ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116ވަނަ މާއްދާގެ (ހ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުގެ ދަށުން ހިނގަމުންދާ "އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ" ގެ ނަން، "އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ" ގެ ނަމަށް ބަދަލުކުރައްވައި، އެ އިދާރާއަކީ، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ މިހައިތަނަށް ހިނގަމުން އައި ހައިސިއްޔަތުން ގަވަރނިންގ ބޯޑެއްގެ ލަފާގެ ދަށުން ހިންގާ އިދާރާއެއްގެ ބަދަލުގައި، ސީދާ އެ މިނިސްޓްރީގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި ހަމަޖައްސަވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

           މި ބަދަލު ގެންނެވީ، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީން މިހައިތަނަށް ކުރަމުންގެންދާ މައިގަނޑު މަސައްކަތްތަކަކީ، ދިވެހިރާއްޖޭގެ ތިމާވެށްޓާބެހޭ ކަންކަން ރެގިއުލޭޓްކުރުމާ ގުޅުންހުރި މަސައްކަތްތަކެއް ކަމަށްވާތީ، އެ އިދާރާއިން ކުރަމުންގެންދާ މައިގަނޑު މަސައްކަތްތަކާ ވީހައިވެސް ގުޅުންހުރި ނަމެއް ހަމަޖެއްސުމުގެ އިތުރުން، އެ އިދާރާގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކޮށް ހަލުއިކުރުމުގެ ބޭނުމުގައެވެ.

           ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީއަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ 203 އެވެ.