ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މުލަކަތޮޅު ދިއްގަރު ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މުލަކަތޮޅު ދިއްގަރު ކައުންސިލު އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަން ވަނީ ހިއްސާކުރައްވާފައެވެ. މި ބައްދަލުވުމުގައި ކައުންސިލުން ވަނީ، ބަނދަރު އަޕްގުރޭޑް ކުރުމުގެ މަސައްކަތާއި އަލަށް ބިން ހިއްކި ސަރަހައްދަށް ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް އަވަހަށް ފެށުމަށް އެދިވަޑައިގެންފައެވެ. ހަމައެއާއިއެކު ރަށު ހޮސްޕިޓަލަށް ފިޒިޝިއަނަކާއި ސީއެންބިއުލެންސްގެ ޚިދުމަތް ބޭނުންވާކަން ފާހަކުރެއްވިއެވެ. އަދި ސުކޫލްގައި ޖާގައިގެ ދަތިކަންހުރުމުން އިތުރު ކުލާސްރޫމް ބޭނުންވާކަމާއި، ފުޓްބޯޅަ ދަނޑު ތަރައްޤީކުރުން އަވަސް ކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ކައުންސިލުން ވަނީ، ފެނަކައިގެ އިދާރީ މުވައްޒަފުން މަސައްކަތްކުރާނެ އިމާރާތެއް ނެތުމުން ދިމާވާ ދަތިތަކާއި ރަށަށް ފުލުހުންގެ އިމާރާތެއް ބޭނުންވާކަން ވެސް ފާހަގަކުރައްވާފައެވެ. އަދި އެބޭފުޅުން ވަނީ ރަށުގެ މަސްވެރިންގެ ހުރި ކަންބޮޑުވުންތައްވެސް ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ .މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ