ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުންގެ ފަރާތުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބޯހިޔާވަހިކަމުގެ އާ މަޝްރޫޢެއްގެ މުހިންމުކަން ހިމެނެއެވެ. ހަމައެއާއިއެކު ރަށުގެ ނަރުދަމާގެ މައްސަލަ ހައްލުކޮށްދިނުމާއި، އިންޓްގްރޭޓެޑް ޓޫރިޒަމް ރަށަށް ތަޢާރަފުކޮށްދެއްވުމާއި، ރައްޔިތުން ދަތުރުދާނެ ރަށެއް ހަމަޖައްސަވައިދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެއިތުރުން ރަށު ސްކޫލްގެ ފަރާތުން ވަނީ، ސްކޫލަށް މަލްޓި ޕަރޕަސް ހޯލެއް ބޭނުންވާކަން ފާހަގަކުރައްވާފައެވެ. ރަށުގެ ޞިއްޙީ މަރުކަޒުގެ ޚިދުމަތް ތަރައްޤީކުރުމަށްޓަކައި އެކްސްރޭގެ ޚިދުމަތާއިއެކު 16 ގަޑިއިރު ޚިދުމަތްދެވޭ ފެންވަރަށް ޞިއްހީ މަރުކަޒު ތަރައްޤީކޮށްދެއްވުމަށް ވެސް ކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.