ހދ. ކުނބުރުދުއާއި ހދ. މާވައިދުއާއި ހދ. ފަރިދޫ ރައްޔިތުން، އެއަތޮޅު ނޮޅިވަރަންފަރަށް ބަދަލުކުރެއްވުމަށް ކުރައްވަންހުރި މަސައްކަތްތައް، މިހާރު ހަލުވިކަމާއެކު ހިންގަވަމުން އެބަ ގެންދަވާ ކަމަށާއި، އެމަސައްކަތްތައް ވަރަށް އަވަހަށް ނިންމެވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހާމަކުރައްވައިފިއެވެ. މިކަން ހާމަކުރައްވާފައިވަނީ، މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތަފްޞީލު ހާމަކުރައްވައި، އެއޮފީހުން މިއަދު ޝާއިޢު ކުރެއްވި ޚަބަރެއްގައެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން، މިއަހަރުގެ ޖުލައި މަހުގެ 30 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ނޮޅިވަރަންފަރަށް ކުރެއްވި ދަތުރުފުޅުގައި، އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، ކުނބުރުދުއާއި މާވައިދުއާއި ފެރިދޫ ރައްޔިތުންނަށް ބޭނުންވާ ވަރަށް ނޮޅިވަރަންފަރުގައި މިހާރު ގެތައް ޢިމާރާތް ކުރައްވާފައިވާ ކަމަށާއި، ޙައްލު ކުރަންޖެހޭ އެހެން ކަންތައްތައްވެސް ޙައްލުކުރައްވައި، އެ ތިން ރަށުގެ މީހުންނަށް ނޮޅިވަރަންފަރުގައި އަވަހަށް ދިރިއުޅެން ފެށޭނެ ގޮތެއް ހޯއްދެވުމަށް ސަރުކާރުން ބޭނުންފުޅުވާ ކަމުގައިވަނީ ވިދާޅުވެފައެވެ.

މި ތިން ރަށުގެ މީހުން ބަދަލުކުރެއްވުމަށް ނޮޅިވަރަންފަރުގައި މިހާރު 134ގެ ވަނީ ޢިމާރާތް ކުރައްވާފައެވެ. އަދި ޗައިނާ ސަރުކާރުގެ އެހީގައި ހިންގަވާ 47ގެ ޢިމާރާތް ކުރުމުގެ މަސައްކަތް މިއަހަރުގެ ޑިސެމްބަރު މަހު ނިމޭނެ ކަމަށް ލަފާކުރެވެއެވެ. ހަމައެއާއެކު، އެސަރަޙައްދުގެ ޔުޓިލިޓީ ކުންފުނިން އިލެކްޓްރިސިޓީއާއި ނަރުދަމާގެ ޚިދްމަތް ދެއްވުމަށް ކުރައްވަންޖެހޭ މަސައްކަތްތައްވެސް ދަނީ ހިނގަމުންނެވެ. މިކަމަށް 1.6 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުވެއެވެ. މިކަމާބެހޭ ދިރާސާތައްވެސް މިހާރު ވަނީ ކުރެވިފައެވެ. މިކަމަށް ބޭނުންވާ ފައިސާ ހޯއްދެވުމުގެ މަސައްކަތް، ޔުޓިލިޓީ ކުންފުންޏާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއިން މިހާރު ގެންދަވަނީ ކުރައްވަމުންނެވެ.

ނޮޅިވަރަންފަރު ސްކޫލަށް އިތުރު 6 ކްލާސްރޫމާއި ލައިބްރަރީއެއް ޢިމާރާތް ކުރެއްވުމުގެ މަސައްކަތްވެސް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކުރައްވަމުން އެބަ ގެންދަވައެވެ. އަދި އެރަށުގެ ހެލްތް ޕޯސްޓް ބޮޑުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް، މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީއިން މިހާރު ވަނީ ފަށްޓަވާފައެވެ. މިކަމަށް 1.13 މިލިއަން ރުފިޔާ ޚަރަދުވާއިރު، އިތުރު ފަންޑް ހޯއްދެވުމަށް އެމިނިސްޓްރީން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.