ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 157 ވަނަ މާއްދާގެ (ހ) އާއި، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު)ގެ 37 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެކުލަވާލާފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް، ރައީސުލްޖުމްހޫރިއްޔާ މިއަދު ތިންބޭފުޅަކު ހަމަޖައްސަވައިފިއެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވި ތިންބޭފުޅުންނަކީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެކޯޓުން އިންތިޚާބު ކުރެއްވި ފަނޑިޔާރު އަލްއުސްތާޛު އާދަމް މުޙަންމަދު ޢަބްދުﷲ އާއި، ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އެކޯޓުން އިންތިޚާބު ކުރެއްވި ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙަންމަދާއި، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުޙަންމަދު ފަހުމީ ޙަސަނެވެ.

މި ތިން ބޭފުޅުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ހަމަޖެއްސެވި ކަމުގެ ލިޔުން، މިބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރެއްވީ، މިކަމަށްޓަކައި މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މަސައްކަތްތައް މެންބަރުން ފުރިހަމަ ގޮތުގައި އަދާކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތަކާ ބެހޭގޮތުން ހުށަހެޅިފައިވާ މައްސަލަތައް އެބަހުރިކަމަށާއި އެ މައްސަލަތައް ކޮމިޝަނުން ބައްލަވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގެ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައްޝައިޚް ޢަބްދުﷲ އަރީފްގެ ކުރިމަތީގައި، މި ތިންބޭފުޅުން، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމުގެ ހުވާ ކުރެއްވިއެވެ.