بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ވިލުފުށީގެ ލޮބުވެތި އެންމެހައި ރައްޔިތުން، ރަށުގެ ކައުންސިލްގެ ރައީސް، މި ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، އެންމެހައި ކައުންސިލަރުންނާއި، މުއައްސަސާތަކުގެ ވެރިން، މި ރަށުގެ ޚިދުމަތްތެރި އެންމެހައި އިސް ރަށްވެހިން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، އަދި މި ޖަލްސާ އަޑުއައްސަވަމުން ގެންދަވާ، ބައްލަވަމުން ގެންދަވާ، ލޮބުވެތި އެންމެހައި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، އަޅުގަނޑަށް، އަޅުގަނޑުމެންގެ ޓީމަށް މިރޭ މި ރަށަށް އިރުއޮއްސުނު ވަގުތު އާދެވުމުން، މި ރަށުގެ ވަރަށް ގިނަ ލޮބުވެތި ރައްޔިތުން ވަޑައިގެން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން، ވިލުފުށީގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ، މި ރަށުގެ ތަރައްޤީއަށް ކުރަންހުރި ކަންކަން ވަރަށް ގިނަ. އެކަންކަން ކޮށްދިނުމަކީ އަޅުގަނޑުގެ ޒިންމާއެއް. އަދި މަސްއޫލިއްޔަތެއް. މީގެ ތެރެއިން ބައެއް ކަންކަން އަޅުގަނޑުވާނީ ކުރިން ވަޢުދުވެފައި، ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި. އަދި ބައެއް ކަންކަމަކީ މިރަށުގެ ތަރައްޤީއަށްޓަކައި، ސަރުކާރުން ތަރުތީބުކޮށްގެން ކުރަން ނިންމާފައި ހުރި ކަންކަން.

ހަމަ ޔަޤީނުންވެސް މި ހުރިހާ ކަމެއްގެ ތެރެއިންވެސް، ހުރިހާ ވަޢުދެއްގެ ތެރެއިންވެސް މި ރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަމަކީ، އެއަރޕޯޓުގެ މަޝްރޫޢު. އިރާދަކުރެއްވިއްޔާ، މިހާރު އެ އެއަރޕޯޓު އެޅުމަށްޓަކައި ރައްޔިތުން ބޭނުންވާ ތަނުގައި، އެއަރޕޯޓު އެޅުމަށްޓަކައި، ބިން ހިއްކުމުގެ މަސައްކަތް ޢަމަލީގޮތުން ފެށިފައި އެވަނީ. މާދަމާ ރަސްމީކޮށް އެ މަސައްކަތް އަޅުގަނޑުމެން ފަށާނަން.

މި އެއަރޕޯޓަކީ 1800 މީޓަރު ދިގު ރަންވޭއެއް އެޅިގެންދާނެ އެއަރޕޯޓެއް. އަދި މި އެއަރޕޯޓުގެ އެންމެހައި މަސައްކަތްތަކެއް، ބިންހިއްކުމާއި، ހިއްކާ ބިން ހިމާޔަތްކުރުމާއި، ރަންވޭ ހެދުމާއި، ޓަރމިނަލްއާއި، ދެން ހަމަ ޖުމްލަކޮށް ހުރިހާ މަސައްކަތެއް، މާދަމާއިން ފެށިގެން މި ހުރިހާ ކަމެއް އެކީގައި ނިންމައި، އެންމެ ގިނަވެގެން 30 މަސްދުވަހުގެ ތެރޭގައި އާދެ، ދެ އަހަރާއި ބައިގެ ތެރޭގައި، އެންމެ ގިނަވެގެން ދެ އަހަރާއި ބައިގެ ތެރޭގައި، މަސައްކަތް ނިންމައި، މި އެއަރޕޯޓު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހުޅުވާނަން.

އެއަށްވުރެ ލަހެއްނުވާނެ. ވިޔަސްވާނީ އަވަސް. ސަރުކާރުން ވަރަށް އިސްކަމެއްދޭ މަޝްރޫޢެއް މިއީ. ސަރުކާރުން ވަރަށް އިސްކަމެއްދީގެން، މި މަސައްކަތް މި ކުރިއަށް ގެންދަނީ. އާދެ، މި މަސައްކަތް ކުރިއަށް ގެންދާނީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ފަރާތުން. މި އެއަރޕޯޓު އޮޕަރޭޓް ކުރާނީވެސް އެ ކުންފުނީގެ ފަރާތުން. އެހެންވީމާ، އެކަމުގެ ހުރިހާ ކަމެއް ވަރަށް ފުރިހަމައަށް، ވަރަށް ތަރުތީބުން ހިނގަމުންދާނެ.

ހަމަ އެއާ ދާދި އެއްވަރަކަށް މުހިންމު އަނެއް މަޝްރޫޢަކީ، ހޮސްޕިޓަލުގެ މަޝްރޫޢު. މިއީ، އަޅުގަނޑު ރިޔާސީ އިންތިޚާބުގައި މައިގަނޑު ގޮތެއްގައިވީ ދެ ވަޢުދަކީ. ދެން އެހެން ވަޢުދުތައްވެސްވިން. އެހެންނަމަވެސް، މައިގަނޑު ދެކަމަކީ، އަދި ރައްޔިތުންގެ ތަރައްޤީއަށް ހަމަ އެއީ ޙަޤީޤަތުގައިވެސް އެންމެ މުހިންމު ދެ ކަންތައް. މާދަމާ ޢަމަލީ މަސައްކަތް މިފެށޭ، ހޮސްޕިޓަލުގެ މަޝްރޫޢު އެއީ ހަމަ ޔަޤީނުންވެސް އިރާދަކުރެއްވިއްޔާ ވިލުފުށީގެ ރައްޔިތުންނަށާއި އަދި މި ސަރަޙައްދުގެ ރައްޔިތުންނަށް ވަރަށްބޮޑު ކުރިއެރުމެއް ޞިއްޙީ ދާއިރާއިން ލިބިގެންދާނެ ކަމަކަށްވާނެ. މި މަޝްރޫޢު މާދަމާ ފެށިގެންގޮސް، މި މަޝްރޫޢުގެ މުއްދަތަކީ، އެންމެ ގިނަވެގެން 18 މަސްދުވަސް. ދޮޅުއަހަރު ދުވަސް. އެންމެ ގިނަވެގެން 18 މަސްދުވަހުގެ ތެރޭގައި ވަރަށް ފުރިހަމަ، ވަރަށް ޒަމާނީ ހޮސްޕިޓަލެއް އެޅި، ތިޔަބޭފުޅުންނަށް އަޅުގަނޑުމެން ނިންމައި ހަވާލުކުރާނަން.

މި ހޮސްޕިޓަލް އެޅެންދެންވެސް މި ރަށުގައި ހުރި ޞިއްޙީ މަރުކަޒު، ހެލްތު ސެންޓަރުގެ ފެންވަރުވެސް ރަނގަޅުކުރަން އަޅުގަނޑުމެން ވަނީ ނިންމާފައި. ޚިދުމަތުގެ ފެންވަރު. އެހެންވީމާ، އެތަނުގައި ޖާގަހުރި މިންވަރަކުން، ވަސީލަތްތައް އިތުރުކުރުން، މުވައްޒަފުން އިތުރުކުރުން، ޑޮކްޓަރުން އިތުރުކުރުން، އެއީ އަޅުގަނޑުމެން ކުރަން ނިންމާފައި އޮތް ކަމަކީ. އެހެންވީމާ، ކުރިއަށް މިއޮތް 18 މަސްދުވަހުގެ ތެރޭގައިވެސް މިހާރަށްވުރެ ރަނގަޅު ޚިދުމަތް ދިނުން އެއީ އަމާޒަކީ. އެއީ ސިޔާސަތަކީ.

އެހެންވީމާ، މި އަންނަ މަހުގެ ތެރޭގައި އަޅުގަނޑުމެން އިޢުލާނު ކުރާނަން، މި ރަށަށް އަންހެނުންގެ ޚާއްޞަ ޑޮކްޓަރަކާއި، ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރެއް ހޯދަން. އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ވަރަށް ޔަޤީންކަން އެބައޮތް، މި ރަށަށް މި ދެ ސްޕެޝަލިޓީގެ ޑޮކްޓަރުން އަންނަން ބޭނުންވާނެކަން. ހަމަ ޔަޤީނުންވެސް ސަރުކާރުން ބަޖެޓުގެ އެއްވެސް ދަތިކަމެއްނެތި، މިކަން ހަމަޖެހިގެންދާނެ. އެހެންވީމާ، ހުޅުވާލާނަން. ހުޅުވާލީމާ، އިރާދަކުރެއްވިއްޔާ އެ ދެ ދާއިރާއިން މި ރަށުގައި ޤާއިމުވެ ތިބޭނެ ދެ ޑޮކްޓަރުން ލިބޭނެކަމަށް އަޅުގަނޑު ވަރަށް ބޮޑަށް އުންމީދުކުރަން. އަދި ހަމަ ޔަޤީނުންވެސް އެކަން ވެގެންދިޔުމަކީ އަޅުގަނޑު އެންމެ އެދޭގޮތް. އަދި އިތުރު ކަންކަންވެސް މި ދެންނެވިހެން، ހިއުމަން ރިސޯސަސް، އިންސާނީ ވަސީލަތް، އަދި އެހެނިހެން ގޮތްގޮތުންވެސް މި ވަގުތަށް ކުރެވެން ހުރި ކަންކަން އަޅުގަނޑުމެން ކުރާނަން، ޞިއްޙީގޮތުން ކަންކަން ރަނގަޅު ކުރަން.

އާދެ، މި ދެންނެވި ދެ މަޝްރޫޢު މިއީ ހަމަ ޙަޤީޤަތުގައިވެސް އެންމެ މުހިންމު ކަންކަން. އޭގެ އިތުރަށްވެސް ވަރަށް ގިނަ ކަންކަން އަޅުގަނޑުމެން ކުރަން މި ފަށަނީ. ނޫނީވިއްޔާ ފަށާފައި މިވަނީ. ފުޓްބޯޅަ ކުޅުމަށްޓަކައި އޮތް ދަނޑު އިތުރަށް ތަރައްޤީކުރަން އަޅުގަނޑު ވަޢުދުވިން. އަޅުގަނޑުމެން ފުޓްބޯޅަ ދަނޑުތައް ހަދަނީ، އަދި ހުރިހާ ދަނޑެއްވެސް ހަދަނީ، ރޭގަނޑުވެސް ކުޅެވޭގޮތަށް. މި ސަރުކާރުގެ ސިޔާސަތަކީ އެއީ. ފެންސްޖަހައި، ލައިޓްޖަހައި ނިންމާފައި ހުންނަ ރަނގަޅު ފެންވަރުގެ ހުރިހާ ވައްތަރެއްގެ ކުޅިވަރު ކުޅޭ ދަނޑުތައްވެސް، އަޅުގަނޑުމެން ފަށާ މަޝްރޫޢެއްވިއްޔާ އެގޮތަށް އޮންނާނީ ނިންމަން ކަނޑައަޅާފައި. އެހެންވީމާ، ފުޓްބޯޅަ ދަނޑުގައި ރޮސްޓްރަމްއެއް ލެވި، މި ދެންނެވި ގޮތަށް މަސައްކަތްކުރަން މި ހަވާލުކުރެވުނީ.

ހަމަ އެގޮތަށް، އަޅުގަނޑުމެން މަގުހެދުމުގެ މަޝްރޫޢު. މަގު މި ރަށުގައި އެއް ފިޔަވަހި ނިމިފައި މިއޮތީ. ދެވަނަ ފިޔަވަހި މި ފެށެނީ. މި ފެށޭ ދެވަނަ ފިޔަވަހީގެ ތެރެއިން، ވަށައިގެން އޮންނަ ރިންގް ރޯޑު ހިމެނޭގޮތަށް، މަގުހެދުމުގެ މަޝްރޫޢު ކުރިއަށްދާނެ. އެކަން ހަމަ ތިޔަބޭފުޅުންނަށް އަޅުގަނޑު ޔަޤީންކޮށް އަރުވަން.

އާދެ، މި މަގުތައް ހެދިގެން ދިޔުމަކީ ހަމަ ޔަޤީނުންވެސް މި ރަށުގެ ތަރައްޤީއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމެއް. ސަބަބަކީ، މަގުހެދުމަކީ ޙަޤީޤަތުގައި އިޤްތިޞާދީގޮތުން އެ ތަނެއް ކުރިއަށްދިޔުމުގައި ހުޅުވޭ މަގެއް. މަގަކީ ތަރައްޤީކުރީމާ އިޤްތިޞާދީ ތަރައްޤީއަށް ހުޅުވޭ ދޮރެއް. މަގެއް. އެހެންވީމާ، ރަށްރަށުގެ އިޤްތިޞާދީ ތަރައްޤީއަށް، ޢުމްރާނީ ތަރައްޤީއަށް އަރބަނައިޒްވުމަށް ޙަޤީޤަތުގައި މަގުތައް ރަނގަޅު ފެންވަރަކަށް ހެދުން އެއީ، އަޅުގަނޑު ކަނޑައަޅާފައި އޮތް މެނިފެސްޓޯގައި ބަޔާންކޮށްފައި އޮތް ސިޔާސަތެއް. އެހެންވީމާ، އެގޮތުން އެކި ރަށްރަށުގައި އެކިވަރުވަރަށް، މި ދެންނެވީ އަދަދު ކަނޑައަޅާފައި، މި މަގުތައް ހަދަނީ. އެހެންވީމާ، އިރަދަކުރެއްވިއްޔާ މި ރަށުގައި ރަނގަޅު ފެންވަރުގެ މަޝްރޫޢެއް ހިނގާނެ.

އާދެ، މީގެ އިތުރަށްވެސް، ހުރި ކަންކަމަށް ބަލައިލާއިރުގައި، ނިމިފައި ހުރި ހައުސިންގ ޔުނިޓުތަކެއް އެބަހުރި. މިއީ ހަޤީޤަތުގައި މި ރަށަށް ދިމާވި، އަދި މުޅި ރާއްޖެއަށްވެސް ދިމާވި ވަރަށް ހިތާމަވެރި ސުނާމީ ހާދިސާއާ ގުޅިގެން ފެށުނު މަޝްރޫޢެއް. އެހެންނަމަވެސް، އެތައް އަހަރެއް ވެގެންދިޔަ ނިންމަންވެސް. ނިމިގެން އަދި މިއުޅެނީ އެތަނުގައި ކަރަންޓު، ފެން، މި ހުރިހާ ކަމެއްވެސް ނުކުރެވި. ބަޔަކަށް އެތަނަށް ވަދެ އުޅެވޭނީ، މި ދެންނެވި ކަންކަން ނިމިގެން. ސަރުކާރުން ވަރަށް އިސްކަމެއް ދެން، މި ދެންނެވި ޚިދުމަތްތައް، ފެނާއި، ކަރަންޓާއި، ނަރުދަމާގެ ކަނެކްޝަން ކަންތައްތައް ނިންމުމަށް އަވަސްކުރަން. އިރާދަކުރެއްވިއްޔާ އެކަން އަޅުގަނޑުމެން ހަމަ ވަރަށް ސަމާލުކަންދީގެން، ވަރަށް ރަނގަޅަށް ބަލާނަން، ހަމަ ވީއެންމެ އަވަހަކަށް ނިންމަން. އެންމެ ލަސްވެގެން މި އަހަރު ނިމެންވާއިރަށް، ބާކީ މިއޮތް ތިން މަހެއްހާ ދުވަހުގެ ތެރޭގައި، އެކަން ކޮށް ނިންމައިދޭނަން އިރާދަކުރެއްވިއްޔާ. ނިންމައި އަދި ކައުންސިލުން ނިންމަވާ ގޮތަކުން، ކައުންސިލުން އިޢުލާނު ކުރައްވަން ބޭނުންވަންޏާ އިޢުލާނުކޮށްގެން، ނޫނީވިއްޔާ ކައުންސިލުން ބޭނުންވާނަމަ، ހައުސިންގ މިނިސްޓްރީން އިޢުލާނުކޮށްގެން، މި ގެތަކަށް ކުރިމަތިލާނެ ފަރާތްތައް ހޮވައި، އެ ޕްރޮސެސްވެސް ހިނގާނެ. އެހެންވީމާ، ކައުންސިލާއި މިނިސްޓްރީއާ މިކަމާ މަޝްވަރާކުރާނެ.

އެހެންވީމާ، މިކަމުގައި މި އޮތްގޮތަކީ، ނޫނީވިއްޔާ ކުރިއަށްދާނެ ގޮތަކީ، މި އަހަރު ނިމެންވާއިރަށް، އެންމެ ލާސްޓް ޑޭޓު އެއީ. މި އަހަރު ނިމެންވާއިރަށް، މި ހުރިހާ ޔުޓިލިޓީސް ކަނެކްޝަން ހެދުމާއި، ގެތައް ލިބޭނެ ފަރާތްތައް ކަނޑައެޅުމާއި، މިކަންކަން ނިންމާނަން. އެއީ، ޓާގެޓަކީ. އެގޮތަށް އިރާދަކުރެއްވިއްޔާ އެކަން ކުރިއަށްދާނެ. އެކަމުގެ ޔަޤީންކަން ތިޔަބޭފުޅުންނަށް އަޅުގަނޑު އަރުވަން.

އެވަރަކުން އަދި ހައުސިންގގެ މައްސަލަ މި ރަށަކު ހައްލެއްނުވޭ. މި އަންނަ އަހަރު، މި އަންނަ އަހަރަށް އަޅުގަނޑުމެން ބަޖެޓު މިހާރު ހަދާ މަރުޙަލާ ކުރިއަށް މިދަނީ. މި ރަށުގައި މިހާރު ގޯތި ދޫކޮށްފައި ހުރި ފަރާތްތަކުގެ ގޯތިތަކުގައި، ގެ އެޅުމަށް ބޭނުންވާ ފަރާތްތަކަށް، އެ ފުރުޞަތު ލިބޭގޮތަށް، 100 ހައުސިންގ ޔުނިޓު އެޅުމުގެ މަޝްރޫޢެއް ކުރިއަށް ގެންދާނަން. އެހެންވީމާ، މި 100 ހައުސިންގ ޔުނިޓުގެ އިތުރަށް، 100 ހައުސިންގ ޔުނިޓު އެޅުމުގެ ވާހަކަ މި ދެންނެވީ. އެހެންވީމާ، އަމިއްލަ ގޯތީގައި ގެ އަޅަން ބޭނުންވަންޏާ، މި 100 ހައުސިންގ ޔުނިޓުގެ ތެރެއިން ކަނޑައެޅިދާނެ އަދަދެއް. އަދި މި ހުރިހާ ހައުސިންގ ޔުނިޓުތައްވެސް އެޅިދާނެ. 100 ގޯތި އޮތިއްޔާ 100 ގޯތި. އެ ގޮތަށް ބޭނުންވަންޏާ، ހަމަ އެ ރައްޔިތަކު ބޭނުންވާގޮތަށް އެކަން ކަނޑައަޅާނަން. ޖުމުލަ 100 ހައުސިންގ ޔުނިޓުގެ މަޝްރޫޢެއް ކުރިއަށް ގެންދަން އަޅުގަނޑުމެން މިއޮތީ ނިންމާފައި، މިއަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން.

އެހެންވީމާ، އެ މަޝްރޫޢު ކުރިއަށް ގެންދަން ބޭނުންވާގޮތް، ކައުންސިލުން މިނިސްޓްރީއަށް ދަންނަވަންވީ، ރައްޔިތުންގެ ޚިޔާލު ހޯއްދަވާފައި. ލިސްޓެއް ހަދަންޏާ، ލިސްޓް ހައްދަވަންވީ. އަމިއްލަ ގޯތީގައި ގެ އަޅަން ބޭނުންވާ ފަރާތްތައް. އޭރުން މި 100 ހައުސިންގ ޔުނިޓު އެކީގައިވެސް ގޯތިގޯތީގައި އަޅައިވެސް ނިންމައިލެވިދާނެ. އެހެންވީމާ، އިރާދަކުރެއްވިއްޔާ މި މަޝްރޫޢު ކުރިއަށް ގެންދެވޭނެ. މިއީ އެއް ކަންތައް.

ދެން ހަމަ މުޅި ރާއްޖެއަށް ޝާމިލުވާގޮތަށް އަޅުގަނޑުމެން ކުރިއަށްގެންދާ 5 ޕަސެންޓު އިންޓްރަސްޓްގެ ލޯނު ސްކީމް ހަމަ މި ރަށަށްވެސް ޝާމިލުވާނެ. އެ ލޯނު ސްކީމުންވެސް ހަމަ ލޯނު ލިބޭ ފަރާތްތަކަށް، ގެ އެޅޭނެ އަމިއްލަ ގޯތީގައި. މިއީ ފުރަތަމަ އަހަރުގެ ލޯނު ސްކީމް. މި ފުރަތަމަ އަހަރަށް ހުޅުވާލި ބުރުގައި ހޮވޭ ފަރާތްތައް ދާދި އަވަހަށް އިޢުލާނު ކުރާނެ. އެއީ ހަމަ މުޅި ރާއްޖެއަށް ހުޅުވާލި ފުރުޞަތެއް. އަދި މި އަންނަ އަހަރު ހަމަ އާ ފުރުޞަތުތައް ލިބޭނެ. އެހެންވީމާ، މި ދެ މަގު މިއޮތީ، އަމިއްލަ ގޯތީގައި ގެ އެޅުމަށް، ރާއްޖޭގެ ހުރިހާ ދިމާއެއްގައިވެސް.

އެހެންވީމާ، މި ރަށުގައި އިރާދަކުރެއްވިއްޔާ، މިހާރު ނިމިފައި ހުރި 100 ހައުސިންގ ޔުނިޓުގެ އިތުރަށް، މި އަންނަ އަހަރު އިރާދަކުރެއްވިއްޔާ، އިތުރު 100 ހައުސިންގ ޔުނިޓު އެޅުމުގެ ކަންތައް ކުރިއަށްދާނެ. އެހެންވީމާ، މި ވަގުތަށް ޖުމްލަ 200 ހައުސިންގ ޔުނިޓު. އަދި އެއީ މިހާރަށް އަޅުގަނޑުމެން ކަނޑައެޅި އަދަދު.

އާދެ، މީގެ އިތުރަށްވެސް، ސުނާމީއާ ގުޅިގެން، ނިންމާފައި އޮތް ކަމެއް އަދި ޙައްލެއްނުވޭ. ވަކި އަދަދެއްގެ ގެތަކާއި ކޮޓަރިތައް ދޭންޖެހޭ ފަރާތްތަކެއްގެ ލިސްޓެއް ހެދިފައި ވަނީ. މީގެ ތެރެއިން 40 ކޮޓަރިއެއް ލިބެންޖެހޭ 40 ފަރާތެއްވޭ. އެ މައްސަލަ އަދިވެސް އޮތީ ހައްލުނުވެ. މިކަމަކީ ދެން ހަމަ ވަރަށް ދިގުލައިގެން ގޮސްފައި އޮތް ކަމެއް. މިކަން އެބަޖެހޭ ނިންމަން. އަޅުގަނޑުމެން އަދިވެސް ކައުންސިލާ މަޝްވަރާކުރާނީ މިކަމުގައި. އަޅުގަނޑުމެން ސަރުކާރުން މިކަމުގައި ތައްޔާރު. ރައްޔިތުން ބޭނުންވާނަމަ، ވަކިން އެގޮތަށް އިމާރާތްކުރުމުގެ ބަދަލުގައި، އެއަށް އަގުކިޔާފައި، ފައިސާދީ، އެކަން ނިންމަންވެސް. 40 ކޮޓަރި އެ ލިބެންޖެހޭ ފަރާތްތަކަށް ފައިސާގެ އަދަދެއްދީ، އެކަން ނިންމުންވެސް އެއީ ސަރުކާރަށް އޮތް، ސަރުކާރުން ހަމަ ޤަބޫލުކުރާނެ އޮޕްޝަނެއް. ނޫނީވިއްޔާ، ހަމަ އިމާރާތްކުރުންވެސް. އެހެންވީމާ، އަޅުގަނޑުމެން ބޭނުން، މިކަން ނިންމައިދޭން. އެއީ ކޮންމެގޮތެއްވިޔަސް، ވަރަށް ބޮޑު އަމާނާތެއް، ޙައްޤެއް މިއީ ރައްޔިތުންގެ. އެހެންވީމާ، އެކަމުގައި ހައުސިންގ މިނިސްޓްރީއާއި ކައުންސިލާ މަޝްވަރާ ކުރެވިގެން، ދާދި އަވަހަށް ގޮތެއް ނިންމުމަކީ، އަޅުގަނޑު އެދޭގޮތް. އަޅުގަނޑުމެން ހަމަ ވަގުތުން، އެގޮތަކަށް ތަންފީޒުކޮށްދޭނަން. އަޅުގަނޑުމެން ބޭނުން އެކަން ވަގުތުން ވަގުތަށްވެސް ނިންމަން. އެހެންވީމާ، އެއީ އެކަމުގައި އަޅުގަނޑުމެންގެ ވިސްނުން އޮތް ގޮތަކީ. އަދި އަޅުގަނޑުމެންގެ ސިޔާސަތަކީ.

އާދެ، މީގެއިތުރަށް ހުރި ކަންކަމަށް ބަލައިލާއިރުގައި، ކުޅިވަރުގެ ދާއިރާއިން، މި ފުޓްބޯޅަ ދަނޑު އެޅުމުގެ އިތުރަށް، އަދި މިހާރު ހިނގަމުންދާ ފިޓްނަސް އެންޑް ރިކްރިއޭޝަން މަރުކަޒު ނިންމުމުގެ އިތުރަށް، ފުޓްސަލް ކުޅެވޭގޮތަށް، އަދި ހޭންޑްބޯލްވެސް ކުޅެވޭގޮތަށް، ދެ ކުޅިވަރު ކުޅެވޭ، ފުރިހަމަކުރެވިފައި ހުންނަ، މި ދެންނެވިހެން ފެންސުޖަހައި، ލައިޓްޖަހައި، ހުރިހާ ކަމެއް ނިމިފައި ހުންނަ، ފުޓްސަލްއާއި، ހޭންޑްބޯލް ކުޅެވޭ ކޯޓެއް އެޅުމުގެ މަސައްކަތް މި އަހަރު ތެރޭގައި، ޢަމަލީގޮތުން ފެށިގެންދާނެ. އަދި، ކައުންސިލުން ވޮލީކޯޓެއް އަޅާކަން އަޅުގަނޑަށް އެނގިފައި އެބައޮތް. އެހެންވީމާ، މި ތިން ކުޅިވަރު ކުޅެވޭނެގޮތް، މި ރަށުގައި ހަމަޖެހިގެން އެދަނީ. އަދި ފިޓްނަސް އެންޑް ރިކްރިއޭޝަން މަރުކަޒަކީ، ހަމަ ޔަޤީނުންވެސް ވަރަށް ބޮޑު ފައިދާއެއް ރައްޔިތުންނަށް ކުރާނެ ތަނަކަށްވާނެ.

އާދެ، މިކަންކަމުގެ އިތުރަށް، ތަޢުލީމީ ދާއިރާއިން އަޅުގަނޑު އެއްކަމެއް ފާހަގަކޮށްލަން ބޭނުން. މި ރަށަކީ، ތަޢުލީމީގޮތުން ލޯބިކުރާ އާބާދީއެއް އޮތް ރަށެއް. އަދި މިގޮތަށް އުމްރާނީ ތަރައްޤީގެ މުހިންމު ރަށެއް. އެއަރޕޯޓެއް ހެދިގެންމިދާ ދިޔުމުގެ ތެރެއިން އަދި މި ހުރިހާ ކަމެއްގެ ތެރެއިން، ތަޢުލީމީގޮތުންވެސް މުހިންމު ކަންތައްތަކެއް މި ރަށުގައި ޤާއިމުކުރުމަކީ، އަޅުގަނޑު ހިތުން ވަރަށް މުހިންމު ކަމެއް. އާދެ، އެގޮތުން، މި އަންނަ އަހަރުގެ ބަޖެޓުތެރެއިން، މި ރަށުގައި އެމް.އެން.ޔޫ.ގެ ކެމްޕަސްއެއް ޤާއިމުކުރުމުގެ މަސައްކަތް ފެށިގެންދާނެ.

އާދެ، ބޭންކިންގ ޚިދުމަތްވެސް އެއީ ހަމަ އެގޮތުން، މި ރަށުގައި އަޅުގަނޑުމެން އިސްކަންދޭ ކަމެއް. ހުރިހާ ރަށެއްގައި އަޅުގަނޑުމެން މި ޤާއިމުކުރާ އޭ.ޓީ.އެމް.، މި ރަށުގައިވެސް މާދަން ހުޅުވޭ. އެ ހުޅުވުމާއެކީގައި، އަޅުގަނޑުމެން މާދަމާ ބިންގާ އަޅަން އެބަ، ބޭންކުގެ ބްރާންޗެއް މި ރަށުގައި ހުޅުވުމަށްޓަކައި. އެ ބްރާންޗުގެ މަސައްކަތް، މި އަންނަ އަހަރުގެ މާރިޗު މަހުގެ ކުރިން ނިންމައި، ޚިދުމަތް ދޭން ފަށާނަން.

އާދެ، ސްޕޯޓްސް ފިޝިންގގައި ވަރަށް ގިނަ ޒުވާނުން އުޅޭ. މިކަމަށް އަޅުގަނޑުމެން ވަދުކަނދުފައްޗެއް އަޅައިދިނުމަށް މިވަނީ ނިންމާފައި. އެހެންވީމާ، ފިޝަރީޒް މިނިސްޓްރީން އެކަން ދާދި އަވަހަށް ކޮށް ނިންމާނެ. އިރާދަކުރެއްވިއްޔާ، ގިނަވެގެން ތިންމަސް ދުވަހުގެ ތެރޭގައި އެކަން ތިޔަބޭފުޅުންނަށް، އަޅުގަނޑުމެން ކޮށްދީ ނިންމާނަން.

އާދެ، މި ރަށުގައި ހުރި މިސްކިތް، އިސްލާމިކް ސެންޓަރަކަށް ހަދަން، އަޅުގަނޑުމެން މިނިސްޓްރީގެ ފަރާތުން ކައުންސިލާ ގުޅިގެން، އިސްލާމިކް މިނިސްޓްރީގެ ފަރާތުން އެކަން ކުރިއަށް ގެންދާނެ. އެހެންވީމާ، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައި އިސްލާމީ މަރުކަޒަކަށް އެ މިސްކިތް ބަދަލުވެގެންދާނެ.

އަޅުގަނޑު ހަމަ ލިސްޓު މި ކިޔަނީ. އަދި ނުނިމޭ. ދެން، އެއް ކަމަކަށް ފާހަގަކޮށްލާނަން. ސަރަޙައްދީ، ނޫނީވިއްޔާ އަތޮޅުތަކުގައި އަޅުގަނޑުމެން ޕަބްލިކް ވަރކްސް ޔުނިޓުތައް އެބަ ހަދަން. ކޮންމެ އަތޮޅެއްގައިވެސް ވެރިކަން ކުރާ ރަށުގައި، އާންމު އުޞޫލަކީ، ޕަބްލިކް ވަރކްސް ޔުނިޓު ހެދުން. އެހެންވީމާ، މި ރަށުގައިވެސް އެގޮތަށް އެކަން ކުރިއަށްދިޔުމުގެ އިތުރުން، މި ރަށުގައި އަޅުގަނޑުމެން ކުރިންވެސް، މި ދެންނެވީ، ކުރީގައިވެސް މި ރަށުގައި ޕަބްލިކް ވަރކްސް ޔުނިޓަކަށް ބޭނުންވާ ގޮތަށް، ކަންތައްތައް ތަރުތީބުކުރަން ފެށިފައި އޮންނާނީ. އެހެންވީމާ، ސަރުކާރުން އަޅުގަނޑުމެން ޤަބޫލުކުރާ ސްޓޭންޑަޑަށް، ހުރިހާ ތަކެތި ހަމަކުރެވިފައި ހުންނަ، ފުލީ ފަންކްޝަނަލް ޕަބްލިކް ވަރކްސް ޔުނިޓެއް، އިރާދަކުރެއްވިއްޔާ ގާއިމުކުރާނަން. ދެން، އެތަނަށް ބޭނުންވާ ތަކެތި ހަމަކޮށް، ތަކެތި ހޯދުމުގެ މަރުޙަލާ މިހާރު ކުރިއަށްދަނީ. އެންމެ ލަސްވެގެން، މި އަންނަ ޖަނަވަރީ މަސް ނިމެންވާއިރަށް، ހުރިހާ ތަކެއްޗެއް ހަމަކޮށް ނިންމައިދޭނަން.

އާދެ، މިއަދު އަޅުގަނޑުމެން ޕާސްޕޯޓު ދޫކުރަން މި ފެށީ. ޕާސްޕޯޓު ޚިދުމަތް މި ފެށީ މި ރަށުގައި. އާދެ، ޕާސްޕޯޓު ޚިދުމަތަކީ، އަޅުގަނޑުމެން ހުރިހާ އަތޮޅެއްގައި، މަދުވެގެން އެއް ރަށުގައި ޤާއިމުކުރާ އެއްޗެއް. މަދުވެގެން އެއް ރަށުގައި. މިއީ، ރައްޔިތުންނަށް ގާތުން ޚިދުމަތް ދިނުމަށްޓަކައި، ސަރުކާރުން ކަނޑައެޅި ސިޔާސަތެއް. ވަރަށް ވަރަށް ބޮޑު ފަސޭހައެއް ރައްޔިތުންނަށް އެބަ ލިބޭ، އައި.ޑީ.ކާޑާއި، ޕާސްޕޯޓާ އަތޮޅުތެރެއިން ލިބޭގޮތްވީމާ. ވަރަށް ބޮޑު ޚަރަދަކުން ސަލާމަތްވޭ. ވަރަށް ގިނަ ވަގުތެއް އެބަ ސަލާމަތްވޭ. އެކަހަލަ އެތައް ފައިދާއެއް އެބަ ކުރޭ. މި އަންނަ މަސް ނިމެންވާއިރަށް، ރާއްޖޭގެ މި ދެންނެވި ގޮތަށް، އަޅުގަނޑުމެން ކަނޑައަޅާފައި އޮތް ޓާގެޓަށް އެބަ ރީޗްވޭ. އަޅުގަނޑުމެން ކަނޑައެޅީ، މި އަހަރު ނިމެންވާއިރަށް، އެކަން ކުރަން. އެކަމަކު، އޭގެ ދެތިންމަސް ކުރިން، އޮކްޓޫބަރު މަސް ނިމެންވާއިރަށް، އަޅުގަނޑުމެން ހުރިހާ އަތޮޅެއްގައި، އަޅުގަނޑުމެން ކަނޑައެޅި ރަށްތަކުގައި، ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ޤާއިމުކޮށް ނިމޭނެ. ދެންހުރި އަތޮޅުތަކުގައި އަދި ޚިދުމަތްދީ ނުނިމި، ޤާއިމުނުކުރެވި އޮތް ތިން އަތޮޅެއް އެބައޮތް. އެ ތިން އަތޮޅުގެ ރައްޔިތުންނަށްވެސް ހަމަ އެ ޔަޤީންކަން ދިނުމުގެ ގޮތުން، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް، އަޅުގަނޑު މި ވާހަކަ ދަންނަވާލަން.

އާދެ، ޖުމްލަގޮތެއްގައި، މިކަންކަން އަޅުގަނޑު މި ފާހަގަކުރީ، އަދި އޭގެއިތުރަށްވެސް ކުރިއަށް އޮތް ތަނުގައި، އެކިއެކި ދާއިރާތަކުން މުހިންމު ކަންކަން އެބަހުރި. މިސާލަކަށް، ބަނދަރު ހެދުން. މި ރަށުގައި މިހާރު ބަނދަރު މިވަނީ ކުޑަވެފައި، ތިލަވެފައި. އަދި ބޭނުންކުރަންޖެހޭ ގޮތްގޮތަށް ބަލާއިރުގައި، ކުރިއަށް އޮތް ތަނުގައި އެއަރޕޯޓު އަންނައިރުގައި، މި ހުރިހާ ކަމަކަށް ބަލާއިރުގައި، ބަނދަރުގެ ޖާގަ ކުޑަ. އަދި ތިލަ. އަދި ހުރިހާ ގޮތަކުންވެސް ކަމަކުނުދޭ. މި އަންނަ އަހަރުގެ ބަޖެޓުގެ ތެރޭގައި ކުރިއަށްދާނެ، އަލަށް ހިނގާ އެންމެ މުހިންމު އެއް މަޝްރޫޢަކަށް ވާނީ، މި މަޝްރޫޢު. އިރާދަކުރެއްވިއްޔާ، މި ހުރިހާ މައްސަލައެއް ޙައްލުވާވަރުގެ، ޒަމާނީ ގޮތެއްގައި، މި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު، މި އަންނަ އަހަރު ތެރޭގައި ކުރިއަށް ގެންދާނަން. އެކަން ކުރިއަށް ދާއިރުގައި، މިހާރު މި ބަނދަރުގައި، މި ލޯޑިންގ، އަންލޯޑިންގ ހިސާބުގައި ޕޭވްނުކޮށް އޮތް މައްސަލައާއި، ހުރިހާ ކަމެއްވެސް ޙައްލުވެގެންދާނެ. އެހެންވީމާ، އެކަން އެގޮތަށް ކުރިއަށް ގެންދަން، އަޅުގަނޑު ނިންމާފައި ވަނީ.

އާދެ، އަޅުގަނޑު ހަމަ ބައެއް ކަންކަން މި ފާހަގަކޮށްލީ. އަދިވެސް އިރާދަކުރެއްވިއްޔާ، އިތުރު މަޝްރޫޢުތައް ކުރިއަށް ގެންދާނަން. އާދެ، ވިލުފުށީގެ ތަރައްޤީއަށް ހުރި ބައެއް ކަންކަން އަޅުގަނޑު މި ފާހަގަކުރީ.

އެކި ދާއިރާތަކުން، އިތުރު އެހެން މަޝްރޫޢުތައްވެސް އެބަހުރި. ކުޅިވަރުގެ ދާއިރާއިންވެސް، މިސާލަކަށް، އައުޓްޑޯ ޖިމް ޤާއިމުކުރުން. މިހެންގޮސް، ޞިއްޙީ ދާއިރާ، ތަޢުލީމީ ދާއިރާ، ހުރިހާ ދާއިރާއަކުން. ޖުމްލަކޮށް، މި ރަށުގެ ތަރައްޤީއަށް ކުރަންހުރި ހުރިހާ ކަމަކީ އަޅުގަނޑުމެންނަށް މުހިންމު ކަންތައްތައް. ރާއްޖޭގެ ހުރިހާ ރަށެއްގެ، ހުރިހާ ރައްޔިތުންނަށް، އެއްހަމައެއްގައި ހުރިހާ ޚިދުމަތެއް ދިނުމަކީ، އަޅުގަނޑުމެންގެ ސިޔާސަތު. އެކަން ކުރެވޭނީ، އެކަމަށްޓަކައި ކަންތައްތަކެއް ޕްލޭން ކުރެވިގެން. ރާއްޖޭގެ އިޤްތިޞާދު އޮތް ޙާލަތުވެސް ރަނގަޅުކުރަމުން.

އަޅުގަނޑުމެންނަށް ވާރުތަވީ، އިންތިހާއަށް ނުރައްކާތެރި ޙާލަތެއްގައި އޮތް، ވަރަށް ބޮޑަށް އަޅުގަނޑުމެން މަސައްކަތް ކުރަންޖެހުނުފަދަ އިޤްތިޞާދީ ޙާލަތެއް. ދަރަނި އިންތިހާއަށް ބޮޑުވެފައި އޮތް ޙާލަތެއް. އެހެންވީމާ، އަޅުގަނޑުމެން ފައިސާ ޗާޕުނުކޮށް، ބޭރުގެ ދަރަނި ދައްކަމުން، އަދި ބޭރުގެ އެކިއެކި ޤައުމުތަކުގެ ވަރަށް ބޮޑު އެހީތެރިކަމަކާ އެކީގައި، ބައެއް ކަންކަން އަޅުގަނޑުމެންނަށް ލުއިކޮށްދެމުން، މިކަހަލަ ކަންކަމުގެ ތެރެއިންނާއި، އެތެރޭގެ ދަރަނިތައް ދައްކަމުން، ރާއްޖޭގެ އިޤްތިޞާދު މެނޭޖްކުރަމުން، ޢުމްރާނީ، އިޖުތިމާޢީ އެކިކަހަލަ ތަރައްޤީގެ މަސައްކަތްތައް، ރައްޔިތުންނަށް އަޅުގަނޑު ވެފައިހުރި ވަޢުދުތައް ފުއްދުމުގެ ކަންކަން މިގެންދަނީ.

މި އަހަރު، އަޅުގަނޑުމެން މިކަންކަން ތާވަލުކުރި ގޮތަށް، ހަމަ ބަރާބަރަށް މިދަނީ، އެއްވެސްވަރަކަށް ބަދަލެއް ނައިސް. ބާކީ ވަޢުދުތައް ފުއްދުމުގެ ޢަމަލީ މަސައްކަތްވެސް މި އަންނަ އަހަރު ފެށޭނެ. ހަމަ ތާވަލު ކުރެވިފައި. އަޅުގަނޑު ކަނޑައަޅާފައި އޮތް ޕްލޭނާ އެއްގޮތަށް އިރާދަކުރެއްވީތީ، ބަރާބަރަށް އަޅުގަނޑުމެންނަށް ކަންކަން ކުރިއަށް އެބަ ގެންދެވޭ. އެއީ، ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާ އެކީގައި. ސަރުކާރުގެ ވަޒީރުންނާއި، ކުންފުނިތަކާއި، ރައްޔިތުންގެ މަޖިލީހުގެ އަޅުގަނޑުމެންގެ އެމްޕީޒުންނާއި، ހުރިހާ ރަށެއްގެ އެކިއެކި ކަންކަމުގައި ހަވާލުވެ ތިއްބެވި ބޭފުޅުންނާއި، ޖުމްލަކޮށް، ލޮބުވެތި ހުރިހާ ރައްޔިތުންގެ އެހީތެރިކަމާއި، ތާއީދާއި، ސަޕޯޓާ އެކީގައި، އަޅުގަނޑުމެންނަށް މިކަންކަން ރައްޔިތުންނަށްޓަކައި މި ކޮށްދެވެނީ. އެންމެ ބޮޑު އެހީތެރިކަމަކީ، ޤައުމުގައި ހަމަޖެހުން ޤާއިމުކޮށްދިނުމުގައި، ރައްޔިތުން ދެއްވާ ތާއީދު. އެއީ، އަޅުގަނޑު ހިތުން ފެންނަން ނެތް އެއްޗެއް. އެހެންނަމަވެސް، އިޙްސާސްވާ އެއްޗެއް.

އަޅުގަނޑު ދެންމެ މިކީ ލިސްޓުގައިވާ ހުރިހާ ކަމެއް ވާނެ މި ރަށުގައި އިރާދަކުރެއްވިއްޔާ. އެއްވެސް ސުވާލެއް އޮތް ކަމެއްނޫން. އަޅުގަނޑު މި ދެންނެވި ގޮތަށް ކުރާނަން އެ ކަންތައްތައް. އެކަމަކު ހަމައެއާއެކީގައި، އެކަންކަމުގެ ފޮނިމީރުކަން އަޅުގަނޑުމެންނަށް ލިބެނީ، ރައްޔިތުން ތިޔަ ދެއްވާ ތާއީދު. މި ޤައުމުގައި ހަމަޖެހުން ޤާއިމުކޮށް، ތަހުޒީބު ޤައުމަކަށް ހެދުމަށް ތިޔަ ކުރައްވާ މަސައްކަތުން. އަޅުގަނޑުމެން ބޭނުންވަނީ، އަޅުގަނޑުމެންގެ ދަރިންނަށް އުފާ ފާގަތި މުސްތަޤްބަލެއް ހޯދައިދޭން. އެކަން އަޅުގަނޑުމެންނަށް ޤާއިމުވެގެން މިދަނީ، އަޅުގަނޑުމެން އެންމެން، އަޅުގަނޑުމެންގެ ޤައުމު ހެޔޮމަގުން ގެންދިޔުމަށް ބޭނުންވާތީ. އަޅުގަނޑުމެން ބޭނުމެއްނޫން، ކުރީގައި އަޅުގަނޑުމެންނަށް މާޒީން ފެނުނު ދުވަސްތަކެއް އަނބުރާ ގެންނާކަށެއް. މި ޤައުމުގައި އަބަދު ބަދަލުހިފުމުގެ ރޫޙު ހިންގާ، އެއްބަޔަކު އަނެއް ބަޔަކު، ޤައުމުގެ ކަންކަން ހަލާކުކޮށް، ނޫނީވިއްޔާ އެކިކަހަލަ، އެކިކަހަލަ ގޯސް، މާޒީގެ ކަންތައްތައް އަނބުރާ ގެންނާކަށް.

އެހެންވީމާ، އަޅުގަނޑުމެން ކުރިއަށް ބަލައި، އަޅުގަނޑުމެން އެންމެން އެކުގައި، ޤައުމުގެ ކަންކަން މާނަވީގޮތުގައާއި، ހުރިހާ ގޮތެއްގައި ރަނގަޅުކުރުމަށް، ތަރައްޤީކުރުމަށް މި ކުރާ މަސައްކަތުގައި އެންމެން، ހުރިހާ ރައްޔިތުން ދެއްވާ އެއްބާރުލެއްވުމަކީ، އަޅުގަނޑަށް އެންމެ ބޮޑު އެހީތެރިކަމެއް ގޮތުގައި އަޅުގަނޑު ޤަބޫލުކުރަނީ. އެކަމަށްޓަކައި، ވިލުފުށީގެ ރައްޔިތުންނަށްވެސް އަދި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް، އަޅުގަނޑުގެ ހިތުގެ ފުންމިނުން ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ، ތިޔަބޭފުޅުންނަށް އަދިވެސް އެއްފަހަރު، މިއަދު އަޅުގަނޑުމެންނަށް ވިދާޅުވި ހޫނު މަރުޙަބާއަށް، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އެއިން އަޅުގަނޑަށް ހަމަ ޔަޤީނުންވެސް ދޭހަވެގެން ދިޔައީ، ތިޔަބޭފުޅުން، މި ރަށުގެ ރައްޔިތުން ބޭނުންވަނީ، މި ރަށުގެ ތަރައްޤީ ހާސިލުވެގެންދާން. ދަރިންގެ މުސްތަޤްބަލް އުޖާލާވެގެންދާން. އަދި، މި ރަށަކީ، ކުރިއަށް އޮތް ދުވަސްތަކުގައި، ވަރަށް ބޮޑުތަނުން، ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްޤީވެފައި އޮތް ފުރިހަމަ، އުފާވެރި، ފާގަތި ރަށަކަށް ހަދަން. އެހެންވީމާ، އެކަމުގައި، މި ސަރުކާރު އޮންނާނީ ފުރިހަމައަށް ވިލުފުށީ ރައްޔިތުންނާ އެކީގައި. އެ ޔަޤީންކަން ތިޔަބޭފުޅުންނަށް ދެމުން، އަޅުގަނޑު ވަކިވެލަން. އަދިވެސް އެއްފަހަރު، ވަރަށް ބޮޑަށް ޝުކުރިއްޔާ!

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. އާމީން.

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.