ބަރަކާތްތެރި ފިޠުރުޢީދުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަހުނިޔާ ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ މި ޢީދުގެ އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވީ، މިއަދު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބު ފަށްޓަވަމުންނެވެ. ރާއްޖެއިން ބޭރުގައި ދިރިއުޅުއްވަމުން ގެންދަވާ ޢާއިލާތަކަށާއި، އަދި ރާއްޖެއިން ބޭރުގައި ތަޢްލީމު ޙާޞިލު ކުރަމުންގެންދާ ދިވެހި ކުދިންނަށްވެސް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވިއެވެ.

މިއަހަރުގެ ފިޠުރުޢީދު ދުވަސް ހުކުރު ދުވަހަކާ ދިމާވިކަން އެއީ، ޢީދުގެ އުފާތައް އެތައް ގުނައަކަށް އިތުރުވެގެންދާ ކަމެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ޢީދާ ގުޅިގެން، މުޅި ރާއްޖޭގައި ތަފާތު ކުޅިވަރުތައް ހިނގަމުންދާ ގޮތަށް ހަމަޖެހިފައިވުމާއެކު، މިހުރިހާ ކުޅިވަރުތަކެއްވެސް ވަރަށް އޮމާންކަމާއެކު، އަޅުގަނޑުމެން އެންމެ ހިތްހަމަޖެހޭ ގޮތަށް ނިމިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޢީދު ދުވަހަކީ އެކިކަހަލަ ދެރަ އަދި ނިކަމެތި ގޮތްތައް މެދުވެރިވެފައިވާ އަޅުގަނޑުމެންގެ އަޚުންނަށާއި އުޚުތުންނަށް ދީލަތިކަމާއެކު އެހީތެރިވުމުގެ ދުވަހެއް ކަމަށް ވިދާޅުވެ، ޕާކިސްތާނުގައި ހާލުގައި ޖެހިފައިވާ މީހުންގެ މަތިން، މިދަނޑިވަޅުގައި އަޅުގަނޑުމެން ހަނދާންކުރަން ޖެހޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ހުރިހާ ބްރޯޑްކާސްޓަރުންނާއި، މަދަނީ ޖަމްޢިއްޔާތަކާއި، ކުޅިވަރު ކުޅޭ ފަރާތްތަކާއި، މިޔުޒިކީ ފަންނާނުންނާއި، ފިލްމީ ތަރިންނާއި، އަދި ކޭޓަރިންގ އިންޑަސްޓްރީއިން އިސްނަގައިގެން، "ހެލްޕް ޕާކިސްތާން" މިއަދު ފެށި ޓެލެތޯން ޝޯގެ އެންމެހާ ބައިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވިއެވެ.

ބަރަކާތްތެރި ފިޠުރުޢީދުގެ މުނާސަބަތުގައި، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، ބައިނަލްއަޤްވާމީ އިސްލާމީ ޖަމާޢަތްތަކުގެ ވެރިންނަށްވެސް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފިއެވެ. އަދި އިސްލާމީ ޤައުމުތަކުގެ ވެރިންނާއި، ބައިނަލްއަޤްވާމީ އިސްލާމީ ޖަމާޢަތްތަކުންވެސް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް މިމުނާސަބަތުގެ ތަހުނިޔާ ފޮނުއްވަމުން އެބަ ގެންދަވައެވެ.