ލަސްވެގެން 30 މަސް ދުވަހުގެ ތެރޭގައި ނިލަންދޫ އެއަރޕޯޓުގެ މަސައްކަތް ނިންމޭނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރިޔާސީ އިންތިޚާބުގައި އެމަނިފާނު ނިލަންދޫ ރައްޔިތުންނަށް ވެވަޑައިގެންފައިވާ އެންމެ މުހިންމު ވަޢުދަކީ ވައިގެބަނދަރެއް ޤާއިމުކޮށްދެއްވުންކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ، އެ މަސައްކަތުގެ އަދާހަމަ ރައްޔިތުންނާ ހިއްސާކުރައްވާފައެވެ. އެގޮތުން، އެއަރޕޯޓު މަސައްކަތަށް މިހާރު ހިއްކާފައިވާ ބިމަށް ބިން އިތުރުކޮށްގެން، 1800 މީޓަރުގެ ރަންވޭއެއް އެޅޭވަރަށް ބިން ހިއްކުމަށް އިރުޝާދު ދެއްވާފައިވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނިލަންދޫއަކީ އަރބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރާ ރަށެއްކަން ފާހަގަކުރައްވަމުން، އެ އަމާޒަށް ވާޞިލުވުމަށް ކުރިއަށްގެންދަން ރާއްވަވާފައިވާ އެހެނިހެން މަޝްރޫޢުތަކަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، ރަށުގެ ނަރުދަމާގެ މައްސަލަ ޙައްލުކުރުމަށް މާދަމާ މަސައްކަތް ފައްޓަވާނޭކަމަށާއި، ގިނަވެގެން 24 މަސް ދުވަސް ތެރޭ އެ މަސައްކަތް ނިމޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިހާރު މަސައްކަތް ގޮސްފައިވާ ހިސާބަށް ބައްލަވާއިރު، އިރާދަކުރެއްވިއްޔާ މި އަހަރު ތެރޭ ފެނުގެ ވިއުގަ ޤާއިމުކުރެއްވޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ދެ މަސައްކަތް ނިމެމުންދާ މިންވަރަކުން މަގުހެދުމުގެ މަސައްކަތް ކުރިއަށްދާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މަސްވެރިކަމާ ގުޅުންހުރި ކަންކަމަށް އަލިއަޅުއްވާލައްވަމުން، ނިލަންދޫގައި ޤާއިމުކުރާ ދަޅުބަންދުކުރާ ކާރުޚާނާގެ އިންޖިނިއަރިންގ، ޕްރޮކިއޮމަންޓް އަދި ކޮންސްޓްރަކްޝަން ކޮންޓްރެކްޓްގައި ސޮއިކުރައްވާފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. އަދި އަންނަ އަހަރުގެ މާރިޗު މަސް އަންނަން ވާއިރަށް، ނިލަންދޫވެސް ހިމެނޭހެން، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އިން ފިއުލް ސްކިޑް ބަހައްޓަން ކަނޑައެޅި ރަށްރަށުގައި އެ މަސައްކަތް ފުރިހަމަކުރެވޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން 200 ހައުސިންގ ޔުނިޓުގެ ގެދޮރުވެރިކަމުގެ މަޝްރޫޢާއި، 50 އެނދުގެ ހޮސްޕިޓަލުގެ މަޝްރޫޢު ކުރިއަށްދާކަމުގެ ޔަޤީންކަން އެމަނިކުފާނު ނިލަންދޫ ރައްޔިތުންނަށް ދެއްވިއެވެ. އަދި ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތާއި އިސްލާމީ މަރުކަޒުގެ މަސައްކަތް އަންނަ އަހަރަށް ތާވަލުކުރައްވާފައިވާކަން ވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.
މިރޭގެ ޖަލްސާގައި އެމަނިކުފާނު ވަނީ، އަންނަ އަހަރުން ފެށިގެން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ތަކުގެ ބަޖެޓަކީ ކައުންސިލް ބަޖެޓުގެ 10 އިންސައްތަ ކަމުގައި ކަނޑައަޅުއްވާނޭކަން އިޢުލާންކުރައްވާފައެވެ. މިއީ ފަސް އިންސައްތައިގެ ކުރިއެރުމެކެވެ. މި ފިޔަވަޅުގެ މަޤްޞަދަކީ ލާމަރުކަޒީ ނިޒާމު ކުރިއަރުވައި، އަންހެނުން ބާރުވެރިކުރުވުން ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުގެ މަޝްރޫޢުތައް ކުރިއަށްގެންދަވަނީ ލާމަރުކަޒުކޮށް، ރައްޔިތުން ގާތަށް ވަޑައިގެން، ރައްޔިތުން އެދޭގޮތް އޮޅުންފިލުއްވައިގެންކަން އެމަނިކުފާނު މިރޭވެސް ފާހަގަކުރެއްވިއެވެ. އެގޮތުން މިހާރު ތާވަލުކުރެވިފައިވާ ގޮތަށް ދާނަމަ، މި އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ކައުންސިލްތަކާ ދެވަނަ ފަހަރަށް ބައްދަލުކުރެއްވޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި ވަނީ، ނިލަންދޫގެ މަގުހެދުމުގެ މަޝްރޫޢުގެ އެއްބަސްވުމާއި، ދަޅުބަންދުކުރާ ކާރުޚާނާގެ ބިންހިއްކުމާއި ބަނދަރުހެދުމުގެ މަޝްރޫޢުގެ އެއްބަސްވުމާއި، ފ އަތޮޅުގައި ފިއުލް ސްޓޯރޭޖް ޤާއިމުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމާއި، ނިލަންދޫ ކުނި މެނޭޖުކުރުމުގެ މަސައްކަތް ވެމްކޯއާ ހަވާލުކުރުމުގެ އެއްބަސްވުމާއި، ނިލަންދޫ އެއަރޕޯޓް މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރައްވައި، ނިލަންދޫގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ފައްޓަވައިދެއްވާފައެވެ.