ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ނައިވާދޫ ސްކޫލުގައެވެ.

މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުން ވަނީ، ރަށުގެ ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުގެ މަސައްކަތްދާގޮތާމެދު ހިތްހަމަޖެހޭކަން ފާޅުކުރައްވާފައެވެ. އަދި ކައުންސިލްގެ ފަރާތުން ވަނީ އެ ރަށުގެ ބަނދަރު ގެ މަޝްރޫޢަށް އިތުރު ބަދަލުތަކެއް ގެނައުމަށް ހުށައަޅުއްވާފައެވެ. މީގެއިތުރުން ޞިއްޙީ މަރުކަޒުގެ ޖާގައިގެ ދަތިކަން ޙައްލުކުރެއްވުމަށާއި ޞިއްޙީ މަރުކަޒުގައި އެމްބިއުލެންސެއް ނެތުމުގެ ކަންބޮޑުވުން އެބޭފުޅުން ފާހަގަކުރެއްވިއެވެ. އަދި ރަށުގެ އިންޖީނުގެއާއި ކަރަންޓުގެ ޙާލަތު ރަނގަޅުކުރުމަށް އިތުރު ޖަނަރޭޓަރެއް ހޯދުމުގެ މުހިންމުކަން މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ނައިވާދޫ ސްކޫލްގެ ފަރާތުން، ސްކޫލްގެ ޖާގައިގެ ދަތިކަމާއި އަދި މުވައްޒަފުންގެ ދަތިކަން ޙިއްޞާކުރައްވައި އެ ކަންކަމަށް އަވަސް ޙައްލެއް ހޯއްދަވައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ރަށުގައި ސްޕޯޓްސް ފިޝިންގއަށް ޝައުގުވެރިކަން ހުރި ޒުވާނުންނަށް ޚާއްޞަކުރެވިގެން ރަށް ކައިރީގައި ސްޕޯޓްސް ފިޝިންގއަށް ޚާއްޞަ ކަނދުފައްޗެއް އަޅުއްވައިދެއްވުމަށް ކައުންސިލްގެ ފަރާތުން އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.