ސަރުކާރުގެ ވިޔަފާރި ކުރާ ކުންފުނިތައް ބެލެހެއްޓުމަށާއި، އެތަންތަނުގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި ސަރުކާރުގެ ސަތޭކަ ޕަސެންޓް ޙިއްޞާވާ ހޯލްޑިންގ ކުންފުންޏެއް އުފައްދަވައި، އެކުންފުނީގެ ދަށަށް އެތަންތަން ބަދަލުކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމެވީ، މިއަދު ބޭއްވެވި އެމަޖިލީހުގެ ޖަލްސާގައި، މިފަދަ ހޯލްޑިންގ ކުންފުންޏެއް އުފެއްދެވުމާ ބެހޭގޮތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއިން ތައްޔާރު ކުރެއްވި ކަރުދާހެއްގެ މައްޗަށް މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

މި ހޯލްޑިންގ ކުންފުނި އުފައްދަވައި ހިންގަވާނީ، ލިމިޓެޑް ލައިބިލިޓީ ކުންފުނިތަކާ އެއްގޮތަށް ރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުންނެވެ. މިފަދަ ކުންފުނިތަކުން އެހެން ޤައުމުތަކުގައިވެސް ސަރުކާރުގެ ވިޔަފާރިކުރާ ތަންތަން ބަލަހައްޓާ އުޞޫލުން ރާއްޖޭގައިވެސް މިމަސައްކަތް ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ބައްޓަން ކުރުމަށްޓަކައި ސިންގަޕޫރުގެ ތަމަސަކް ހޯލްޑިންގ ކުންފުންޏާއި، މެލޭޝިޔާގެ ޚަޒާނާ ހޯލްޑިންގ ބަރްހާދު ހިންގާ އުޞޫލުތަކަށް ރިޢާޔަތްކޮށްގެން، ރާއްޖޭގެ ޙާލަތާއި މާޙައުލާ ގުޅޭގޮތަށް މިކުންފުނި ހިންގެވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމެވިއެވެ.

ރާއްޖޭގައި ސަރުކާރުގެ ވިޔަފާރިކުރާ ތަންތަން އުފެދިގެން އައިސްފައިވަނީ، ރައްޔިތުންނަށް އަސާސީ ޚިދްމަތްދޭ ސަރުކާރުގެ އިދާރާތަކެއްގެ ގޮތުގައެވެ. އެހެން ނަމަވެސް، މިސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ގިނަ ތަންތަން މިހާރުވަނީ ކޯޕަރަޓައިޒްކޮށް، ވަކިވަކި ކުންފުނިތަކަކަށް ބަދަލުކުރެވިފައެވެ. އެހެންކަމުން، ދެން އޮތް މަރްޙަލާއަކީ، އަމިއްލަ ފަރާތްތަކަށް ބައިވެރިވެވޭގޮތަށް، އެ ފަރާތްތަކަށް ޙިއްޞާ ވިއްކައިގެން، ކުންފުނިތައް ޕްރައިވަޓައިޒް ކުރުންކަން ވަޒީރުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވައެވެ.

މިވަގުތު ސަރުކާރު ޙިއްޞާވާ 46 ކުންފުނި އުފެދިފައިވެއެވެ. މި 46 ކުންފުނީގެ ތެރޭގައި، ސަރުކާރު ސަތޭކަ އިންސައްތަ ޙިއްޞާވާ 33 ކުންފުނި ހިމެނެއެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ނޭޝަނަލް އިލެކްޓްރިކް ގްރިޑެއް ފަރުމާކޮށް ހިންގުމަށްޓަކައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓުން މަޝްރޫޢު އެކުލަވައިލެއްވުމަށްވެސް ނިންމެވިއެވެ. މިގޮތަށް ނިންމެވީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ޖަނަރޭޓަރ ބަހައްޓައިގެން ކަރަންޓް ދިނުމުގެ ބަދަލުގައި، ކޭބަލުން ގުޅާލައިގެން އިންޖީނުގެ މަދުކޮށްގެން އަދި އިކޮނޮމީ އޮފް ސްކޭލް ހޯދައިގެން ހިންގުމުން، މިހާރަށްވުރެ ހެޔޮ އަގެއްގައި ޢާންމުންނަށް ކަރަންޓް ދެވިދާނެ ކަމަށް ވަޒީރުންގެ މަޖިލީހަށް ފެނިވަޑައިގަންނަވާތީއެވެ.