ވަޒީފާ އަދާކުރާ މީހުންނާއި، ވަޒީފާދޭ ފަރާތްތަކުގެ ދެމެދުގައިޖެހޭ މައްސަލަތައް، ދެފަރާތުންވެސް ވާހަކަ ދައްކައިގެން، މަޝްވަރާކޮށްގެން ޙައްލު ކުރުމުގެ މުހިންމު ކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވާހަކަފުޅު ދައްކަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި މޭރުމުން ވާހަކަފުޅު ދެއްކެވީ، މިއަދު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައެވެ.

ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންނާއި އަދި ވަޒީފާދޭ ފަރާތާ ދެމެދުގައި ބައެއް ފަހަރަށް ޚިލާފާއި، ދެބަސްވުންތަކާއި، ހަމަނުޖެހުންތައް އުފެދެމުންދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، ވަޒީފާދޭ ފަރާތުންވެސް ވަޒީފާ އަދާކުރާ ފަރާތަށް ފޯރުކޮށްދޭންޖެހޭ ހުރިހާ ޚިދްމަތެއް ފޯރުކޮށްދީ، ހިފަހައްޓައިދޭންޖެހޭ ހުރިހާ ޙައްޤުތަކެއް ހިފަހައްޓައިދިނުމަކީ، ވަރަށް މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި ވަޒީފާދޭ ފަރާތުން އެމީހުންނަށް މި ހުރިހާ ކަންތައްތަކެއް ފުރިހަމައަށް ކޮށްދިނުމަކީ، މި ޞިނާޢަތް ފައިދާހުރި ގޮތުގައި ދިވެހިންނަށް ބޭނުންކުރުމުގައި ވަރަށް މުހިންމު ދައުރެއް ކުޅޭ ކަމެއްކަންވެސް ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ. ހަމައެހެންމެ، ވަޒީފާ އަދާކުރާ ފަރާތުންވެސް ޚިޔާލުފާޅުކުރުމުގެ ޙައްޤާއި، އެއްވެ އުޅުމުގެ ޙައްޤާއި، ހަޅުތާލު ކުރުމުގެ ޙައްޤު ބޭނުންކުރަމުން ގެންދާން ޖެހޭނީ ޤާނޫނީ ޙުދޫދުގެ ތެރޭގައި ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ރައްޔިތުންގެ ޙައްޤުތައް ސަރުކާރުން އެބަ ހިފަހައްޓަވަން ޖެހިވަޑައިގަންނަވާ ކަމަށާއި، ހަމައެއާއެކީގައި، މުދާ ހޯދުމާއި، މުދާ އެއްކުރުމާއި، މުދަލުގެ މުޢާމަލާތް ހިންގުމާއި، މުދަލުގެ ޙުރްމަތް، މުދަލުގެ ވެރިފަރާތަށް ހިފަހައްޓައިދިނުމަކީވެސް ސަރުކާރުގެ ވާޖިބެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ރޭޑިޔޯ ޚިޠާބުގައި، ބައިބަލާ ކުޅުމުގެ ހުއްދަ ނުލިބިގެން މިދިޔަ ހަފްތާގައި އެމަނިކުފާނާ ބައްދަލުކުރުމަށް މުލީއާގެއަށް ދިޔަ ޒުވާނުންނަށް އެކަންތައް ވީހާވެސް ފުރިހަމައަށް ކޮށްދެއްވޭތޯ ބައްލަވަމުން ގެންދަވާކަންވެސް ހާމަކުރެއްވިއެވެ. ކަމާބެހޭ ފަރާތްތަކުން އެ ހުއްދަ ނުދެއްވީ، ބައިބަލާ ކުޅުމުގެ ތެރޭގައި، މިދިޔަ ދެތިން އަހަރު މާރާމާރީގެ ޢަމަލުތައް ހިންގާފައިވާތީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންނަމަވެސް، ފުލުސް އޮފީހާ ވާހަކަ ދައްކަވައިގެން ބައިބަލާ މުބާރާތް ބޭއްވޭނެ ގޮތެއްވޭތޯ ބައްލަވަމުން ގެންދަވާ ކަމަށާއި، މިފަހަރު އެފަދަ ޢަމަލުތައް ނުހިނގާނެ ކަމަށްވެފައިވާ އެއްބަސްވުމާ ޒުވާނުން ޚިލާފު ނުވާނެކަމަށް ޔަޤީން ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.