بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ފުލިދޫގެ ލޮބުވެތި އެންމެހައި ރައްޔިތުން، ރަށުގެ ކައުންސިލްގެ ރައީސް، މި ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، ރަށުގެ ޚިދުމަތްތެރި އިސް ރަށްވެހިން، މުއައްސަސާތަކުގެ ވެރިން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، މި ޖަލްސާ، ބައްލަވަމުން ގެންދަވާ، އަޑުއައްސަވަމުން ގެންދަވާ ލޮބުވެތި އެންމެހައި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، މިއަދު އަޅުގަނޑު ބައެއް ރަށްރަށަށް މި ފެށި ދަތުރުގައި، އެންމެ ފުރަތަމަ މި އާދެވުނީ މި ރަށަށް. އަޅުގަނޑުމެންނަށް ތިޔަބޭފުޅުން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ފުލިދޫގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ، މި ރަށުގެ ތަރައްޤީއަށްޓަކައި އަޅުގަނޑު ވާނީ ރިޔާސީ އިންތިޚާބުގައި، ބައެއް ކަންކަމުގައި ތިޔަބޭފުޅުންނަށް ވަޢުދުތަކެއް ވެފައި. އަޅުގަނޑު ވެފައި ހުރި ވަޢުދުތަކަކީ، އިރާދަކުރެއްވިއްޔާ ސަރުކާރުން ހަމަ އެ ވަޢުދުތަކަށް ދޭންޖެހޭ ފުރިހަމަ ސަމާލުކަންދީގެން، ރާއްޖޭގެ ހަމަ ހުރިހާ ރަށެއްގައިވެސް ފުއްދުމަށްޓަކައި މަސައްކަތް ކުރަމުންދާ ވަޢުދުތަކެއް.

އެގޮތުން، މިއަދު މި ރަށުގައި ފެށުނު ބައެއް މަސައްކަތްތައް އެއީ، އޭގެތެރެއިން ބައެއް މަސައްކަތް. ބައެއް ވަޢުދުތައް ފުއްދުމުގެ މަސައްކަތް. ބަނދަރުގެ މަސައްކަތް އެއީ، އޭގެތެރޭގައި ހިމެނޭ މުހިންމު ކަމެއް. އަދި ޞިއްޙީ ދާއިރާ ތަރައްޤީކުރުމަށްޓަކައި ފެށުނު މަސައްކަތް. މިއީ އަޅުގަނޑު ވެފައި ހުރި ބައެއް ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކަންކަން. އިރާދަކުރެއްވިއްޔާ ކުރިއަށްވެސް އިތުރު ކަންކަން ހުންނާނެ.

އާދެ، މިތާނގައި ދެންމެ މި ސޮއިކުރެވުނު ވޮލީކޯޓުގެ މަޝްރޫޢަކީވެސް އަޅުގަނޑުވީ ވަޢުދެއް. އާދެ، އެހެންވީމާ، ބައެއް ވަޢުދުތައް ފުއްދުމުގެ ޢަމަލީ މަސައްކަތާއި، އެއްބަސްވުންތަކުގައި މިއަދު ސޮއިކުރެވިގެން މިދިޔައީ.

ރާއްޖޭގެ ހުރިހާ ރަށެއްގައި އޭ.ޓީ.އެމް ބެހެއްޓުމަށްޓަކައި އަޅުގަނޑު ވީ ވަޢުދުގެ ތެރެއިން، މި ރަށުގައި އޭ.ޓީ.އެމް.ވެސް މިއަދު ހުޅުވިގެން މިދިޔައީ.

އާދެ، އެހެންވީމާ، މި ކޮންމެ ކަމެއްވެސް މިއީ ހަމަ ޔަޤީނުންވެސް އަޅުގަނޑު ގަބޫލުކުރަނީ، ފުލިދޫގެ ތަރައްޤީއަށް، އަމިއްލަ ފަރުދީ ތަރައްޤީ އަދި ރަށުގެ ތަރައްޤީއަށް، މުޅި ރަށުގެ ތަރައްޤީއަށްވެސް ފައިދާވާނެ ކަންކަން.

މިއީ ލޯކަލް ޓޫރިޒަމް ވަރަށް ބޮޑަށް ފުޅާވަމުން އަންނަ ރަށެއް. މިހާރުވެސް ގާތްގަނޑަކަށް ހަތާވީހަކަށް ގެސްޓްހައުސް އަދި މިހާރު ހުޅުވުމުގެ މަރުޙަލާގައި އިތުރު ސަތޭކަވަރަކަށް އެނދުގެ ޢަމަލީ މަސައްކަތް ހިނގަމުންދާތަން، މި ރަށުގައިވީ މިދިޔަ ކުޑަ ވަގުތުކޮޅުގެ ތެރޭގައިވެސް އަޅުގަނޑަށް ފެނިގެން ހިނގައްޖެ. އާބާދީގޮތުން ރަށުގައި ބިން ފުރިފައި. އާބާދީއަށް ބޭނުންވާވަރަށް ބިމެއް ނުވެސް ނެތް. ގޯތި ނުދެވޭތާވެސް ފަނަރަވަރަކަށް އަހަރުވީ.

މި ރަށުގެ ޙާލަތު މިއީ އޮތްގޮތް. އެހެންވީމާ، އެގޮތުން ރައްޔިތުން އެދިގެން، ރައްޔިތުންނަށް ބޭނުންވާ އެންމެ މުހިންމު އެއްކަމެއް ގޮތުގައި ވަޢުދުވެފައި އޮންނާނެ ބިން އިތުރުކޮށްދޭން. ނޫނީވިއްޔާ ބިން ހިއްކުމަށް. އާދެ، ބަނދަރުގެ މަޝްރޫޢު ހިނގަމުންދާއިރުގައި، ބަނދަރުގެ މަޝްރޫޢާ ގުޅިގެން ބިން ހިއްކިގެންދިޔުމަކީ، ރައްޔިތުން އެންމެ ބޮޑަށް އެދޭ ކަންތައްކަން އަޅުގަނޑަށް އެނގޭ.

އާދެ، އަޅުގަނޑު އެ ވާހަކައަށް ދާންވެގެން މިއުޅެނީ. ބިން ހިއްކުމުގެ މަޝްރޫޢަކު މިއަދު އަޅުގަނޑުމެން ސޮއެއްވެސް ނުކުރަން. އަދި ޢަމަލީ މަސައްކަތެއްވެސް ނުފަށަން. އެކަމަކު އެއީ ދެންމެ މި ދެންނެވި ފަދައިން، ތިޔަބޭފުޅުންނަށް އަޅުގަނޑުވީ އެންމެ މުހިންމު ވަޢުދު.

އާދެ، އަޅުގަނޑު ތިޔަބޭފުޅުންނަށް ދޭ ޔަޤީންކަމަކީ، އިރާދަކުރެއްވިއްޔާ އަޅުގަނޑު ވަޢުދުވީ ގޮތަށް އަދި މި ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު މި މައްސަލަ ޙައްލުކޮށްދިނުމަށްޓަކައި ބަނދަރާ ގުޅިގެންދާ ގޮތަށް މި ރަށަށް 12 ހެކްޓަރުގެ ބިން އިތުރުކޮށްދިނުމުގެ މަޝްރޫޢެއް ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަން. އަޅުގަނޑަށް އެކަމަކު ޔަޤީންކަމެއް ރައްޔިތުންގެ ކިބައިން ބޭނުންވާނެ.

މިދޭތެރެއިން އެހެން ރަށެއްގައި އަޅުގަނޑުމެންނަށް ދިމާވި ކަމެއް. އަޅުގަނޑު ވީ ވަޢުދެއް ފުއްދުމަށްޓަކައި، ބިން ހިއްކުމަށްޓަކައި ސޮއިކުރެވިގެންދިޔަ. އެހެންނަމަވެސް، ކަންތައްތައް ދިމާވިގޮތުން، އަޅުގަނޑުމެންނަށް އެ މަޝްރޫޢު ކުރިއަށް ގެންދެވޭގޮތެއްނުވި. އަޅުގަނޑަށް ބޭނުންވޭ، ރައްޔިތުންގެ ކިބައިން ޔަޤީންކަން. މި ރަށުގެ ރައްޔިތުން އެންމެ ބޭނުންވާ މަޝްރޫޢަކީ މިއީކަން. ރަށުގެ ރައްޔިތުންގެ ތެރެއިން ވޯޓެއް ނަގައިފިނަމަ، ހަމަ ބޮޑު މެޖޯރިޓީއަކުން ރައްޔިތުން ބޭނުންވާނެ ކަމެއް ކަމުގެ ޔަޤީންކަން ސަރުކާރުން ބޭނުންވާނެ، މިކަހަލަ ކަމެއް ކުރާއިރުގައި. އަޅުގަނޑު ވީ ވަޢުދު ފުއްދަން އަޅުގަނޑު މި ދެންނެވީ، 12 ހެކްޓަރުގެ ބިން ހިއްކައިދޭނަމޭ. އެހެންނަމަވެސް، އަޅުގަނޑު ބޭނުމެއްނޫން، މި މަޝްރޫޢުގައި ސޮއިކުރެވި، ނޫނީވިއްޔާ ޢަމަލީ މަސައްކަތް ފެށޭ ހިސާބަށްދާއިރުގައި، ދާދި މިދާކަށްދުވަހު އެހެން ރަށެއްގައި ދިމާވިކަހަލަ ގޮތަކަށް މަޝްރޫޢު ކެންސަލް ކުރަންޖެހި، އެކަހަލަ ކަންތައްތަކެއް ވާކަށް.

އެހެންވީމާ، ރައްޔިތުންގެ މި އެއްބާރުލުމާއެކީގައި، އެއްބައިވަންތަކަމާއެކީގައި، ރައްޔިތުން އެދޭގޮތް ސަރުކާރަށް ލިޔެކިޔުމުން ކައުންސިލް މެދުވެރިކޮށް ފޮނުވައިދިނުމަކީ، އަޅުގަނޑު ވަރަށް އެދޭ ކަމެއް. އެއީ، އަޅުގަނޑު ހިތުން ތިޔަބޭފުޅުންވެސް ބޭނުންވާނެ ކަމެއް. އެހެންބަޔަކު މި އަތޮޅުތެރޭގައި މިސާލަކަށް، ތިޔަބޭފުޅުންގެ ރަށަށް ބޭނުންވާ ބިން ހިއްކުމާ ދެކޮޅަށް މަސައްކަތެއް ކޮށްފިއްޔާ، އެކަމަށްޓަކައިވެސް ދެއްކެން އޮންނާނެ ލިޔުމަކަށް ވާނެ، އެ ލިޔުން. އެހެންވީމާ، ކައުންސިލް މެދުވެރިކޮށް ރައްޔިތުންގެ ބަސް، ރައްޔިތުން މިކަމަށް ބޭނުންވާކަން އެނގޭނެކަހަލަ ލިޔުމެއް ސަރުކާރަށް ފޮނުވައިދިނުމަކީ އަޅުގަނޑު ވަރަށް އެދޭ ކަމެއް. އަޅުގަނޑު ދެވަނަފަހަރަށް މި ވަޢުދުވީ، ޢަދަދާ އެކީގައި، 12 ހެކްޓަރު ބިން ހިއްކުން، ބަނދަރާ ގުޅިގެން ހިއްކައިދޭނެ ކަމަށް. އެކަމަކު މިކަމަށްޓަކައި އަޅުގަނޑަށް މި ލިޔުން ފޮނުވައިދިނުމަކީ ވަރަށް އެދޭ ކަމެއް. އެކަން ކޮށްދެއްވާނެ ކަމުގެ ޔަޤީންކަންވެސް އަޅުގަނޑަށް އެބައޮތް. ދާދި އަވަހަށް މާލަސްތަކެއްނުކޮށް އެފަދަ ލިޔުމެއް ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ފޮނުވައިދިނުން އަޅުގަނޑު ވަރަށް ބޮޑަށް އެދެން. އޭރުން އަޅުގަނޑު ހިތުން މިކަހަލަ ކަމެއް ދެން އެހެން ރަށްރަށުގައި ދިމައެއްނުވާނެ. މިދޭތެރެއިން ދިމާވިކަހަލަ ކަމެއް.

އަޅުގަނޑަށް އަންޑަރސްޓޭންޑްވޭ، މިކަހަލަ ލޯކަލް ޓޫރިޒަމްގެ ރަށެއްގައި، ބީޗް، އެ ރީތިކަން، ފަޅުގެ ރީތިކަން އެއީ ކިހާވަރެއްގެ މުހިންމު ކަމެއްކަން. އެކަމަށް ތިޔަބޭފުޅުން ވިސްނަވާނެ. އެހެންވީމާ، އެކަން ޔަޤީންވާނެ ގޮތަކަށް މި މަޝްރޫޢު ގެންދަން އަޅުގަނޑުވެސް ބޭނުން.

އާދެ، އެހެންވީމާ، މި އަހަރު ނިމި، މި އަންނަ އަހަރުގެ ކުރީކޮޅުގައި މި ޢަމަލީ މަސައްކަތް ފެށުމަށް އަޅުގަނޑު ބޭނުން މަސައްކަތް ކުރަން. ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށަން އަޅުގަނޑު ބޭނުން. އެހެންނަމަވެސް، މިކަމަށްޓަކައި ތިޔަބޭފުޅުންގެ ބަސް ލިޔެކިޔުމުން ފޮނުވައިދިނުމަށް އަޅުގަނޑު އެދެން.

އާދެ، ކޮންމެގޮތެއްވިޔަސް ބަނދަރުގެ މަޝްރޫޢު މިހާރު ފެށިގެން މިދިޔައީ. އިރާދަކުރެއްވިއްޔާ ވަރަށްބާރަށް ދާނެ. ބަނދަރު ހެދިގެންދާއިރުގައި، ބަނދަރުގެ ގިނަ ސައިޑްތައް، ނޫނީވިއްޔާ ވީހާވެސް ގިނަ ފަރާތްތަކެއް އެއީ، ބޭނުންހިފޭގޮތަށް، ވީހާވެސް ޖާގަ ތަނަވަސްވާނެ ގޮތަށް ބަނދަރުގެ ބޭނުންކުރެވޭނެ ގޮތަށް ޑިޒައިން ކުރެވިގެންދާނެ. އެހެންވީމާ، މި ހެދޭ ބަނދަރަކީ އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް އެންމެ ބޭނުންހިފޭ ކަހަލަ ބަނދަރަކަށްވާނެ.

އާދެ، އަޅުގަނޑު ދެންމެ މި ދެންނެވި ފަދައިން، ލޯކަލް ޓޫރިޒަމްގެ ވަރަށް މުހިންމު ރަށެއް މިއީ. ވަރަށްބޮޑު ޢަދަދަކުން ޓެކްސް އެބަ ދައްކަވާ، ރައްޔިތުންގެ ފަރާތުން ޓޫރިޒަމްގެ ދާއިރާއިން ޓީ.ޖީ.އެސް.ޓީ. އެހެންވީމާ، މިހާބޮޑު ކޮންޓްރިބިއުޝަނެއް ރާއްޖޭގެ އިކޮނޮމީއަށް ކުރަމުންދާ ރަށަކަށްވާއިރު، މި ރަށުގައި މިހާބޮޑު ޢަދަދަކަށް އެމެރިކާ ޔޫ.އެސް.ޑޮލަރު ދައުރުވަމުންދާއިރު، މި ދާއިރާ އިތުރަށް ކުރިއެރުވުމަށްޓަކައި ތިޔަބޭފުޅުންނަށް ހަމަ ޔަޤީނުންވެސް ވަރަށްބޮޑުތަނުން ފަސޭހަވެގެންދާނެ، މިއަދު ހުޅުވިގެންދިޔަ އޭ.ޓީ.އެމް.އާ އެކީގައި، ޔޫ.އެސް. ޑޮލަރ އޭ.ޓީ.އެމް.އެއްވެސް ބެހެއްޓިގެންދިޔުން. އެހެންވީމާ، އިރާދަކުރެއްވިއްޔާ މި އަންނަ އަހަރުގެ މާރިޗު މަހުގެ ކުރިން މި ރަށުގައި ޑޮލަރު އޭ.ޓީ.އެމް.އެއް ބަހައްޓާނެކަމުގެ ޔަޤީންކަންދެން.

އާދެ، ކުޅިވަރުގެ ދާއިރާއިން ބަލާއިރު، ވޮލީކޯޓު އެއީ އަޅުގަނޑު ވީ ވަޢުދު. ދެން ފުޓްބޯޅަ ދަނޑެއްއަޅަން ވަޢުދުވި. އެހެންނަމަވެސް، މި ރަށުގައި ބިމެއް ނެތް. އެވަރުގެ ބިމެއް. އެހެންވީމާ، މިވަގުތަށް ވޮލީކޯޓު ކައިރިން ފުޓްސަލް ދަނޑެއް، އަޅުގަނޑުމެން ފުޓްބޯޅަ ދަނޑަށް ކަނޑައަޅާފައި އޮތް ބަޖެޓުގެ ތެރެއިން އެޖަސްޓް ކޮށްފައި، މި ރަށުގެ ޒުވާނުން ކުޅުމަށްޓަކައި ފުޓްސަލް ދަނޑެއްގެ މަސައްކަތް އިރާދަކުރެއްވިއްޔާ މި އަހަރު ތެރޭގައި ޢަމަލީގޮތުން ފަށައިދޭނެ ކަމުގެ ޔަޤީންކަން ދެން.

އާދެ، މިއަދު މި ފެށިގެންދިޔަ ޞިއްޙީ މަރުކަޒަކީ، މި ރަށުގައި އާބާދީއަށް ބޭނުންވާވަރާއި އަދި މި ރަށުގެ މި ޓޫރިޒަމަށް ބޭނުންވާނެވަރަށް، މިހާރު މި ރަށުގައި މި ފުޅާވަމުންދާ ޓޫރިޒަމަށް، އެކި ބޭނުންތަކަށް މި ރަށަށް އަންނަ މީހުންނާ އެކީގައި، ގާތްގަނޑަކަށް ބާރަސަތޭކައެއްހާ މީހުން މި ރަށް ބޭނުންކުރޭ އެބަ، ރައްޔިތުންނާ އެކީގައި ޖުމްލަ. އެހެންވީމާ، މިވަރުގެ އާބާދީއަކަށް ބޭނުންވާވަރުގެ ޞިއްޙީ މަރުކަޒެއް އިރާދަކުރެއްވިއްޔާ އެޅިގެން މިދަނީ. 10 ވަރޑް އެނދާއި، ޕްރައިވެޓް ރޫމްތަކާއި، ކޮންސަލްޓޭޝަން ރޫމާއި، ދެންގޮސް ލެބާއި، ޓްރިއަރޖް، ހުރިހާ އެއްޗެއް ހިމެނިގެން، ދެބުރިއަށް ހުންނަ، ގާތްގަނޑަކަށް ވިއްސަކަށް އެނދުގެ، ޒަމާނީ ޞިއްޙީ މަރުކަޒެއް އެޅިގެންދަނީ. އިރާދަކުރެއްވިއްޔާ އޭގެ ފައިދާ ޢާންމު ރައްޔިތުންނަށް އަދި ޓޫރިޒަމްގެ ވިޔަފާރިއަށްވެސް ތިޔަބޭފުޅުންނަށް، ހަމަ ކޮންމެގޮތެއްވިޔަސް މި ރަށަށް އެއިން ފައިދާވާނެ ކަހަލަ ޔަޤީންކަމެއް އަޅުގަނޑު އެއިން ދެން.

އާދެ، ތަޢުލީމީ ދާއިރާއަށް ބަލާއިރު، މި ސްކޫލް މިއީ ވަރަށް ދުވަސްވީ ސްކޫލެއް. މި ސްކޫލްގެ ގޯތިތެރޭގައި ހަދަން ފަށާފައި މިހިރަ މަޝްރޫޢު ނިންމުމަށްޓަކައި، ހުއްޓިފައި ހުރި މަޝްރޫޢު ނިންމުމަށްޓަކައި އަޅުގަނޑުމެން މިހާރު މިއޮތީ މަލްޓި ޕަރޕަސް ހޯލުގެ މަސައްކަތް އެމް.ޓީ.ސީ.ސީ.އާ ހަވާލުކޮށްފައި. އެ ބޭފުޅުން މިހާރު ބަނދަރުގެ މަސައްކަތާއެކީގައި މޮބިލައިޒް ކޮށްފައި އެވަނީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ ދެން މަސައްކަތް ހިނގައިގަނެގެން ދާނެ. އެތަން ނިމުނީމާ ހަމަ ޔަޤީނުންވެސް ސްކޫލަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ. އެއީ އަދި އަޅުގަނޑުމެން ނިންމާލާ ހިސާބެއް ނޫން. އިރާދަކުރެއްވިއްޔާ މަލްޓި ޕަރޕަސް ހޯލާ އެކީގައި، އިތުރު ކަންކަން މި އަންނަ އަހަރު ސްކޫލާއި އެޑިޔުކޭޝަން މިނިސްޓްރީއާ ވާހަކަ ދެކެވިގެން، ސްކޫލްގެ އިންފްރާސްޓްރަކްޗަރއަށް އިތުރު ކުރިއެރުން ގެނައުމުގެ މަސައްކަތްތަކެއް އަޅުގަނޑުމެން ރާވާނަން، މި އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން. އެހެންވީމާ، މި ރަށުގެ ތަޢުލީމީ ދާއިރާއިންވެސް ކަންތައްތައް އަޅުގަނޑުމެން މިގޮތަށް ރާވާފައި މިއޮތީ.

އާދެ، އެހެންވީމާ، މައިގަނޑު ގޮތެއްގައި އަޅުގަނޑު މިދަންނަވާލި ކަންކަން ކުރިއަށްދާނެ. އަޅުގަނޑު ހިތުން މި ރަށުގެ، ރަށް ގިރުމުގެ މައްސަލައަށް އަދިވެސް ރަނގަޅު ޙައްލެއް ނާދޭ. ބިން ހިއްކުމާއެކީގައި ރަށް ގިރުމުގެ މައްސަލަ ޙައްލުކުރުން، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރަނގަޅު ދާއިމީ ޙައްލަކަށްވާނީވެސް.

އެހެންވީމާ، އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންގެ ފުރިހަމަ އެއްބާރުލުމާއެކީގައި، ލިޔެކިޔުން ފޮނުވުމާއެކީގައި، ދާދި އަވަހަށް ބިން ހިއްކުމުގެ މަސައްކަތް ފަށައިދޭނެ ކަމުގެ ޔަޤީންކަން އަދިވެސް ދެން. 12 ހެކްޓަރުގެ ބިން. އެ ވާހަކަކޮޅާއެކީ އަޅުގަނޑު ވަކިވެލާނަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. އާމީން.

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.