވާފައެވެ.