މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ރެގިއުލޭޓަރީ ބޯޑުގެ ޗެއަރޕަރސަންގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ. މިމަގާމަށް ޢައްޔަން ކުރެއްވީ، ހެންވޭރު ސަންދަރޯސްގޭ ޑޮކްޓަރ ޢަބްދުލްމުޙްސިން މުޙަންމަދެވެ. ޑޮކްޓަރ ޢަބްދުލްމުޙްސިން މުޙަންމަދު މިމަގާމަށް ޢައްޔަން ކުރެއްވީ، މިނިސްޓަރުގެ ނައިބު ފެންވަރުގައެވެ. މިއީ ފުލްޓައިމް މަގާމެކެވެ. މީގެއިތުރުން، މިނިސްޓަރ އޮފް ސްޓޭޓް، މަތިއުތުރު ޕްރޮވިންސްގެ ނައިބު ކަމަށް ރައީސުލްޖުމްހޫރިއްޔާ ބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ. މިމަގާމަށް ޢައްޔަން ކުރެއްވީ، މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ސީޓުމާގޭ އާދަމް ސަޢީދެވެ.