ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ކޮމަންވެލްތް ލޯކަލް ގަވަރންމަންޓް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލް މިސްޓަރ ކާލް ރައިޓާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެއްވީ ލާމަރުކަޒީ އުސޫލުން ރަށްތައް ހިންގުމާ ބެހޭގޮތުންނާއި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ބެހޭގޮތުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ރަށްތަކުގެ އިދާރީ ހިންގުން ލާމަރުކަޒީ އުސޫލަށް ބަދަލުކުރެއްވުމަކީ، ސަރުކާރުން ވަރަށް މުހިންމުކަން ދެއްވާ ކަމެއް ކަމުގައި ވިދާޅުވެ، މި ކަމުގައި ކުރިމަތިވެފައިވާ ބައެއް ދަތިތައް ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖެއަކީ ޖަޒީރާ ރަށްތަކަށް ބެހިގެންދާ ރަށްތަކެއް ކަމަށާއި، އަދި ބައެއް ރަށްރަށަކީ ވަރަށް އާބާދީވެސް ކުޑަ ރަށްތަކެއް ކަމުން އިންތިޚާބު ބޭއްވުމުގައާއި ލާމަރުކަޒީ ކުރުމުގައި ކޮންމެވެސް ވަރެއްގެ ދަތިތަކެއް ހުރި ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކޮމަންވެލްތަކީ ރާއްޖެއަށް އަބަދުވެސް ވަރަށް އެހީތެރިކަންދޭ ޖަމާޢަތެއްކަން ފާހަގަކުރައްވަމުން، ރާއްޖޭގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމުގައިވެސް ކޮމަންވެލްތް ލޯކަލް ގަވަރންމަންޓް ފޯރަމްގެ އެހީތެރިކަން ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

މިސްޓަރ ކާލް ރައިޓް ދެއްކެވި ވާހަކަފުޅުގައި، ލޯކަލް ގަވަރންމަންޓްގެ އުސޫލަކީ ޑިމޮކްރަސީ ހަރުދަނާކުރެއްވުމަށް ކުރެވޭ މަސައްކަތުގެ ވަރަށް މުހިންމު ބައެއް ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖޭގައި މިކަން ކުރުމަށް ނިންމި ނިންމުމަކީ ވަރަށް މުހިންމު އަދި ފާހަގަކޮށްލެވޭ ނިންމުމެއް ކަމުގައިވެސް ވިދާޅުވިއެވެ. ރާއްޖޭގައި ލޯކަލް ގަވަރންމަންޓް އިންތިޚާބު ބޭއްވުމުގައި ވެދެއްވެން އޮތް އެހީއެއް ކޮމަންވެލްތުން ދެއްވަން ތައްޔާރަށް އޮތް ކަމުގައިވެސް މިސްޓަރ ކާލް ރައިޓް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދާއި، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހިމް ޙުސައި ޒަކީއާއި، އެޑްވައިޒަރ އޮން ޕޮލިޓިކަލް އެފެއާޒް ޙަސަން ޢަފީފާއި، މިނިސްޓަރ އޮފް ހޯމް އެފެއާޒް މުޙަންމަދު ޝިހާބުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.