ނާލާފުށީ ބިންހިއްކާއިރު މިހާރުގެ ރަށުގެ ސައިޒަށްވުރެ އިތުރަށް، ފަނަރަ ހެކްޓަރުގެ ބިން ހިއްކައިދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މ. ނާލާފުއްޓަށް މިއަދު ހަވީރު ވަޑައިގެން، ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމުހޫރިއްޔާގެ ވާހަކަފުޅުގައި، ނާލާފުށީގައި ބަނދަރުބޮޑުކުރުމާއި ބިންހިއްކުމާއި ކޯޒްވޭގެ މަސައްކަތް ކުރިއަށް ގެންދާނީ އެއްކުންފުންޏަކުންކަން ފާހަގަކުރައްވައި ވިދާޅުވީ، ބަނދަރުބޮޑުކުރުމާއި ބިންހިއްކުމުގެ މަސައްކަތް ޢަމަލީގޮތުން މިއަހަރުގެ ޑިސެންބަރުމަހުގެ ތެރޭގައި ފެށޭނެކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ މ. ނާލާފުށި ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ޖަލްސާގައި، އެރަށުގެ ބިން ހިއްކުމާއި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއި ދެމެދު ވަނީ ސޮއިކުރައްވާފައެވެ.
ރަށުގެ ތަރައްޤީއަށް ކުރަމުންދާ އެހެން ކަންކަމަށް އިޝާރާތްކުރައްވައި އެމަނިކުފާނު ވިދާޅުވީ، ދިރާސީ އާ އަހަރަށް ރަށުގެ ސްކޫލްގެ މަސައްކަތްވެސް ފުރިހަމަކޮށްދެއްވާނެކަމަށެވެ. މީގެ އިތުރުން ޞިއްޙީ މަރުކަޒުގެ ޚިދުމަތް އިތުރުކުރުމާއި ފުޓްސަލް ދަނޑެއްހެދުމުގެ އަމަލީ މަސައްކަތް މިއަހަރު ފަށާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
އެމަނިކުފާނުވަނީ ނާލާފުށީގެ ރައްޔިތުންގެ ތަރަޤީއަށްޓަކައި ކުރިއަށްގެންދާ މަޝްރޫޢުތައް ރައްޔިތުން އުއްމީދުކުރާވަރަށް، ފުރިހަމަކަމާއި އެކީ ޙާސިލްކޮށްދެއްވާނެކަމުގެ ޔަޤީންކަންދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ތެރެއިން، މ. ނާލާފުށީގެ ތަރައްޤީއާ ގުޅުންހުރި ގިނަ މަޝްރޫޢުތަކެއް ވަނީ ރަސްމީކޮށް އިފްތިތާޙް ކުރައްވާފައެވެ. އެގޮތުން ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރގެ ބިންގާ އެޅުމުގެ މަޝްރޫޢާއި، ޕޮލިސް ޕޯސްޓުގެ ބިންގާ އެޅުމުގެ މަޝްރޫޢުގެ އިތުރުން، އައު ކައުންސިލް އިދާރާގެ އިމާރާތުގެ ބިންގާވެސް މިއަދު ވަނީ އަޅުއްވާފައެވެ.