ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މާޅޮސްމަޑުލު ދެކުނުބުރީ ފެހެންދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށު ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މާޅޮސްމަޑުލު ދެކުނުބުރީ ފެހެންދޫ ސްކޫލްގައެވެ.
މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށްގިރާ މައްސަލައާއި ރަށުގެ ފުޓްސަލް ދަނޑުގެ ބިން އެއްވަރުކުރުމަށް ބޭނުންވާކަމާއި ރަށަށް ޒަމާނީ ފެންވަރުގެ ވޮލީ ކޯޓެއް ބޭނުންވާކަމާއި ރަށުން ގެވަޅު ދޫކުރަން ބޭނުންވާކަން ހިމެނެއެވެ. މީގެއިތުރުން ރަށުގެ ބްރިޖު އަރިއަޅާލާފައިވާތީ އެކަމަށް ހައްލެއް ގެނައުމަށް މަޝްވަރާކުރެވިފައިވާނެ ކަމަށާއި އެ ކަމަށް އަވަސް ހައްލެއް ބޭނުންވާކަން މި ބައްދަލުކުރެއްވުމުގައި މެންބަރުން ފާހަގަކުރައްވާފައިވެއެވެ. މި ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް އަވަސްކޮށްދެއްވުމަށް ކައުންސިލްގެ ފަރާތުން އެދިވަޑައިގެންފައިވެއެވެ. މީގެއިތުރުން ރަށަށް އައު މިސްކިތެއް ބޭނުންވާ ކަމަށާއި ރަށުގައި އެންމެ އިމާމެއް ހުރުމުގެ ސަބަބުން އެކަމުގައި ދިމާވާ ދަތިތައް އެ ބޭފުޅުން ރައީސުލްޖޫމްހޫރިއްޔާގެ ސަމާލުކަމަށް ވަނީ ގެނެސްދެއްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.