بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
ހިރިމަރަދޫގެ ލޮބުވެތި އެންމެހައި ރައްޔިތުން، ކައުންސިލްގެ މެންބަރުން، ރަށުގެ މުއައްސަސާތަކުގެ ވެރިން، އަތޮޅު ކައުންސިލް ރައީސް، ރަށުގެ ޚިދުމަތްތެރި އިސް ރަށްވެހިން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، އަދި މި ޖަލްސާ، ދުރާއިގާތުން އަޑުއައްސަވަމުން، ބައްލަވަމުން ގެންދަވާ ލޮބުވެތި ހުރިހާ ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
އާދެ، ހދ. އަތޮޅުގެ ރަށްތަކަށް އަޅުގަނޑު މިއަދު މި ފެށި ދަތުރުގައި، މި ރަށަށް އެންމެ ފުރަތަމަ މި އާދެވުނީ. ތިޔަބޭފުޅުން އަޅުގަނޑު މި ރަށަށް އައި ވަގުތު، އަޅުގަނޑުމެންނާ އެކީގައި ވަޑައިގެންނެވި ބޭފުޅުންނަށާއި އަޅުގަނޑަށް ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، ހިރިމަރަދޫގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި ޤައުމީ ދުވަހުގެ ތަހުނިޔާ އަރިސްކުރަން.
އާދެ، ޤައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވުނު ރަސްމިއްޔާތުގައި ބައިވެރިވެފައި، އަޅުގަނޑު މި ހދ. ދަތުރު މި ފެށީ އުތީމުން. އާދެ، މި ރަށުގެ ރައްޔިތުންނަށް މުސްތަޤްބަލް އުޖާލާކޮށްދިނުމަށްޓަކައި، ހުރިހާ ރައްޔިތުންނަށް، އެންމެ ރަނގަޅު ފެންވަރުގައި ޚިދުމަތް ހޯދައިދިނުމަށްޓަކައި، ރައްޔިތުންގެ އުންމީދުތަކުގައި ކުލަޖައްސައިދިނުމަށްޓަކައި، މި ސަރުކާރުން ރައްޔިތުން ބޭނުންވާ ކަންތައްތައް ރައްޔިތުންނަށް ފުރިހަމައަށް ކޮށްދޭން ބޭނުންވާތީ، މިއަދު އަޅުގަނޑު މި ރަށަށްއައިސް، މި ރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު މަޝްރޫޢުގައި މި ސޮއިކުރީ.
އާދެ، ތިޔަބޭފުޅުންގެ މުސްތަޤްބަލަށްޓަކައި، އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން، ތިޔަބޭފުޅުން އެދިވަޑައިގެން އަދި ރައްޔިތުން ބޭނުންވެލައްވާ ގޮތަށް، ހަނިމާދޫގައި ތިޔަބޭފުޅުންނަށް ދާއިމީ ގެދޮރުވެރިކަން ބިނާކޮށްދީ، އެ ސަރަޙައްދުގެ ޢުމްރާނީ ހުރިހާ ވަސީލަތްތަކެއް ޤާއިމުކޮށްދިނުމަށްޓަކައި، މިއަދު އަޅުގަނޑުމެން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ އެކީގައި މި ސޮއިކުރީ. މި އެއްބަސްވުމުގެ ދަށުން، އިރާދަކުރެއްވިއްޔާ ހުރިހާ ރައްޔިތުންނަށް، މި ރަށުގެ ހުރިހާ ރައްޔިތުންނަށް ހުރިހާ ގޯތިތަކެއް، ކޮންމެ ގޯއްޗެއްގައި ގެއެއް އެޅިގެންދާނެ. ކައުންސިލްގެ ނައިބު ރައީސް އަޅުގަނޑަށް ދެއްވި މަޢުލޫމާތުގެ އަލީގައި، ނައިބު ރައީސް ވިދާޅުވެލެއްވީ، 154 ގެވަޅު، ނޫނީވިއްޔާ ގޯތިކަމަށް މިވަގުތު އޮތީ. ދެން ކޮންމެއަކަސް އެ އަދަދު ސީދާ އަދަދެއް ގޮތަކަށް އަޅުގަނޑު ދަންނަވަނީކީ ނޫން. ކޮންމެ ގޯއްޗަކަށް ގޯއްޗެއް. އަދި އެ ގޯތީގައި ގެއެއް އަޅައިދީފައި، ގޯއްޗާއި، ގެޔާ އެކީގައި ތަޅުދަނޑި ހަވާލުކުރެވިގެންދާނެ. އަދި އޭގެއިތުރަށް، ބަދަލުވުމުގެ ގޮތުން، ބަދަލުގެ ބަދަލެއްގެ ގޮތުގައި، ފައިސާގެ އަދަދެއްވެސް ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާނެ. އެގޮތަށް މި މަޝްރޫޢު ކުރިއަށްދާނީ. އެހެންވީމާ، އަމިއްލަ ގޯތީގައި މިވަގުތު އިމާރާތެއް ނެތަސް، ހުއްޓަސް، އަޅުގަނޑުމެން އެއިން ކޮންމެ ގޯއްޗަކަށް ގޯއްޗެއް ލިބިގެންދާއިރުގައި، އޭގެ ގޯތީގައި ގެއެއްވެސް އެޅިފައި ހުންނާނެ.
ދެން، ކުރީގައި، ގެ ދޭއިރުގައި، ނޫނީވިއްޔާ ބަދަލުގެ ބަދަލުދޭއިރުގައި، ދޭ ފައިސާގެ އަދަދު އަޅުގަނޑުމެން ރިވައިޒްކުރަނީ، ނޫނީވިއްޔާ މުޠާލިޢާ ކުރަމުން މިދަނީ. އެއަށްވުރެ ބޮޑުވާނެ. ކުރީގައި ދެމުންދިޔައީ ތަންކޮޅެއް ކުޑަ އަދަދެއް، މިހާރާ އަޅައިބަލާއިރުގައި.
އެހެންވީމާ، މިކަން މި ކުރަނީ، ރައްޔިތުންގެ މުސްތަޤްބަލު އުޖާލާކޮށްދިނުމަށް، މި ރަށުގެ ރައްޔިތުންނަށްޓަކައި. މި މަޝްރޫޢުގެ ދަށުން ހިންގާ މަޝްރޫޢުގެ ޢަމަލީ މަސައްކަތުގެ ފިޒިކަލް ކޮންސްޓްރަކްޝަން ވަރކް ދާދިއަވަހަށް ހަނިމާދޫގައި ފެށިގެންދާނެ. ފެށި، އެ ހުރިހާ ގެތައް އަޅައި ނިންމައި، އިންފްރާސްޓްރަކްޗަރ މަސައްކަތް ވަރަށް ބާރު ސްޕީޑްގައި ކުރިއަށްގެންގޮސް، އެންމެ ގިނަވެގެން 18 މަސްދުވަހުގެ ތެރޭގައި އަޅުގަނޑުމެން ނިންމައި ހަވާލުކުރާނަން. އެހެންވީމާ، އެންމެ ގިނަވެގެން ދޮޅުއަހަރު. އެއީ، މި އެއްބަސްވުމުން ފެނިވަޑައިގަންނަވާނެ ފަދައިން، އަޅުގަނޑުމެން ހަމައެކަނި ގެއެއް އަޅަނީކީނޫން. މަގުތަކާއި، އެ މުނިސިޕަލް ހުރިހާ ޚިދުމަތެއް ޤާއިމުކުރާނަން.
އެހެންވީމާ، މި މަސައްކަތް އެޗް.ޑީ.ސީ.ގެ ފަރާތުން ފަށާނެ، ޑީޓެއިލްޑް ކުރެހުންތަކާ ހުރިހާ ކަމެއް ނިންމާފައި. އެހެންވީމާ، ސަރުކާރުން މި މަޝްރޫޢު ކުރިއަށް މި ގެންދަނީ، މި ރަށުގެ ރައްޔިތުންނަށް މި ބޭނުންވާ މުހިންމު ވަސީލަތްތައް ޤާއިމުކޮށްދިނުމަށްޓަކައި. އުންމީދުތައް ޙަޤީޤަތަކަށް ހަދައިދިނުމަށްޓަކައި.
އާދެ، އާބާދީއާއި ތަރައްޤީ އެއްފަސްކުރަނީ އެގޮތަށް، ރަށްރަށުގެ ރައްޔިތުން ބޭނުންވާ ކަންކަމަށް އިސްކަންދީގެން. ނޫނީވިއްޔާ ރައްޔިތުން ބޭނުންވާ ގޮތަށް ގެންދިޔުމަށް. އަޅުގަނޑުމެން ސަރުކާރުން އިމްޕޯޒެއް ނުކުރަން، ނޫނީވިއްޔާ މަޖުބޫރެއް ނުކުރަން އެއްވެސް ރަށަކަށް. މި ރަށުގެ ރައްޔިތުން ޖެހޭނީ މިވެނި ރަށަކަށް ދާށޭ. އެގޮތަކަށް މި ސަރުކާރުގެ ސިޔާސަތެއް ނޯންނާނެ. އޭގެ ބަދަލުގައި، ރަށެއްގެ ރައްޔިތުން ބޭނުންވެލައްވާ ކަމުގައިވަންޏާ، ސަރުކާރުން ތަފްޞީލު ސަރވޭއެއް މި ކުރަނީ. ނޫނީވިއްޔާ ރަށަށްއައިސް، ރަށުގެ ރައްޔިތުންނާ ބައްދަލުކޮށް، އެކަހަލަ ނިޒާމެއްގެ ތެރެއިން ކައުންސިލް މެދުވެރިކޮށް، އެ އޮންނަ ނިޒާމެއްގެ ތެރެއިން އަޅުގަނޑުމެން މި ބަލަނީ، ރަށުގެ ރައްޔިތުން ބޭނުންވާގޮތް. އެހެން ބަލާފައި، ބަދަލުވާން ބޭނުންވާ ރަށްތައް މި ޚިޔާރުކުރަނީ. ނޫނީވިއްޔާ ނިންމަނީ. އަޅުގަނޑުމެންގެ މި ސަރުކާރުގެ މިކަހަލަ މަޝްރޫޢެއްގެ ދަށުން މި އާބާދީއާއި ތަރައްޤީ އެއްފަސްކުރަން އެންމެ ފުރަތަމަ ނިންމި ރަށަކަށް މިހާރު މިވަނީ މި ރަށް. އަދި ދެތިން ރަށަކުން އެގޮތަށް އެދިފައި އެބައޮތް.
އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި މަޝްރޫޢުތައް ކުރިއަށް ގެންދާނީ، ކުރީގެ ސަރުކާރުތަކުން އެ ގެންދިޔަ ގޮތަށްވުރެ އިތުރަށް ފުރިހަމަކޮށް. އެއް ކަމަކަށް، ބަދަލުގެ ގޮތުގައިދޭ ފައިސާގެ އަދަދު ބޮޑުވާނެ. ދެވަނަ ކަމަކަށް، ދޫކޮށްލާފައި ދާ އުފަންރަށް، އަމިއްލަ ރަށުން، ކޮންމެވެސްކަހަލަ އިޤްތިޞާދީ ނަފާއެއްވެސް، އެ ފަރާތްތަކަށް ލިބޭނެގޮތަށް އަޅުގަނޑުމެން ބައްޓަންކުރަން ގަސްދުކުރަން. އެހެންވީމާ، އަޅުގަނޑުމެންނަށް އަދި ތަފްޞީލުކޮށް ނުނިންމޭތީ، މިތާ އަޅުގަނޑަށް އެއީ، ކޮންގޮތަކަށްކަން އިޢުލާނު ނުކުރެވުނަސް، ތިޔަބޭފުޅުން ދޫކޮށްލައްވާފައި ތިޔަވަޑައިގަންނަވަނީ، ތިޔަބޭފުޅުންގެ އުފަންރަށް. މި ރަށުން ތިޔަބޭފުޅުންނަށް، މި ރަށް ސަރުކާރުން ކޮންމެގޮތަކަށް ބޭނުންކުރިޔަސް، އެ ކުރާ ބޭނުމަކުން، މި ރަށުން ތިޔަބޭފުޅުންނަށްވެސް އިޤްތިޞާދީ ކޮންމެވެސް ކަހަލަ ނަފާއެއް، މާލީ ފައިދާއެއް ކުރާކަހަލަ ގޮތަކަށް ބައްޓަންކުރަން އަޅުގަނޑުމެން ބޭނުންވަނީ.
އެހެންވީމާ، އިރާދަކުރެއްވިއްޔާ ކޮންޓިނުއަސް ގޮތަކަށް، ދެމިގެންދާ ގޮތަކަށް ފައިދާއެއްވެސް ވާގޮތަށް ހަދަން ބޭނުންވަނީ. އެގޮތަށް އަޅުގަނޑުމެން މި ކަނޑައަޅާ ސަބަބަކީ، އެއީ އެންމެ އިންޞާފުވެރި ގޮތް ކަމަށް އަޅުގަނޑުމެންނަށް ފެންނާތީ. ތިޔަބޭފުޅުން އުޅެބޮޑުވި ތަން. ވަރަށް ގިނަ ހަނދާންތަކާއި، ވަރަށް ގިނަ ވާހަކަތައް ގުޅިފައިވާ، ތިޔަބޭފުޅުންގެ ޙަޔާތް ބިނާކުރި ރަށް. އަދި ވަރަށް ގިނަ ސެކްރިފައިސްތައް، ޤުރްބާނީތައް ވެފައިވާ ތަނެއް. އެތައް އެތައް ޒަމާންތަކެއް، ޖެނެރޭޝަންތަކެއް، ޖީލުތަކެއް މިތާނގައި އުޅެފައިވޭ. އެހެންވީމާ، މިތަން ދޫކޮށްލާފައި، އެހެން ތަނަކަށް ބަދަލުވެގެންދާއިރުގައި، އެ އޮރިޖިނަލް ރަށުން، މި ރަށުން، އެ ދޫކޮށްލާ ތަނުން، އުފަން ރަށުން ފައިދާއެއްވާންވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން.
އެހެންވީމާ، އެކަމާ ބެހޭގޮތުން އަޅުގަނޑުމެން ތަފްޞީލުކޮށް ދިރާސާކޮށް، ނޫނީވިއްޔާ އެކަމާބެހޭ ކަންތައްތައް އަޅުގަނޑުމެން ކުރިއަށް ގެންދާނަން. ކޮށްފައި، އެކަންވެސް އަދި އިޢުލާނުކުރާނަން. އެހެންވީމާ، ޖުމްލަކޮށް އަޅުގަނޑުގެ ސިޔާސަތު މި ދެންނެވީ. އިރާދަކުރެއްވިއްޔާ އެ ފައިދާވެސް ވާގޮތަށް މިކަން ކުރިއަށް ގެންދާނަން. އެހެންވީމާ، 18 މަސްދުވަހުގެ ތެރޭގައި، އެންމެ ގިނަވެގެން، 18 މަސްދުވަހުގެ ތެރޭގައި މަޝްރޫޢު ނިންމައި، ހަނިމާދޫން ދާއިމީ ގެދޮރުވެރިކަމާއި، އެ ހުރިހާ ފަސޭހަތަކެއް ލިބުމުގެ އިތުރަށް، މި ރަށުންވެސް ތިޔަބޭފުޅުންނަށް ކޮންޓިނުއަސް ގޮތެއްގައި ކޮންމެވެސްކަހަލަ އާމްދަނީއެއް ލިބޭނެކަހަލަ ގޮތެއް ރާވަން އަޅުގަނޑު ގަސްދުކުރާ ވާހަކަ، ތިޔަބޭފުޅުންނަށް ދަންނަވަން.
އާދެ، އާބާދީއާއި ތަރައްޤީ އެއްފަސްވާން ބޭނުންވާ އެހެން ރަށްތަކުގެ ރައްޔިތުންނަށްވެސް މި މެސެޖް މި ދެނީ. މިވަގުތު އިތުރަށް ދެތިން ރަށެއް މިކަމަށް އެދިފައިވަނީ. އަޅުގަނޑު އެދެން، އަޅުގަނޑު އުންމީދުކުރަން، މި ސިޔާސަތު މިގޮތަށް އަޅުގަނޑުމެން ކުރިއަށް ގެންދާނެ ކަމަށްވަންޏާ ތަރުޙީބުދޭނެ ކަމަށް، ނޫނީވިއްޔާ އެދޭނެ ރަށްތައް ގިނަވާނެ ކަމަށް. ވަރަށް ކުދިކުދި އާބާދީތައް އެބައުޅޭ ރަށްރަށުގައި. އަޅުގަނޑުގެ ސިޔާސަތު މިދަނީ އިޢުލާނު ކުރަމުން. އެންމެ ކުޑަ ރަށުގެ، އެންމެ ކުޑަ އާބާދީގެ ރަށްރަށުގެ ރައްޔިތުންވެސް އަޅުގަނޑަށް ހަމަހަމައޭ. ކޮންމެ ދިވެހި ރައްޔިތެއް އަޅުގަނޑަށް ހަމަހަމަ. ކޮންމެ ރައްޔިތަކަށް، އެ ފުރުޞަތުތަކެއް އޮންނާނީ ހުރިހާ ރައްޔިތުންނަށްވެސް ހަމަހަމަކޮށް، އަޅުގަނޑުގެ ސަރުކާރުގެ ސިޔާސަތުތަކުގައި. ތަފާތެއް ނުކުރާނަން. އެހެންނަމަވެސް، އެންމެ ދެމެހެއްޓެނިވި ދުރުރާސްތާ ވިސްނުމަކީ، އަދި އިކޮނޮމީސް އޮފް ސްކޭލް ހާސިލުވަނީ، އެންމެ ފީޒިބަލް ގޮތަކީ، ކުދިކުދި އާބާދީތައް، ތަންކޮޅެއް އާބާދީ ބޮޑު ރަށެއްގައި ގޮސް އާބާދުވެގެން އެއްފަސްވުމުން. އެކަމަކު އެއީ، މަޖުބޫރުކުރެވިގެން ވާނެ ކަމަކަށް ވެގެންނުވާނެ. ސަރުކާރުގެ، އަޅުގަނޑުމެންގެ ސިޔާސަތަކީ، އެ ތަންތަނަށް ދާން ބޭނުންވާނެ ކަހަލަ ކަންކަން، އެކަހަލަ އަރބަން ސެންޓަރތަކުގައި، ނޫނީވިއްޔާ ބޮޑެތި ރަށްތަކުގައި ޤާއިމުކޮށްދިނުން. ހަނިމާދުއަކީ އެފަދަ ރަށެއް. ވަރަށް ފެންވަރު ރަނގަޅު އިންޓަރނޭޝަނަލް އެއަރޕޯޓެއް މިހާރު އެ ނިމެނީ. ވަރަށް އަވަހަށް އެބަ ހުޅުވޭ. އަދި އެތައް ފައިދާތަކެއް އެބަހުރި. އެހެންވީމާ، ތިޔަބޭފުޅުންނަށް އޭގެ މުސްތަޤްބަލު ފެންނަން މިއޮތީ.
ހަމަ އެގޮތަށް، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އެބަހުރި، މިގޮތަށް ހުރި ރަށްރަށް. ކުދިކުދި އެހެން ރަށްތަކުން، އެ ރަށްތަކަށް ދާން ނިންމަން ވިސްނައިފިއްޔާ، ވަރަށް ފަސޭހައިން އެ ޑިޒިޝަން، ނޫނީވިއްޔާ އެ ނިންމުން އެ ރަށްރަށުގެ ރައްޔިތުންނަށް ނިންމޭނެ ކަހަލަ ރަށްރަށް އެބަހުރި. އަޅުގަނޑުމެން މި މަޝްރޫޢުތައް ކުރިއަށް ގެންދާނީ، ރަށްރަށުގެ ރައްޔިތުން ބޭނުންވާ ކަމަށްވަންޏާ އެގޮތަށް. ގެންދާއިރު، އެ ދޫކޮށްލާ ރަށުން، އުފަންރަށް އެކީގައި އެމީހުންނަށް ގެއްލިގެންދާގޮތް ނަހަދައި، ދެންމެ މި ދެންނެވިހެން، އެ ރަށުން، ސަރުކާރުން ކޮންމެކަހަލަ މަޝްރޫޢެއް އެ ރަށުގައި ހިންގިޔަސް، އިޤްތިޞާދީ، ނޫނީވިއްޔާ މާލީ ފައިދާއެއް ވާގޮތަށް ކުރިއަށް ގެންދަން ބޭނުންވަނީ.
އެހެންވީމާ، މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ހުރި މިފަދަ ކުދިކުދި އާބާދީތަކަށް އަޅުގަނޑު މި ވާހަކަ މި ދަންނަވާލަނީ. އަޅުގަނޑުމެން ކުރިއަށްދާނީ، ރައްޔިތުން ބޭނުންވާގޮތަށް. ރައްޔިތުންނަށް އެންމެ ފުރިހަމަ، އެންމެ ފުރިހަމަ ސޮލިއުޝަން ގެނެސްދެވޭ ގޮތަށް. އަޅުގަނޑު އެކި ހައިސިއްޔަތުތަކުން މި މަޝްރޫޢުގައި، ނޫނީވިއްޔާ މި ޕްރޮގްރާމް ތެރޭގައި އުޅެމުންދާތާ އެތައް ދުވަހެއް ވެއްޖެ. ކުރީގައި، ހައުސިންގ މިނިސްޓަރަކަށް ހުރިއިރުގައިވެސް، އަދި އޭގެކުރީގައި އެ މިނިސްޓްރީގައި އެކިކަހަލަ ވަޒީފާތަކުގައި އުޅުނުއިރުގައިވެސް. އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ކަންކަމުގައި، އެކި ލެވެލްތަކުގައި އަޅުގަނޑަށް ހުރީ އުޅެވިފައި. އަޅުގަނޑަށް އެކި އޭންގަލްތަކުން، އާންމު ރައްޔިތުން ދައްކާ ވާހަކައިން ފެށިގެން، މިކަމުގެ ޓެކްނިކަލް ކުރެހުންތައް ހަދާ މީހުންނާއި، ހިސާބުތައް ޖަހާ ފަރާތްތަކުގެ ވާހަކައާއި، އެކި ވާހަކަތައް ފެނިފައި، އިވިފައި ހުރީ. ޕޮލިސީ މޭކިންގ ލެވެލުންނާއި، ހުރިހާ ލެވެލަކުން.
އެހެންވީމާ، އަޅުގަނޑަށް އެނގޭ ވަރަށް ތަފްޞީލުކޮށް މިއީ ކޮންކަހަލަ ކަމެއްކަން. ވަރަށްވަރަށް ޒިންމާދާރުކޮށް ކުރަންޖެހޭނެ ކަމެއްކަން. ވަރަށް ދެކޮޅުޖެހޭ ގޮތަކަށް ގެންދަންވާނެ މަޝްރޫޢެއްކަން. ވަރަށް އިޚްލާޞްތެރިކަމާއި، ތެދުވެރިކަމާއެކީގައި، ރައްޔިތުންނަށްޓަކައިކަން މިކަހަލަ ކަމެއް ކުރިއަށް ގެންދަންވާނީ. ރައްޔިތުންގެ އުންމީދުތައް މިއާ ގުޅިފައި މިވަނީ. ދިރިއުޅޭ ފަސްގަނޑު ދޫކޮށްލާފައި، އެހެން ތަނަކަށް ބަދަލުވުމަކީ އާދައިގެ ކަމެއްނޫން.
އެހެންވީމާ، މި ސަރުކާރުން އޮންނާނީ، ހިރިމަރަދޫ ރައްޔިތުންނާ އެކީގައި ފުރިހަމައަށް. ރައްޔިތުން ބޭނުންވާ ކަންކަމުގައި ވަރަށްގާތުން. އަދިވެސް އަޑުއަހާނަން. އަޑުއަހައިގެން ކުރިއަށްދާނީ. ބަދަލުވާން އަދި ދުވަސްކޮޅެއް މިއޮތީ. ދޮޅުއަހަރެއްހާ ދުވަސް، ނޫނީ އެއަށްވުރެ އަވަސްވެދާނެ. އޭގެކުރިން މިތާނގައި އަދި ދިރިއުޅެން އެބަޖެހޭ. އެހެންވީމާ، ސްކޫލްވެސް ހިންގާނެ. އަދި އެހެން ތަންތަންވެސް ހިންގާނެ. ހިންގާއިރު، އެ ތަންތަނަށްވެސް ހަމަ މިހާރަށްވުރެ، މިސާލަކަށް، އަޅުގަނޑުމެން މުޅިރާއްޖެއަށް ކޮމަން މަޝްރޫޢެއް، ސްކޫލްތައް އޭސީ ކުރުމަކީ. އެ މަޝްރޫޢު މި ރަށުގައިވެސް ހިންގާނެ. އެހެންވީމާ، ސްކޫލް ކްލާސްރޫމާއި، އަދި ފަހަރެއްގައި ހޯލު. އެޑިޔުކޭޝަން މިނިސްޓްރީން އެކަން ނިންމާނީ. ގައިމުވެސް ކްލާސްރޫމް ފަދަ ތަންތަން އޭސީވާނެ.
މިއަދު މި ދަތުރުގެ ތެރެއިން، އޭ.ޓީ.އެމް.ގެ ޚިދުމަތްވެސް ފެށިގެން އެދިޔައީ. މިއީ، ރަށުގައި ދިރިއުޅޭ ވަގުތު އެ ތަންތަން ބޭނުންކުރުމަށް. ހުރިހާ ރަށެއްގައި ހުންނަ މިކަހަލަ ކަންކަންވެސް ކުރިއަށް ގެންދާނަން. އެހެންވީމާ، އަޅުގަނޑުމެން މިތިބީ ރައްޔިތުންނާ އެކީގައި. މި އޭ.ޓީ.އެމް.ގެ ޚިދުމަތް ތިޔަބޭފުޅުން ބަދަލުވާ ހިސާބުން، އެ ބަދަލުވާ ސަރަޙައްދަށް، ނޫނީވިއްޔާ ހަނިމާދުއަށްވެސް ބަދަލުވާނެ.
އެހެންވީމާ، އެގޮތަށް ތިޔަބޭފުޅުންނާ ވަރަށްގާތުން، ތިޔަބޭފުޅުންގެ ފަޅީގައި އޮވެގެން މި ސަރުކާރު ހިނގާނީ. އެހެންވީމާ، މި ސަރުކާރަކީ ހިރިމަރަދޫ ރައްޔިތުންނާ އެކީގައި އޮތް ސަރުކާރެއް. މި ސަރުކާރު ހިނގާނީ، ހިރިމަރަދޫ ރައްޔިތުން ބޭނުންވާގޮތަށް. ބޭނުންވާ ކަންކަން ކޮށްދިނުމުގައި ކުރިއަށްދާނީ.
އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވަން ބޭނުންވަނީ، ވަރަށް ބޮޑަށް ޝުކުރު އަދާކުރަމޭ. އަޅުގަނޑަށް މިކަމުގައި މި ސަރުކާރަށް އިތުބާރުކުރާތީ. އަޅުގަނޑުމެންނާ ތިޔަ ހަވާލުކުރައްވަނީ ވަރަށް ބޮޑު އަމާނާތެއް، ވަރަށް ބޮޑު ޒިންމާއެއް، ތިޔަބޭފުޅުންގެ މުސްތަޤްބަލަށް. ކުދިކުދި ތުއްތުކުދިން، ވަރަށް ގިނަ ކުދިން މި ރަށުގައިވެސް އެބައުޅޭ. އެ ކުދިންގެ މުސްތަޤްބަލް އުޖާލާކޮށްދިނުމަށްޓަކައި، ދާއިމީ ޙައްލެއް ގެނައުމުގެ ޒިންމާ ތިޔަ ހަވާލުކުރައްވަނީ. އެކަން ކުރުމުގައި އަޅުގަނޑުމެން ވަރަށް ސީރިއަސްކަމާއެކީގައި، ވަރަށް ޒިންމާދާރުކަމާއެކީގައި ކުރިއަށްދާނީ. އިރާދަކުރެއްވިއްޔާ، މި ދެންނެވި ގޮތަށް މިކަން ކުރާނަން. އެ ޔަޤީންކަން ތިޔަބޭފުޅުންނަށް އަދިވެސް އެއްފަހަރު ދެން. އަޅުގަނޑުމެން ވަރަށްވަރަށް އިސްކަންދީގެން، މި މަޝްރޫޢު މިގޮތުގައި ގެންދާނަން. ދެންމެ މި ދެންނެވި ހުރިހާ ވާހަކައެއް ޚުލާޞާކޮށްލާފައި މި ދަންނަވަނީ. އެގޮތަށް ކުރިއަށް ގެންގޮސްދޭނަން. އިރާދަކުރެއްވިއްޔާ، ހިރިމަރަދޫ ރައްޔިތުންގެ މުސްތަޤްބަލް ފުރިހަމައަށް އުޖާލާކޮށްދިނުމުގައި، އަޅުގަނޑުމެން ކާމިޔާބީ ތިޔަބޭފުޅުންނާ އެކީގައި ހާސިލުކުރާނަން.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންގެ މި މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވަވައި، ހިރިމަރަދޫ ރައްޔިތުންގެ މުސްތަޤްބަލް އުޖާލާކުރުމުގައި އަޅުގަނޑުމެންނަށް ކާމިޔާބު މިންވަރުކުރެއްވުން. އާމީން.
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.