بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربِّ العـالمـين، والصّـلاة والسّـلام عـلى أشرف المرسلين، سـيِّدنا محمّد وعلى آلـه وَصَحْبِـهِ أجمعـين.

އާދެ! މިއަދު އަޅުގަނޑުގެ އެންމެ އިސް އަދި އެންމެ އުފާވެރި ވާޖިބެއްކަމަށް ދެކެނީ އައްޑުއަތޮޅުގެ ލޮބުވެތި ރައްޔިތުންނަށް އަދި ވަކިން ޚާއްޞަކޮށް، ހިތަދޫގެ ލޮބުވެތި ރައްޔިތުންނަށް ސަރުކާރުގެ އެންމެ އިޚްލާޞްތެރި ހެޔޮއެދުންތައް ރައްދުކުރުން. އަޅުގަނޑު އައްޑުއަތޮޅަށް މިކުރާ ދަތުރުގައި ހިތަދުއަށް އައުމަށް ހަމަޖެހިފައިވާތީ، ހިތަދޫގެ ވެރިންނާއި ރައްޔިތުން މިކަމަށް ތައްޔާރުވެވަޑައިގެންފައިވާލެއް ފުރިހަމަކަމަށްޓަކައި އަޅުގަނޑުގެ ހިތުގައި އުފެދިފައިވާ އިޚްލާޞްތެރި ޝުކުރުގެ ޝުޢޫރުތައްވެސް ތިޔަ ހުރިހާ ބޭފުޅުންނަށް ރައްދުކުރަން. އަޅުގަނޑަށް އަބަދުވެސް ފާހަގަކުރެވެނީ، އައްޑުއަތޮޅުން އަޅުގަނޑަށް ލިބެނީ ވަރަށް ޚާއްޞަ ތަރުޙީބެއް ކަމުގައި.

ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، އައްޑުއަތޮޅަކީ ވަރަށް ގިނަ ރަށްތައް އެއްގަމު މަގުން ގުޅާލެވިފައިވާ އަތޮޅެއް. ގަމުން ފަށައިގެން ހިތަދުއަށް އަންނަ މަގުވެސް ވަރަށްދިގު. މީހުން އުޅޭ އެތައް ރަށެއް އެމަގުގައި އޮވޭ. އެ ދިގު މަގުގެ އެއްކޮޅުން އަނެއްކޮޅަށް މަރުޙަބާގެ ޢިބާރާތްތައް ލިޔެވިފައިވުމާއި، އަޅުގަނޑުމެންގެ ފަޚްރުވެރި ދިދަ ވަރަށްގިނަ ޢަދަދަކަށް ވިހުރުވި ވިހުރުވި ހުންނަގޮތަށް، އެ ދިދަތައް އެ މަގުގައި ބަހައްޓަވާފައި ހުރުމާއި އަދި އައްޑުއަތޮޅުގެ ހުރިހާ ރަށެއްގެ ރައްޔިތުން ނުކުމެވަޑައިގެން، އަޅުގަނޑަށް މަރްޙަބާ ވިދާޅުވުމުގެ ގޮތުން މަގުމަތީގައި ތިއްބެވުމާއި އަދި އައްޑުއަތޮޅުން އެ ފެންނަ ހިނިތުންވެފައިވާ އިޚްލާޞްތެރި މޫނުތައް އެގޮތަށް ފެނުމާ، މިކަންކަމުން އަޅުގަނޑުގެ ހިތަށް އަބަދުވެސް ލިބެނީ ވަރަށްވެސް މަތިވެރި އުފަލެކޭ އަޅުގަނޑަށް ދަންނަވަންޖެހޭ. އާދެ، އަޅުގަނޑު މި ދަންނަވާ ވާހަކައަކީ ފަހަރެއްގައިވެސް އަޅުގަނޑު މިއަތޮޅަށް އަންނާތީ އަތޮޅުގެ ރައްޔިތުން ބުރަ މަސައްކަތްތަކެއް ކުރައްވަން އަޅުގަނޑު ބޭނުންވެއެކޭ ނޫން. އެއީ ޙަޤީޤަތުގައިވެސް އަޅުގަނޑު ބޭނުންވާ ކަމެއްނޫން. އެހެންނަމަވެސް، އަތޮޅުގެ ރައްޔިތުން އެ މަސައްކަތްތައް އެ ކުރައްވަނީ އަތޮޅުގެ ރައްޔިތުންގެ ހިތްތަކުގައި ސަރުކާރާ ދޭތެރޭގައި އުފެދިފައިވާ އިޚްލާޞްތެރިކަމެއްގެ ބޮޑުކަމުންކަން އަޅުގަނޑަށް ޤަބޫލުކުރެވޭތީ، އެކަން އަޅުގަނޑު ފާހަގަކޮށް އަދި އެ މަސައްކަތްތައް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ބަލައިގަންނަނީ.

އާދެ! ދެންމެ މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ނާއިބު ޑޮކްޓަރ މުޙަންމަދު ލަޠީފް އެ ވިދާޅުވި ފަދައިން، އަޅުގަނޑަށް މި އަތޮޅަށްވެސް އެއްފަހަރަށްވުރެ ގިނަފަހަރު ޒިޔާރަތް ކުރެވިއްޖެ. އާދެ، މި މަޤާމުގައި ހުރެގެން މީގެކުރިން ހަތް ފަހަރަކު އަޅުގަނޑު އައްޑުއަތޮޅަށް އައިސްފިން. އަދި ހިތަދުއަށްވެސް ޒިޔާރަތްކޮށްފިން. މިއީ ރާއްޖޭގެ އެހެން ހިސާބަކަށް އަޅުގަނޑަށް އަދި ޒިޔާރަތް ނުކުރެވޭހާ ގިނަފަހަރުކަން މިދަންނަވަނީ، އައްޑުއަތޮޅަށް ލިބިފައިވާ ޚާއްޞަ އަހަންމިއްޔަތު ފާހަގަކުރުމުގެ ގޮތުން.

އާދެ! އައްޑުއަތޮޅަކީ، ރާއްޖޭގައި މީހުން އުޅޭ ނިސްބަތަށް ބަލާއިރު، އެންމެ ގިނަ މީހުން އުޅޭ އަތޮޅު ކަމުގައިވޭ. އަދި ޚާއްޞަކޮށް، ހިތަދުއަކީ މާލެ ނަގާފައި، ރާއްޖޭގައި އޮތް އެންމެ އާބާދީ ބޮޑު ރަށް. އެހެންކަމުން، އެގޮތުންވެސް ސަރުކާރުން ވަރަށް ޚާއްޞަ އަހަންމިއްޔަތެއް މި އަތޮޅަށް ދޭންޖެހޭ. އަދި ހިތަދުއަށްވެސް ދޭންޖެހޭ. އެހެންކަމުން، އަޅުގަނޑުގެ ދަތުރުތައްވެސް މި އަތޮޅަށް ތަންކޮޅެއް ގިނައިން ކުރެވޭގޮތް ދިމާވެފައި އޮންނަނީ ނުވަތަ ތަންކޮޅެއް ގިނައިން މި އަތޮޅަށް ޒިޔާރަތް ކުރުމަކީ އަޅުގަނޑުގެ ޚާއްޞަ އުފަލަކަށްވެފައި އޮންނަނީ. މިދިޔަ އަހަރުވެސް އަދި އޭގެ ކުރީ އަހަރުވެސް އައްޑުއަތޮޅަށް އައުމުގެ އުފާ އަޅުގަނޑަށް ވަނީ ލިބިފައި. މިއަހަރު މިއާދެވުނީ ވިދިވިދިގެން ތިންއަހަރު. މީގެ ކުރިންވެސް ވިދިވިދިގެން ނޫންނަމަވެސް، ވަރަށްގިނަފަހަރު މި އަތޮޅަށް ޒިޔާރަތްކުރުމުގެ އުފާ އަޅުގަނޑަށް ވަނީ ލިބިފައި.

އާދެ! އައްޑުއަތޮޅުގެ ތަރައްޤީއަށް އައްޑުއަތޮޅުގެ ރައްޔިތުން ވަރަށްގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ. އަދި އެ މަސައްކަތްތައް ކުރެއްވުމުގައި ސަރުކާރުގެ އެހީވެސް މި އަތޮޅުގެ ރައްޔިތުންނަށް ވަރަށްބޮޑަށް ލިބިވަޑައިގަންނަވާ. އަދި ހިތަދޫގެ ރައްޔިތުންނަށްވެސް އެ އެހީ ވަރަށް ޚާއްޞަގޮތެއްގައި ލިބިވަޑައިގަންނަވާކަން ހިތަދޫގެ ލޮބުވެތި ރައްޔިތުންނަށް ޤަބޫލުކުރެއްވޭނެ. މިހާރުވެސް ތަރައްޤީގެ ވަރަށްބޮޑެތި މަސައްކަތްތަކެއް މި އަތޮޅުގައި ހިނގަމުން އެބަދޭ. އެންމެ ޚާއްޞަ އެއްމަސައްކަތެއްގެ ގޮތުގައި ހިނގަމުންދަނީ ހިތަދޫ ފަޅުފުންކުރުމުގެ މަސައްކަތް. އެ މަސައްކަތަކީ ވަރަށް މުހިންމު، ވަރަށް ޚަރަދުބޮޑު، އެހެންނަމަވެސް، އަތޮޅަށް އެހާބޭނުންތެރި މަސައްކަތެއް. އެ މަސައްކަތުގެ ބޮޑުބައި މިހާރު ނިމިފައިވާކަން އުފަލާއެކު އަޅުގަނޑު ފާހަގަކޮށްލަން. އާދެ، އެކަމަށް ގެނެވިފައިވާ ކޮންނަ ބޯޓަކީވެސް މީގެކުރިން ސަރުކާރުން ނުހޯދާފަދަ ބޮޑު، އަގުވެސް ބޮޑު އަދި މަސައްކަތް ހަލުވި ބޯޓެއް. އާދެ، މި ބޯޓު ގެނައުމުގެ މަސައްކަތް ސަރުކާރުން ފެށީ، 1988 ވަނަ އަހަރު. މީގެ ގާތްގަނޑަކަށް ފަސްއަހަރު ކުރިން. އެހެންނަމަވެސް، 1988ގެ ޢުދުވާނީ ޙަމަލާ އައުމާ ގުޅިގެން، ބައެއްކަހަލަ ޚަރަދުތައް ކުޑަކުރަން ސަރުކާރަށް މަޖުބޫރުވެފައި އޮތުމާއެކީގައި، އެ ބޯޓުގެ މަސައްކަތްވެސް، ބޯޓު ގެނައުމުގެ މަސައްކަތްވެސް ކުޑަދުވަސްކޮޅެއް ވަންދެން އޮތީ މަޑުޖެހިލާފައި. އޭގެފަހުން، އަޅުގަނޑުމެން ބޭނުންވާ، ބޯޓުގައި ހުންނަންޖެހޭނެ ކަންތައްތަކާއި އަދި އެ ބޯޓު ވިއްކާ ފަރާތުން ހުށަހަޅާ ޝަރުޠުތަކާ، މިކަންކަމާ ބެހޭގޮތުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ މެދުގައި މަޝްވަރާ ކުރެވި، އެންމެފަހުން ބޯޓަށް އޯޑަރުދެވުނީ އަޅުގަނޑު ހަނދާންވާގޮތުގައި، 1991 ވަނަ އަހަރުގެ ތެރޭގައި. ދެން އެކަން ކުރިއަށްގޮސް އެ ބޯޓު އަޅުގަނޑުމެންނަށް ލިބުނީ މިދިޔަ އަހަރު.

ފަޅުފުންކުރުމަކީ ރާއްޖޭގެ ވަރަށްގިނަ ރަށްރަށަށް ބޭނުންވެފައިވާ، ވަރަށް މުހިންމު ޚިދުމަތެއް. އެކަން ކުރުމަށްޓަކައި ސަރުކާރުން ވަރަށް ކުރިއްސުރެ މަސައްކަތް ކުރަމުން އެބައާދޭ. އާދެ، އެގޮތުން މިހާރު ގެނެވިފައި މިވާ ކޮންނަބޯޓުގެ އިތުރަށް، އަޅުގަނޑު ރައީސްކަމާ ޙަވާލުވިފަހުންވެސް ދެ ބޯޓެއްވަނީ ގެނެވިފައި. 1982، އެހިސާބުގަނޑުގައި އެއްބޯޓު. އަދި 1984، 1985 އެހިސާބުގަނޑުގައި އަނެއްބޯޓު. އެހެންވީމާ، މިހާރު މި ގެނެވުނު ބޯޓަކީ މި ދައުރަށްވީފަހުން ގެނެވުނު 3 ވަނަ ކޮންނަބޯޓު. މި މަސައްކަތް، މިދެންނެވީ ރާއްޖެތެރޭގެ ރަށްރަށުގެ ފަޅުކޮނުމުގެ މަސައްކަތަކީ އެއްފަހަރާ އެތައް ރަށެއްގައި މިހާރު ސަރުކާރުން ކުރަމުންގެންދާ މަސައްކަތެއް. އެކަން އެހެން ކުރަންޖެހޭ ސަބަބަކީ، ރާއްޖެތެރޭގެ ރައްޔިތުންނަށް ދިމާވާ އެންމެ ބޮޑު ދައްޗަކީ ފަޅުގެ ތިލަކަން، ފަޅުގެ ދަތިކަން ކަން ސަރުކާރަށް ވަޒަންކުރެވޭތީ. އެހެންވީމާ، މި މަސައްކަތް އެކަށީގެންވާ ގޮތެއްގައި ހިތަދޫގައި ކުރެވެމުންދާތީ، އެކަމަށްޓަކައި އަޅުގަނޑު ވަރަށް އުފާކުރަން. އިރާދަކުރެވިއްޔާ ހިތަދޫގެ ފަހުން އަދި މި އަތޮޅުގެވެސް އަދި އެހެން އަތޮޅުތަކުގެ ރަށްރަށުގައިވެސް އެ މަސައްކަތް ކުރެވެމުންދާނެ. މިހާރުވެސް ކުރެވެމުން އެބަދޭ. އެހެންވީމާ، އެއީވެސް އަޅުގަނޑުހިތުން ހިތަދޫގެ ރައްޔިތުންނަށް ލިބޭނެ ވަރަށްބޮޑު ކުރިއެރުމަކާއި ދިރުމެއް.

އާދެ! ދެން ދަންނަވާލަން އޮތީ ކަރަންޓުގެ ޚިދުމަތް ހިތަދުއަށް ދިނުމަށްޓަކައި ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކުގެ ވާހަކަ. މާގިނަ ތަފްޞީލުތަކަކަށް ނުދިޔަކަމުގައިވިޔަސް، ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، ސަރުކާރުގެ ޚަރަދުގައި ހޯދާފައިވާ ހަތަރު އިންޖީނު ވަނީ ހިތަދޫގެ އަމިއްލަ ދެފަރާތަކާ ޙަވާލުކުރެވިފައި. އެ ދެފަރާތުން ކަރަންޓުގެ ޚިދުމަތް ރައްޔިތުންނަށް ދެއްވުމަށްޓަކައި. އެހެންނަމަވެސް، އަމިއްލަ ފަރާތަކުން އެ މަސައްކަތް ކުރައްވާއިރު ޚަރަދު ހިނގާލެއް ބޮޑުކަމުން އެފަރާތްތަކަކަށްވެސް މާ ކުޑަ އަގެއްގައި ކަރަންޓް ދޫކުރެއްވޭކަށެއްނޯވޭ. މިއަހަރުގެ ޖޫންގެ ކުރިން، ޔުނިޓެއް -/4 ރުފިޔާއަށް ވިއްކަވަމުން ގެންދެވީ. އެހެންނަމަވެސް، އެކަމަކީ ހިތަދޫގެ ރައްޔިތުންނަށް ވަރަށްބޮޑު ބުރައެއް އުފުއްލަވަންޖެހޭ ކަމެއްކަން ސަރުކާރަށް އެނގުމާއެކު، އެފަރާތާ ވާހަކަ ދައްކައިގެން އެފަރާތުން ބައިރުފިޔާ ކުޑަކޮށްދިން. އޭރުން އެވަނީ 3/50 ރުފިޔާއަށް. 3/50 ރުފިޔާއަކީވެސް ބޮޑު ޢަދަދަކަށްވާތީ، ސަރުކާރުން އަނެއް ބައިރުފިޔާއާ ޙަވާލުވެ، މިހާރު -/3 ރުފިޔާއަށް ތިޔަބޭފުޅުންނަށް ކަރަންޓް ލިބިވަޑައިގަންނަވަމުންދަނީ. އެއީވެސް އަދި މާ ހަމަޖެހޭ އަގެކޭ އަޅުގަނޑު ނުދަންނަވަން. އެހެންނަމަވެސް، މިވަގުތު އެކަން ކުރެވެން އޮތްގޮތް، އެއީ. މިކަމުގައި ދާއިމީ ޙައްލެއް އަންނާނީ، ސަރުކާރުގެ ފަރާތުން ހިތަދޫގެ ކަރަންޓުގެ މައްސަލައާ މުޅިން ޙަވާލުވިއްޔާކަން، އަޅުގަނޑުހިތުން ތިޔަބޭފުޅުންނަށްވެސް ޤަބޫލުކުރެއްވޭނެ. އެހެންވީމާ، މިހާރު މަސައްކަތް ކުރެވެމުން މިދަނީ މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑުގެ ފަރާތުން ހިތަދޫގެ ކަރަންޓާ ޙަވާލުވެ، މާ ލަސްތަކެއްނުވެ މިރަށަށް ކަރަންޓުގެ ޚިދުމަތް ދެއްވަމުން ގެންދަވާގޮތަށް.

އައްޑުއަތޮޅުގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި، އަޅުގަނޑުމެންގެ އެންމެ މުހިންމު އިޤްތިޞާދީ ދެ މަސައްކަތްވެސް ހިމެނޭ. އާދެ، މަސްވެރިކަމާއި ޓޫރިޒަމް. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މިއަހަރު މި އަތޮޅަށް މަސްވެރިކަން ވަރަށް ރަނގަޅު. މަސްވެރިކަން ކުރިއަށްދިޔުމަކީ، އޭގެ ފަހަތުގައި މުޅި ރާއްޖެއަށް ކުރިއެރުން ހިމެނިފައިވާ ކަމެއް. އެހެންކަމުން، މި އަތޮޅުގެ މަސްވެރިކަން ރަނގަޅުވުމަކީ، މި އަތޮޅުގެ ރައްޔިތުންނަށްވެސް އޭގެ ސަބަބުން އިތުރު ތަނަވަސްކަމެއް ލިބިގެންދާނެ ކަމެއްކަމުގައި އަޅުގަނޑު ދެކެން.

ހަމަ އެއާއެކީގައި، އަޅުގަނޑުމެންގެ ރާއްޖޭގައި މިހާރު ކުރެވޭ އެންމެ މުހިންމު އިޤްތިޞާދީ އަނެއް މަސައްކަތް ކަމުގައިވާ ޓޫރިޒަމްގެ މަސައްކަތްވެސް މިހާރު އައްޑުއަތޮޅުގައި ފެށެން ވަނީ ވަރަށް ކައިރިވެފައި. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މިހާރު ގަމުގައި އެ ތައްޔާރުކުރެވޭ ހޮޓަލަށް މާލަހެއްނުވެ ޓޫރިސްޓުން އަންނަން ފަށާނެ. އެހެންވުމުން، އޭގެ ސަބަބުން އައްޑުއަތޮޅުގެ މީހުންނަށް އިތުރު ވަޒީފާ ލިބުމާއި، އައްޑުއަތޮޅަށް ބޭރުފައިސާ ލިބޭނެ އިތުރުގޮތެއް ހަމަޖެހުމާއި އަދި އެ ހުރިހާ ކަމެއްގެ ނަތީޖާއެއްގެ ގޮތުން، އައްޑުއަތޮޅުގެ ރައްޔިތުންނަށް އިތުރު ތަނަވަސްކަން ލިބެމުންދާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން.

އާދެ! މިދެންނެވި ކަންތައްތަކުގެ އިތުރަށް، ތަޢުލީމީ ގޮތުންނާއި، ޞިއްޙީ ގޮތުންވެސް އައްޑުއަތޮޅަށް ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތެއްދޭ. އާދެ، އަޅުގަނޑުމެން މި އުފާވެރި ޖަލްސާ ކުރަމުން މިގެންދާ، ސަދަން ސެކަންޑަރީ ސްކޫލަކީ، މި ދެންނެވި ބަހުގެ ހެތްކެއް ކަމުގައި ފުދޭނެ. މި ސްކޫލަކީ މި ފެންވަރަށް ސަރުކާރުގެ ޚަރަދުގައި ހިނގާ، މާލެއިން ބޭރުގައި ހުރި ހަމައެކަނި ސްކޫލް. މި ސްކޫލްގައި މިހާރު ގްރޭޑް 10އާ ހަމައަށް ކިޔަވައިދެއްވަމުން އެބަ ގެންދެވޭ. އެހެންކަމުން، އޭގެ ސަބަބުންވެސް އަތޮޅުގައި ތަޢުލީމު ޙާޞިލްކުރުމަށް ޝައުޤުވެރިވެފައި ތިބި ދަރީންނަށް މިތަނުން ތަޢުލީމު ޙާޞިލްކުރުމުގެ ފުރުޞަތު ލިބިގެންދާނެކަމާމެދަކު ޝައްކެއްނެތް.

އާދެ! އައްޑުއަތޮޅަކީ ކިޔަވާކުދިންވެސް ވަރަށްގިނަ އަތޮޅެއް. އަދި ޚާއްޞަކޮށް، މިރަށަކީ، ހިތަދުއަކީވެސް ކިޔަވާކުދިން ވަރަށްގިނަ ރަށެއް. ހިތަދޫގެ ރައްޔިތުންގެ ޢަދަދު އެގާރަހާހަށްވުރެ މައްޗަށް ގޮސްފައިވާއިރެއްގައި، މިރަށުގައި ކިޔަވާކުދިންގެ ޢަދަދުވެސް 3200 އަށްވުރެ ގިނަވެފައިވޭ. އެހެންކަމުން، އެ ހުރިހާ ކުދިންނަށް ތަޢުލީމު ޙާޞިލްކުރުމުގެ ފުރުޞަތު ހޯދައިދިނުމަކީ ވަރަށް މުހިންމު ކަމެއް. އެކަމަށްޓަކައި ތިޔަބޭފުޅުންނެކޭ އެއްފަދައިން، ސަރުކާރުންވެސް ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުން. މިތާނގައި ޕްރައިމަރީ ސްކޫލެއް އުފެއްދުމުގެ ޚިޔާލު ސަރުކާރުން ކުރީ އެ ސަބަބަކަށްޓަކައި. އިރާދަކުރެއްވިއްޔާ، މާލަހެއްނުވެ ހިތަދޫ ޕްރައިމަރީ ސްކޫލްވެސް ޢިމާރާތްކޮށް ނިމޭނެ. އެކަން އެހެންވުމުން، ތަޢުލީމު ޙާޞިލްކުރާ ޢުމުރުގެ ވަރަށްގިނަ ޢަދަދެއްގެ ކުދިންނަށް ރަނގަޅު ފެންވަރެއްގައި ތަޢުލީމު ޙާޞިލްކުރުމުގެ ފުރުޞަތު އިރާދަކުރެއްވިއްޔާ ލިބޭނެ.

ޞިއްޙީ ޚިދުމަތުގެ ރޮނގުން ބަލާއިރު، ހިތަދޫގައި ސަރަޙައްދީ ހަސްފަތާލެއް އެބަހުރި. އެ ހަސްފަތާލުގައި މިހާރު ވަރަށްގިނަ ޢަދަދަކަށް ޑަކްޓަރުންނާއި އަދި އެނޫން މީހުން ޚިދުމަތްކުރަމުން އެބަގެންދޭ. މިދިޔަ އަހަރު އަޅުގަނޑު އައިއިރު، މި ހަސްފަތާލަށް ދިމާވެފައި އޮތް އެންމެ ބޮޑު ދައްޗެއް ކަމުގައި އަޅުގަނޑަށް މަޢުލޫމާތު ލިބުނީ އެތާނގައި ހުންނަ އޮޕަރޭޝަން ތިއޭޓަރ، އެތަނަށް ބޭނުންވާ ސާމާނު ނުހޯދި ހުރުމާއެކީގައި، އެތަނުގެ މަސައްކަތް ނުކުރެވޭގޮތް ދިމާވެފައިވާކަން. އެހެންނަމަވެސް، އަޅުގަނޑު މާލެދިޔުމާ އެކީގައި، އެމަސައްކަތް ފަށައިގެން މިހާރު އޮޕަރޭޝަން ތިއޭޓަރަށް ބޭނުންވާ ހުރިހާ ސާމާނު ވަނީ ހޯދިފައި. އަދި އެތާނގައި ބައެއްކަހަލަ އޮޕަރޭޝަންތައް މިހާރު ކުރެވެމުންދާކަންވެސް ވަރަށް އުފަލާއެކު އަޅުގަނޑު ފާހަގަކޮށްލަން.

އާދެ! މިދެންނެވި ކަންތައްތަކުގެ އިތުރަށް، އަމިއްލަ ފަރާތަކުން ކުރިއަށްގެންދަވާ އަލްމަދަރުސަތުލް އިސްލާމިއްޔާގެ ވާހަކަވެސް އަޅުގަނޑު ދަންނަވާލަން ބޭނުން. ޝައްކެއްނެތް އެއީ، އަޅުގަނޑުމެންގެ އިސްލާމީ މުޖުތަމަޢަށް ވަރަށް ބޭނުންތެރި ތަޢުލީމެއް ފަތުރުއްވަވާ މަރުކަޒެއް. އެކަމުގައި އިސްވެ ތިއްބަވަނީ އައްޑުއަތޮޅުގެ އިޚްލާޞްތެރި ދަރީންތަކެއް ކަމުގައިވާކަން އެއީ، އަޅުގަނޑު ވަރަށް އުފާކުރާ ކަމެއް. ސަރުކާރުންވެސް އެ މަދަރުސާއަށް ވެވުނު އެހީއެއް މި ގެންދަނީވަމުން. އިރާދަކުރެއްވިއްޔާ މުސްތަޤްބަލުގައިވެސް އެކަން އެގޮތަށް ގެންދެވޭނެ.

އާދެ! ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް އެއްދުވަހުން އަނެއްދުވަހަށް މިދަނީ ރާއްޖެތެރެއަށް ފެތުރެމުން. ތަޢުލީމުގެ ޚިދުމަތް މިހާރުވަނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ފެތުރިފައި. ވަކިފެންވަރެއްގައި. އިބްތިދާއީ ތަޢުލީމު ހުރިހާ އަތޮޅެއްގައިވެސް ލިބެން އެބަހުރި. ޘާނަވީ ތަޢުލީމު، މާލެ ފިޔަވައި 17 ތަނެއްގައި ލިބެން އެބަހުރި. ޞިއްޙީ ޚިދުމަތްވެސް އެއްދުވަހުން އަނެއްދުވަހަށް މިދަނީ ރާއްޖެތެރެއަށް އިތުރަށް ފެތުރެމުން. ކުރިން ރާއްޖޭގައި ހުރި ޞިއްޙީ މަރުކަޒުތަކުގެ އިތުރަށް، އާ ޞިއްޙީ މަރުކަޒުތަކެއް ސަރުކާރުން ޢިމާރާތްކޮށް، އެތަންތާނގެ ޚިދުމަތްވެސް ރާއްޖެތެރޭގެ ރައްޔިތުންނަށް ލިބެމުން އެބަދޭ. އަދި ހަތަރު ސަރަޙައްދީ ހަސްފަތާލުވެސް މިހާރު ރާއްޖޭގައި އެބަހުރި.

މީގެއިތުރުން، ވައިގެ ބަނދަރުތަކުގެ ޚިދުމަތްވެސް މިދަނީ ރާއްޖެތެރެއަށް ފެތުރެމުން. މިހާރުވެސް ކާޑެއްދޫ އެއަރޕޯޓުގެ މަސައްކަތް އެދަނީ ކުރެވެމުން. ވަރަށް ކައިރި މުސްތަޤްބަލެއްގައި އިރާދަކުރެއްވިއްޔާ އެތަންވެސް ހުޅުވޭނެ. އަދި ފަޅުފުންކުރުމާއި، ކަރަންޓުގެ ޚިދުމަތްވެސް މިދަނީ އެއްދުވަހުން އަނެއްދުވަހަށް ގިނަ ރަށްރަށަށް ލިބެމުން. އެގޮތުން ވިސްނާއިރު، މިހާރު ރާއްޖެތެރޭގެ ބައެއް ހިސާބަށް އަދި ޚާއްޞަކޮށް، އައްޑުއަތޮޅަށް ބޭނުންވާ އެއް ޚިދުމަތެއް ކަމުގައި ފެންނަނީ ބޯޓުފަހަރު މުދާ ހިފައިގެން ސީދާ ބޭރުން އައްޑުއަތޮޅަށް އަންނާނެ ގޮތެއް ހަމަޖެހުން. ޝައްކެއްނެތް، އެފަދަ ގޮތެއް ހަމަޖެހިއްޖެނަމަ، އެކަމުގެ ސަބަބުން އައްޑުއަތޮޅުގެ ރައްޔިތުންނަށް ވަރަށްބޮޑެތި ލުއިފަސޭހަތަކެއް ލިބޭނެ. ކޮންމެވެސްވަރަކަށް މުދާވެސް އަގުހެޔޮވާނެ. އެހެންކަމުން، އެ މަސައްކަތް ރާވައި ހިންގޭތޯ މިހާރު ސަރުކާރުން ބަލަމުން މިގެންދަނީ. ސަރުކާރުގެ ކަމާބެހޭ ދާއިރާތަކުގެ މެދުގައި މިހާރު މަޝްވަރާ ކުރެވެމުން އެދަނީ، ބޭރުން އަންނަ ބޯޓުފަހަރުން ގެންނަ ބައެއް ވައްތަރުގެ މުދާ ސީދާ އައްޑުއަތޮޅަށް ގެނެވޭ ގޮތެއްވޭތޯ. މިގޮތުން، ކަސްޓަމްސްއާއި، މޯލްޑިވްސް ޕޯޓްސް އޮތޯރިޓީއާއި، ޓްރޭޑް މިނިސްޓްރީއާއި، އަދި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީއާއި، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނާއި، މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް އެންވަޔަރަންމަންޓާ، މިހުރިހާ ފަރާތްތަކެއްގެ މެދުގައި މިހާރުވަނީ މަޝްވަރާ ކުރަން ފެށިފައި. އިރާދަކުރެއްވިއްޔާ، މާލަހެއްނުވެ އެފަދަ ބޯޓުފަހަރު، ބައެއް ބާވަތުގެ މުދާ ހިފައިގެން ސީދާ އައްޑުއަތޮޅަށް އަންނަގޮތަށް ހަމަޖެހޭނެ.

އާދެ! މިއަދުވެސް އައްޑުއަތޮޅުގެ ތަރައްޤީއަށްޓަކައި އިތުރު ފިޔަވަޅެއް އެޅުމަށް ހަމަޖެހިފައިވާކަން ވަރަށް އުފަލާއެކު އަޅުގަނޑު ދަންނަވާލަން. އާދެ، އެއީ މި އަތޮޅުގެ އާ އަތޮޅުއޮފީހާއި އަތޮޅުގޭގެ ބިންގާއެޅުން. މި އަތޮޅުގެ އަތޮޅުއޮފީސް ޢިމާރާތްކުރެވެނީ ވަރަށް އެކަށީގެންވާ ގޮތެއްގައި ކަމުގައި އަޅުގަނޑަށް ދަންނަވަން މަޖުބޫރުވޭ. ދަންނަވަން ކެރޭ. އާދެ! މުސްތަޤްބަލަށް ވިސްނާއިރު، އަޅުގަނޑުމެންގެ ރާއްޖޭގައި އެކިދިމަދިމާގައި ސަރުކާރުގެ ތަފާތު ޚިދުމަތްތައް ލިބެން ހުންނަންޖެހޭނެކަން އަޅުގަނޑުމެން އެންމެންނަށްވެސް ޤަބޫލުކުރެވޭ. އެހެންކަމުން، މި އަތޮޅުއޮފީސް ޢިމާރާތްކުރެވޭއިރު، ސަރުކާރުގެ އެހެން ދާއިރާތަކުގެ މަސައްކަތްވެސް އެތަނުން ކޮންމެވެސްވަރަކަށް، ކޮންމެވެސް ސިފައެއްގައި ހިނގާގޮތަށް އޮތުމަކީ، މި އަތޮޅަށް ލިބޭނެ ވަރަށްބޮޑު ދިރުމަކަށްވެފައި، ހަމައެކަނި މި އަތޮޅަކަށް ނޫން، މި އަތޮޅާއި މިއަތޮޅު ކައިރީގައިވާ އަތޮޅުތަކަށް ލިބޭނެ ޚިދުމަތެއް ކަމުގައިވާތީ، އެގޮތަށް މިހާރު ސަރުކާރުން ޚިޔާލުކުރަމުން ގެންދަނީ.

އާދެ! އަޅުގަނޑުމެންގެ ރާއްޖެ އެއްދުވަހުން އަނެއްދުވަހަށް މިދަނީ ތަރައްޤީގެ މަގުގައި ކުރިއަށް. އެހެންނަމަވެސް، ރާއްޖެއަކީ ވަރަށް ކުޑަކުޑަ ޖަޒީރާ ޤައުމަކަށްވެފައި، ރާއްޖޭގައި ޤުދްރަތީ މުއްސަނދިކަމުގެ ވަސީލަތްތައް މަދުކަމުން، އަޅުގަނޑުމެންނަށް ތަރައްޤީގެ ރޮނގުގައި ކުރިއަށްދެވެނީ މާ ހަލުވިކޮށެއް ނޫން. އެއީ، އަޅުގަނޑުމެން ޤަބޫލުކުރަން ޖެހިފައިވާ ޙަޤީޤަތެއް. އެހެންނަމަވެސް، އަޅުގަނޑުމެންނަށް ޖެހޭނީ މަސައްކަތް ކުރަން. އަޅުގަނޑުމެންނަށް ޖެހޭނީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރަން. ރާއްޖެއިން އެކްސްޕޯޓް ކުރާ މުދާވެސް އިތުރުކުރަން. މިފަދަ ގޮތަކުން އަޅުގަނޑުމެންގެ އިޤްތިޞާދީ ބިންގާ މިހާރަށްވުރެ ފުޅާކުރެވިއްޖެނަމަ، މުސްތަޤްބަލުގައި ރާއްޖެއަށް އިޤްތިޞާދީ ގޮތުން ލިބޭނެ ފައިދާތައް މިހާރަށްވުރެ މާގިނަވާނެ.

މިއަހަރަކީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ އަހަރުގެ ގޮތުގައި ފާހަގަކުރެވޭ އަހަރު. މިފަދަ އަހަރެއް ފާހަގަކުރުމުގެ ބޭނުމަކީވެސް އަޅުގަނޑުމެންގެ ރާއްޖެއަށް ދިމާވެފައިވާ އިޤްތިޞާދީ ދަތިތައް ހުރިގޮތުން، އެ ދަތިތައް ގިރާކޮށްފައި، އަޅުގަނޑުމެން އެންމެން އެދޭކަހަލަ އުފާވެރި ތަނަވަސް މުސްތަޤްބަލަކަށް ދިޔުމުގެ މަގުފަހިކުރެވޭތޯ ބެލުން. އާދެ، އެ އަހަރުގެ މަސައްކަތްތައް ކުރިއަށް އެބަދޭ. ކަމާބެހޭ ކޮމިޓީތަކުގައި މަޝްވަރާ ކުރެވެމުންދަނީ. އެގޮތުން، އުފެއްދުންތެރިކަން އިތުރުކުރުމަށް، ސަރުކާރުން ކުރަންއޮތީ ކޮންކަހަލަ ކަންކަމެއްތޯ ބަލައި އަދި އުފެއްދުންތެރިންނަށް، ތަކެތި އުފައްދާ މީހުންނަށް ހިތްވަރުދިނުމުގެ ގޮތުން ސަރުކާރުން ކުރެވެން ހުންނާނީ ކޮންކޮން ކަންކަމެއްތޯ ބަލައި، އެކަންތައްތައް ކޮށްދިނުމުގެ މައްޗަށް އެ ކޮމިޓީތަކުން މަޝްވަރާ ކުރެވެމުންދަނީ. އަދި މިއަހަރުގެ ފަހުކޮޅުގައި އުފެއްދުންތެރިކަމާބެހޭ ޤައުމީ ޖަލްސާއެއްވެސް އިރާދަކުރެއްވިއްޔާ ބޭއްވޭނެ. އެ ޖަލްސާއިންވެސް ވަރަށްގިނަ މުހިންމު ޤަރާރުތަކެއް ފާސްވާނެކަމަށް އަޅުގަނޑު އުންމީދުކުރަން. އެ ޤަރާރުތަކުގެ ސަބަބުން އަދި އެ ޤަރާރުތަކަށް ޢަމަލީސިފަ ގެނެވުމުގެ ސަބަބުން މުސްތަޤްބަލުގައި ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުވެ، ރާއްޖޭގެ އިޤްތިޞާދީ ބިންގާ މިހާރަށްވުރެ ފުޅާވެ، އަޅުގަނޑުމެންނަށް ލިބޭ ތަނަވަސްކަން މިހާރަށްވުރެ އިތުރުވެގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

އާދެ! އަޅުގަނޑުމެން އިޤްތިޞާދީ ގޮތުންނާއި، އިޖުތިމާއީގޮތުން ކުރިއަށް ފިޔަވަޅުތަކެއް އަޅަމުންގެންދާއިރު، އަޅުގަނޑުމެންގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި އެއްބާރުލުމަށްވެސް ވަރަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެ. ޝައްކެއްނެތް، ކުރިއެރުމުގެ ހުރިހާވެސް ސިއްރަކީ ހަމަޖެހުން. ސިޔާސީ ހަމަޖެހުމާއި އަދި ރައްޔިތުންގެ މެދުގައި އޮންނަ އެއްބާރުލުން. ސިޔާސީ ހަމަޖެހުމާއި އެއްބާރުލުން ނެތް ތަނެއްގައި، އެއްވެސް ކުރިއެރުމެއް ނޯންނާނެ. އަޅުގަނޑުމެންގެ ވަށައިގެންވާ ޤައުމުތަކަށް ވިސްނާލިޔަސް، މިއީ ތެދެއްކަން ތިޔަބޭފުޅުންނަށްވެސް ޤަބޫލުކުރެއްވޭނެ. ބައެއް ޤައުމުތަކުގައި ހުންނަނީ ނަސްލީ ފިތުނަތައް އުފެދިފައި. ނުވަތަ އެނޫންވެސް ސަބަބުތަކާހުރެ އެކިއެކި ހަމަނުޖެހުމާއި، ބައިބައިވުންތަކާއި، ލޭއޮހޮރުވުންތައް ހިނގަމުން އެބަދޭ. އެ ކަންތައްތައް އެހެން ހިނގަމުން ދިޔުމުގެ ސަބަބުން، އެ ތަންތަން ވަނީ އިޤްތިޞާދީ ގޮތުން ވަރަށް ފުން ވަޅުގަނޑަކަށް ވެއްޓިފައި. އަޅުގަނޑުމެންގެ ރާއްޖެއަކީ ވަރަށް ނަޞީބުވެރި ރާއްޖެއެއް. اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންނަށް ލައްވާފައިވާ ނަޞީބު ކިތަންމެހާވެސް ހެޔޮ. އަޅުގަނޑުމެންނަށް ދެއްވާފައިވާ ނިޢުމަތްތައް ކިތަންމެހާވެސް މަތިވެރި. އެކަމަށްޓަކައި އަޅުގަނޑުމެން ﷲގެ ޙަޟްރަތަށް އަބަދާއިއަބަދު ޝުކުރުކުރަންޖެހޭނެ. އަޅުގަނޑުމެން އެންމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިން. އިސްލާމްދީނުގެ އަހުލުވެރިން ކަމަށްވީތީ، އަޅުގަނޑުމެން ވާންޖެހޭނީ އުޚުއްވަތްތެރި، އެކުވެރި ބަޔަކަށް. އަޅުގަނޑުހިތުން މިކަމާ ދޭތެރޭގައި ޚިޔާލު ތަފާތުވާނެ އެއްވެސް ދިވެއްސަކު ނުހުންނާނެ.

މިއަދު މިޖަލްސާކުރެވޭ ސްކޫލަށް އަޅުގަނޑު އައުމުގެ މަގުމަތީގައި، މަރުޙަބާގެ ގޮތުން މި އަތޮޅުގެ ރައްޔިތުން ބަހައްޓަވާފައި ހުރި ފޮތިތަކުގެ ތެރެއިން ވަރަށް އަޅައިގަތް ފޮތިގަނޑަކާ ދިމާވި. އެ ފޮތިގަނޑުގައި ލިޔުއްވާފައި ވަނީ "ރާއްޖޭގެ އެންމެ ބޮޑު މުއްސަނދިކަމަކީ ރާއްޖޭގެ ޞުލްޙަވެރިކަމޭ." ޝައްކެއްނެތް، ވަރަށްބޮޑު ތެދެއް އެއީ. ޞުލްޙަވެރިކަމަކީ، އަޅުގަނޑުމެންނަށް ލިބިފައިވާ އެންމެ ބޮޑު މުއްސަނދިކަން. އެ މުއްސަނދިކަން އަޅުގަނޑުމެން ދަމަހައްޓަންޖެހޭނެ. އެ މުއްސަނދިކަން އަޅުގަނޑުމެން ޙިމާޔަތްކުރަންޖެހޭނެ. އެ މުއްސަނދިކަން ދަމަހައްޓައި ޙިމާޔަތް ކުރެވިއްޖެނަމަ، އަޅުގަނޑުމެން ކުރާ މަސައްކަތްތައް ވަރަށް އަވަހަށް ކާމިޔާބުވެގެންދާނެ. އެއާ ޚިލާފަށް، އެ މުއްސަނދިކަމާ ދޭތެރޭގައި އަޅުގަނޑުމެން ރައްކާތެރިނުވެ، އެ މުއްސަނދިކަން ކުދިކުދިވެގެން، ފުނޑުފުނޑުވެގެން ހިނގައްޖެނަމަ، ޝައްކެއްނެތް، އަޅުގަނޑުމެންވެސް ވެއްޓޭނީ ފިތުނައިގެ ވަރަށްބޮޑު ވަޅުގަނޑަކަށް. މިތަނަށް އަޅުގަނޑުމެން އައިސް މިޖަލްސާ ފެށުމުގައި، އަޅުގަނޑުމެންނަށް އިވިގެންދިޔަ ބަރަކާތްތެރި އާޔަތްތަކުންވެސް އެ މާނަ އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް ދޭހަވެގެންދިޔަ. "وَٱعْتَصِمُوا۟ بِحَبْلِ ٱللَّهِ جَمِيعًا وَلَا تَفَرَّقُوا۟ ۚ." (آل عمران 103) "ތިޔަބައިމީހުން ﷲގެ ދީނުގައި، ﷲގެ ހިދާޔަތުގައި އެކަތިގަނޑަކަށްވެގެން ތިބެ ހިފަހައްޓާށޭ. އަދި ތިޔަބައިމީހުން ބައިބައިވެގެން ނުދާށޭ. ވަކިވަކިވެގެން ނުދާށޭ." ވަރަށް މަތިވެރި އިރުޝާދެއް. ވަރަށް ވަރުގަދަ އަމުރުފުޅެއް. އަޅުގަނޑުމެން އަބަދުވެސް އެ އަމުރުފުޅު، އެ އިރުޝާދު ހަނދާންކުރަންޖެހޭނެ. އާދެ، މާދިގުކޮށް މިވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް. އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށްވީތީ، އަޅުގަނޑުމެންނަށް މިކަމުގެ ޙަޤީޤަތް އޮތްގޮތް، މިކަމުގެ މުހިންމުކަން ރަނގަޅަށް ވަޒަންކުރެވޭނެ.

އާދެ! މިއަދުގެ ޕްރޮގްރާމް ހަމަޖެހިފައިވާ ގޮތުން، މާދިގު ވާހަކަތަކެއް ދެއްކުމުގެ ފުރުޞަތެއް އޮތް ކަމަކަށް ނުފެނޭ. އެހެންކަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ އަދިވެސް އެއްފަހަރު، އަޅުގަނޑަށް ތިޔަ ވިދާޅުވި އިޚްލާޞްތެރި ތެދުވެރި މަރުޙަބާއަށްޓަކައި ހިތަދޫގެ ވެރިންނަށާއި، ހިތަދޫގެ، ހިތަދޫ ކުރިއަރުވާ ކޮމިޓީގެ މެންބަރުންނަށާއި، އަންހެނުން ކޮމިޓީގެ މެންބަރުންނަށާއި، ހިތަދޫގައި ވަޒީފާ އަދާކުރައްވާ، ސަރުކާރުގެ މުވައްޒަފުންނަށާއި، ހިތަދޫގެ ޢާންމު ރައްޔިތުންނަށް، ހިތަދޫގެ ލޮބުވެތި އަޚުންނާއި އުޚުތުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަމުން.

އާދެ! އަޅުގަނޑުގެ ދުޢާއަކީ اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންނަށް އަބަދުވެސް އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގެ އަލީގައި ކުރިއަށްދިޔުމުގެ ހެޔޮ ތައުފީޤު ދެއްވުން. މާތްވެގެންވާ އިސްލާމްދީނުގެ އުޞޫލުތަކަށް ޙުރްމަތްތެރިކޮށްހިތައި، އެ އުސޫލުތަކުގައި ހިފެހެއްޓުމުގެ ކުޅަދާނަކަން އަޅުގަނޑުމެންނަށް ދެއްވުން. އަދި އަޅުގަނޑުމެން އެންމެންނަށް ހެޔޮވިސްނުން ދެއްވައި، ސަރުކާރާއި ރައްޔިތުން ގުޅިގެން ޤައުމު ކުރިއަށް ގެންދިޔުމުގެ ހެޔޮވިސްނުމާއި ތައުފީޤު އެކަލާނގެ އަޅުގަނޑުމެންނަށް މިންވަރު ކުރެއްވުން.

والسّـلام عليـكم ورحـمة اللّـه وبـركاتـه.