ކޮޅުމަޑުލު ވަންދޫ ބަނދަރު ތަރައްޤީކުރުމާއި ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް މިއަދު ސޮއިކުރެވުނު މަޝްރޫޢުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށައި، މަޝްރޫޢު ނިންމައިދޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ. އެމަނިކުފާނު މިކަމުގެ ޔަޤީންކަން ދެއްވީ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކޮޅުމަޑުލު ވަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. މިއަދު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާ ހަވާލުކުރި މި މަޝްރޫޢަކީ ރަށުގެ ތަރައްޤީއަށް މުހިއްމު މަސައްކަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކައުންސިލްތަކުގެ މާލީ ޤާބިލުކަން އިތުރުކުރުމުގެ މަޤްޞަދުގައި، ރަށާއި ކައިރީގާ ހުންނަ ފަޅުރަށް ކައުންސިލާ ޙަވާލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން، މިއަދުގެ ޖަލްސާގައި ވަނީ ތ. ވަންދޫ ކައުންސިލާ އެ އަތޮޅު ކަކޮޅަސް ރަސްމީކޮށް ޙަވާލުކުރައްވާފައެވެ. މި ފަޅުރަށް ޙަވާލުކުރެއްވީ ވަންދޫ ކައުންސިލުން ހުށަހަޅުއްވާފައިވާ ޕްރޮޕޯސަލަށް ބިނާކޮށް، އެއްބަސްވުމަކާއި އެކުގައެވެ.
ރަށަށް އިޤްތިޞާދީގޮތުން ފައިދާ ހޯދައިދިނުމަށްޓަކައި، ކުރިއަށް އޮތްތަނުގައި އެއްބަސްވުމަށް އިތުރު ހެޔޮ ބަދަލުތައް ގެނެވެންއޮތްތޯ ބަލައި، އެބަދަލު ގެންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން އެކި ފަރާތްތަކަށް ކުއްޔަށް ދެވޭނެ ޖާގަ އިތުރުކުރުން ފަދަކަންކަން ވީ އެންމެ ރަނގަޅަކަށް ކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ވަންދޫގެ ތަރައްޤީއަށް މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރެއިން މިސްކިތުގެ މަސައްކަތް، އަންނަ ރަމަޟާންމަހަށް ނިންމަވައިދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއަހަރު ނިމުމުގެ ކުރިން ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމައި، އަންނަ އަހަރުގެ ބަޖެޓްގެ ތެރެއިން ރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހަދަންފެށޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި، ތަޢުލީމީ ދާއިރާއާއި ޞިއްޙީ ދާއިރާގެ ތަރައްޤީގެ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތްތައްވެސް ފެށި، ނިމެމުންދާ މަންޒަރު ފެންނާނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ ވަންދޫގެ ރައްޔިތުންނަށް ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ހިމެނިގެން ތ. ވަންދޫ ކައުންސިލް އިދާރާ ބިނާކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ މިއަދު ވަނީ އަޅުއްވާފައެވެ. އަދި ވަންދޫގެ، ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތްވެސް މިއަދު ވަނީ ފައްޓަވާފައެވެ.