އިޤްތިޞާދީ ނަފާ ހޯދުމަށް ރައްޔިތުންނާ ގުޅިގެން ކައުންސިލުން ހުށަހަޅާ ކަންކަމަށް އިޖާބަ ދެއްވާނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ނޭކުރެންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ނޭކުރެންދޫ ކައުންސިލްގެ އެދުމުގެ މަތީން، އެ ރަށުގައި ކުރިން ޖަލެއް ހަދަން ކަނޑައަޅާފައި އޮތް ބިމެއް ކައުންސިލާ ހަވާލުކުރައްވާފައިވާކަމަށާއި، އެއީވެސް އިޤްތިޞާދީ ނަފާ ހޯދުމަށް ބޭނުންކުރުމަށް ހަވާލުކުރައްވާފައިވާ ބިމެއް ކަމަށެވެ. އެ ބިމުގެ ބޭނުން ކުރުމަށްވެސް، ރައްޔިތުންގެ މަޝްވަރާއާއެކު ކައުންސިލުން ހުށަހެޅުމުން، ސަރުކާރުން މަގުފަހިކޮށްދެއްވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި ހިމެނިގެން މިއަދު ވަނީ، ނޭކުރެންދޫ ސްވިމިންގ ޓްރެކް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި މަސައްކަތް ކުރިއަށްގެންދަވާނީ ބަނދަރުގެ މަސައްކަތާ އެކުއެކީގައިކަމަށެވެ. މިހާރު ކުރިއަށްދާ ބަނދަރުގެ މަޝްރޫޢު ނިމިގެންދާނީ، އެމަނިކުފާނުގެ ވަޢުދުފުޅާ އެއްގޮތަށް، ބަނދަރުގެ ޖާގައަށް 100 ފޫޓު އިތުރުކުރައްވައިގެންކަމަށާއި، ދޯނި އެހެލާ ސަރަޙައްދަކާއި، މޫދަށް އެރޭ ސަރަޙައްދެއްވެސް މި މަޝްރޫޢާއެކުގައި ކުރިއަށްގެންދަވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަށްގިރުމުގެ މައްސަލަ ޙައްލުކުރެއްވުން، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނޭ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ދިގުލައިގެންގޮސްފައިވާ ސްކޫލް މަޝްރޫޢަށް އިޝާރާތްކުރައްވަމުން އެމަނިކުފާނު ވަނީ، އާ ދިރާސީ އަހަރު، އާ އިމާރާތް ބޭނުންކުރެވޭނޭ ގޮތަށް މަޝްރޫޢު ނިންމަވައިދެއްވާނޭކަމަށް ވިދާޅުވެފައެވެ. އަދި މަލްޓިޕަރޕަސް ހޯލުގެ މަޝްރޫޢު އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައި، ލަސްވެގެން އަހަރުގެ ކުރީކޮޅު އަމަލީ މަސައްކަތް ފައްޓަވައިދެއްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދު ފެއްޓެވި ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ހިމެނޭހެން، ސިއްޙަތާއި ހަށިހެޔޮކަމުގެ ދާއިރާއިންވެސް ނޭކުރެންދޫއަށް ވަނީ މުހިންމު މަސައްކަތްތަކެއް ތާވަލުކުރައްވާފައެވެ. އެ ރަށުގައި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު ތަރައްޤީކުރައްވާއިރު، އިންޑޯ ބެޑްމިންޓަން ކޯޓެއް ހިމަނުއްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ފުޓުބޯޅަ ދަނޑަށް ބޭނުންވާ ޒަމާނީ، އިތުރު ވަސީލަތްތައް ޤާއިމުކޮށްދެއްވާނޭކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.