ހުޅުމާލޭގައި ބޮޑު ޤަބުރުސްތާނެއް ހަދައި، މާލޭގައި މަރުވާ މީހުން، އެޤަބުރުސްތާނުގައި ވަޅުލާގޮތަށް ހަމަޖެއްސެވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމެވީ، މިއަދު ބޭއްވެވި އެމަޖިލީހުގެ ޖަލްސާގައި، މާލޭގައި މީހުން ވަޅުލުމުގެ މައްސަލައަށް ޙައްލެއް ހޯއްދެވުމާ ބެހޭގޮތުން މެންބަރުން ވާހަކަފުޅު ދެއްކެވުމަށްފަހުގައެވެ.

މާލޭގައި މީހުން ވަޅުލުމަށް މިހާރު ބޭނުންކުރަމުންދާ އާސަހަރާ ގާތްގަނޑަކަށް ފުރިފައިވުމާއި، މިހާރުވެސް އެތަނުގައި މީހުން ވަޅުލަމުން ގެންދަނީ، ޤަބުރުތަކުގެ މައްޗަށް ވެލިފަށަލައެއް އަޅައިގެން ކަމަށްވުމާއި، އަދި އެ ވެލިފަށަލަވެސް މިހާރު ފުރުމާ ކައިރިވެފައި ވުމާއެކު، މިކަމާ ބެހޭގޮތުން މިއަދުގެ ޖަލްސާގައި ވަރަށް ފުޅާ ދާއިރާއެއްގައި މެންބަރުން މަޝްވަރާ ކުރެއްވިއެވެ. މާލޭގައި އިތުރު ޤަބުރުސްތާނެއް ހަދާވަރުގެ އެކަށީގެންވާ ބިމެއް މިހާރު ނެތްކަމާއި، ގެދޮރު ޢިމާރާތް ކުރުމާއި، ވިޔަފާރި ބޭނުމަށް މާލޭގައި ލިބެންހުރި ހުސް ބިންތަކުގެ ބޭނުން ވަރަށް ބާރު ސްޕީޑެއްގައި ހިފެމުންދާކަން މިއަދުގެ މަޝްވަރާތަކުގައި މެންބަރުން ފާހަގަކުރެއްވިއެވެ.

މިކަމާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވުމަށްފަހު، ހުޅުމާލޭގައި ބޮޑު ޤަބުރުސްތާނެއް ހެދުމުގެ މަސައްކަތް، ކުރިއަށް އޮތް 4 މަސްދުވަހުގެ ތެރޭގައި ނިންމަވައި، މި ޤަބުރުސްތާނުތަކުގައި މީހުން ވަޅުލަން ފެށްޓެވުމަށް ކަނޑައެޅުއްވިއެވެ. އަދި މަރުވާ މީހުން ހުޅުމާލެއަށް ގެންދިޔުމުގެ އިންތިޒާމުތައް، ފެރީ އެމްބިއުލަންސެއްފަދަ އުޅަނދެއް ބޭނުންކޮށްގެން، ވަރަށް ރަނގަޅަށް ހަމަޖެއްސެވުމަށްވެސް ނިންމެވިއެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރ. އަތޮޅުގެ ރަށެއް ކަމަށްވާ ވަންދޫގެ ބިން ހެޔޮގޮތުގައި ބޭނުންކުރުމުގެ މަޝްރޫޢެއް އެކުލަވައިލުމާ ބެހޭގޮތުންވެސް މެންބަރުން މަޝްވަރާ ކުރެއްވިއެވެ. މިކަމާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވުމަށްފަހު، ޞިނާޢީ މަސައްކަތް ކުރުމަށް އެރަށުގެ ބައެއް، ސްލިޕްވޭއަކާއެކު ދިގު މުއްދަތަށް ކުއްޔަށް ދޫކުރެއްވުމަށް ނިންމެވިއެވެ.