ހދ. ވައިކަރަދޫގައި އަންނަ އަހަރުގެ ކުރީކޮޅު ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް އަޅުއްވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. އެމަނިކުފާނު މިކަމުގެ ޔަޤީންކަން ދެއްވީ، ތިލަދުންމަތީ ދެކުނުބުރީގެ މީހުން އުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިއަދު ވައިކަރަދޫއަށް ވަޑައިގެން، ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް، ބޭއްވެވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެރަށުގައި ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ޤާއިމުކޮށްދިނުމަށް ވައިކަރަދޫ ކައުންސިލުންވެސް އެދިވަޑައިގެންނެވިކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ އެ ރަށުގައި ޤުރުއާނަށް ލޯބިކުރާ، އަދި ރީތިކޮށް ޤުރުއާންކިޔަވާ ޤާރީން ގިނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވައިކަރަދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރުމަށް އެމް.ޓީ.ސީ.ސީ އާއިއެކު ވަނީ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ. އަދި، ބަނދަރުގެ މަސައްކަތް ނިމިގެންދާނީ، މޫދަށް އެރޭނެ ސަރަހައްދަކާއި އެކު، މިހާރު ބަނދަރުގައި ހުރި ހުރިހާ މައްސަލަތަކެއް ހައްލުކޮށް، ރައްޔިތުން އެދޭގޮތަށް ކަމުގެ ޔަޤީންކަން އެ މަނިކުފާނު ރައްޔިތުންނަށް ދެއްވިއެވެ.

ކޮންމެހެން ހައްލުހޯއްދަވަންޖެހޭ ކަންކަމަށް ޢިޝާރާތްކުރައްވަމުން އެމަނިކުފާނު ވަނީ، އެރަށު ސްކޫލްގެ ބާރަ ކްލާސްރޫމްގެ މަސައްކަތް ނުނިމި ގިނަ އަހަރުތަކެއް ހޭދެވެފައިވާކަން ފާހަގަކުރައްވައި، މިއަހަރު އެ މަސައްކަތް އެއްކޮށް ނިންމަވައި، އަންނަ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށޭއިރު ކްލާސްރޫމް ބޭނުންކުރެވޭނެ ކަމުގެ ޔަޤީންކަންދެއްވާފައެވެ.

ވައިކަރަދޫ އިންޖީނުގެއާއި ކަރަންޓްގެ ޙާލަތަށް މިހާރުން މިހާރަށް ހައްލުބޭނުންވާކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެންމެ އިސްކަމެއްދެއްވައިގެން އިންޖީނުގެ ބަދަލުކުރަންޖެހޭ ރަށެއްގެ ގޮތުގައި ވައިކަރަދޫ އިންޖީނުގެ ބަދަލުކުރުމުގެ މަސައްކަތް މިއަހަރު ނިންމަވައިދެއްވާނެ ކަމަށެވެ.

ވައިކަރަދޫގައި ދަނޑުވެރިކަމުގެ މަސައްކަތް ކުރާ މީހުން ގިނަނަމަވެސް، މުދާފެރީ ދަތުރުކުރުމަށް އޮންނަ ރޫޓްގެ ސަބަބުން ދަނޑުވެރިންނަށް އެކަމުގެ ގެއްލުންވަމުންދާތީ، އެކަން ހައްލުކުރެއްވުމުގެ ގޮތުން މުދާފެރީ އެރަށުން ފުރާގޮތަށް ހަމަޖައްސަވައިދެއްވާނެ ކަމުގެ ޔަޤީންކަންވެސް އެމަނިކުފާނުވަނީ ރައްޔިތުންނަށް ދެއްވާފައެވެ.

މީގެއިތުރުން މިއަހަރާއި އަންނަ އަހަރުގެ ބަޖެޓްގައި ހިމަނުއްވައިގެން، ވައިކަރަދޫގެ ތަރައްޤީއަށް އެކި ދާއިރާތަކުން، ކަންކަން ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންނަށް ދެއްވާފައެވެ.