ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، އ.ދ.ގެ ޢާންމު މަޖިލީހުގެ 65ވަނަ ދައުރުގެ ޢާންމު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާގެ ނިއުޔޯކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް މިރޭ ފަށްޓަވައިފިއެވެ. އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ޙުސައިންވެސް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.

ނައިބު ރައީސްގެ މިދަތުރުފުޅުގައި، އ.ދ.ގެ ޢާންމު މަޖިލީހުގެ 65ވަނަ ދައުރުގެ ޢާންމު ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ތަޤްރީރު ކުރައްވާނެއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާއި، އ.ދ.ގެ މިލޭނިއަމް ޑިވެލްޕްމަންޓް ގޯލްސްއާ ބެހޭގޮތުން ބޭއްވޭ ތަފާތު ބައްދަލުވުންތަކުގައި ރާއްޖެ ތަމްސީލު ކުރައްވާނެއެވެ. މިގޮތުން މޫސުމަށް އަންނަ ބަދަލު ތަކާއި މިލޭނިއަމް ޑިވެލްޕްމަންޓް ގޯލްސްއާ ގުޅޭގޮތުން، އެލައަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އައޯސިސް)ގެ ވެރިންނަށް އަމާޒު ކުރައްވައިގެން ޖަރުމަނުގެ ޗާންސެލަރ އެންޖެލާ މާރކެލް ބާއްވަވާ ބައްދަލުކުރެއްވުމެއްގަޔާއި، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކަށް އަމާޒު ކޮށްގެން މިލޭނިއަމް ޑިވެލްޕްމަންޓް ގޯލްސްއާ ބެހޭގޮތުން ނޭޕާލުން އިސްނަގައިގެން ބާއްވާ ބައްދަލުވުމެއްގައިވެސް ނައިބު ރައީސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

މީގެ އިތުރުން، އެމެރިކާގެ ޔޭލް ޔުނިވަރސިޓީގައި ނައިބު ރައީސްގެ ތަޤްރީރު ކުރައްވާ ގޮތަށްވެސްވަނީ ހަމަޖެހިފައެވެ.

މިދަތުރުފުޅުގައި، ނައިބު ރައީސްގެ އަރިހުގައި ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ޙުސައިން ޒަކީއާއި، މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީ ޑޮކްޓަރ އާމިނަތު ޖަމީލާއި، މިނިސްޓަރ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓް މުޙަންމަދު އަސްލަމްވެސް ބައިވެރިވެވަޑައިގަންނަވައެވެ.