بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربِّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء وسيِّد المرسلين، وعلـى آلـه وأصـحابه أجمـعـين.

އާދެ، އަޅުގަނޑު މިއަދު ދިއްފުށްޓަށް މިއައީ، ދިއްފުށްޓަކީ ރާއްޖެއަށް މިފަހަރު މި އެރި ބޮޑުރާޅު އެރުމުގެ ކާރިސާގައި މިހިސާބުގަނޑުން އެންމެ ބޮޑަށް ގެއްލުން ލިބިފައިވާ އެއްރަށް ކަމަށްވާތީ، މިރަށަށް ލިބިފައިވާ ގެއްލުންތައް ބަލާލައި، އަދި މިރަށުގައި މިވަގުތު ތިއްބެވި މިރަށުގެ ރައްޔިތުންނާ ބައްދަލުކޮށްލުމަށްޓަކައި.

އާދެ، މި ދަތުރަކީ އުފާވެރި ދަތުރެއްނޫން. މީގެކުރިން އަޅުގަނޑު ދިއްފުށްޓަށް އައި އެކިފަހަރުފަހަރު އައީ ވަރަށް އުފަލާއެކީގައި. އެހެންނަމަވެސް، މިވަގުތު މުޅި ދިވެހިރާއްޖެއަށް ދިމާވެފައި މިވަނީ ވަރަށްބޮޑު ހިތްދަތިކަމެއް. ވަރަށްބޮޑު ހިތާމައެއް، މުޅި ދިވެހިރާއްޖެއަށް ލިބިފައިވަނީ ވަރަށްބޮޑެތި ގެއްލުންތަކެއް.

އާދެ، އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށްވާއިރު، މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި އުސޫލުތަކުގައި ހިފަހައްޓައި، އެ ދީނުގެ ޢަޤީދާތައް ހިތުގެ އަޑިން ގަބޫލުކުރުމަކީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެން އެންމެންވެސް ގަބޫލުކުރާފަދައިން، ދުނިޔޭގައި ހިނގާ ހުރިހާ ކަމެއް ހިނގަނީ، اللهُ سُبْحَانَهُ وَتَعَالَى މިންވަރުކުރައްވާފައިވާ ގޮތެއްގެމަތިން. އެކަލާނގެ އިލާހީ ޙިކްމަތާ އެއްގޮތްވާގޮތުގެމަތިން. މިހެން ކަންތައްތައް ހިނގަމުންދާއިރު، އަޅުގަނޑުމެންނަށް އެކިފަހަރު އެކިގޮތް ދިމާވޭ. ބައެއްފަހަރު، ވަރަށް އުފާވެރި ކަންތައްތައް އަޅުގަނޑުމެންނަށް ހާސިލުވޭ. ވަރަށްބޮޑެތި ނިޢުމަތްތައް ލިބޭ. އެކަމަށް އަޅުގަނޑުމެން އަބަދުވެސް ޙަމްދާއި ޝުކުރުކުރަންވާނެ. ހަމައެޔާއެކީގައި، ބައެއްފަހަރުފަހަރު، އަޅުގަނޑުމެން ހިތާމަތަކާއި ހިތްދަތިކަމާ ކުރިމަތިލާން އެބަޖެހޭ. ބައެއްފަހަރަށް ހިތަށްވެސްނާރާހާ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހޭ. މުއުމިނުންގެ ގޮތަކީ، އެފަދަ ކަންތައްތަކަށް ކެތްކުރުން. ކެތްކުރާ މީހުންނަށް، މާތްﷲ މިދުނިޔެމަތީގައިވެސް ހެޔޮގޮތް ދައްކަވާނެ. އަދި އާޚިރަތުގައި ވަރަށްބޮޑު ޘަވާބާއި ދަރުމަ ދެއްވާނެ.

އެހެންވީމާ، މުސްލިމުންގެ ގޮތުގައި އަޅުގަނޑުމެން ތިބޭއިރު، މިފަދަ ޤުދްރަތީ ކަންތައްތައް ދެކެންވީގޮތް މިދެންނެވީ. މިކަން މިހެން އޮތްނަމަވެސް، އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެގެންވަނީ، ލިބުނު ގެއްލުމެއް ފޫބައްދައި، އަލުން އަމިއްލަ ފައިމައްޗަށް ތެދުވެވޭތޯ މަސައްކަތްކުރުން. އިސްލާމްދީނުގައިވެސް އަންގަވާފައިވަނީ، މުސްލިމުން މަސައްކަތް ކުރަންޖެހޭނެ ކަމަށް. އެހެންވީމާ، އެގޮތުން މިވަގުތު އަޅުގަނޑުމެންގެ މުޅިރާއްޖެ ކުރިމަތިލާފައި މިވަނީ، ވަރަށްބޮޑު ޤައުމީ މަސައްކަތަކާ. އާދެ، ޤައުމު އަލުން ބިނާކުރުމުގެ ބުރަ އަދި ޚަރަދުބޮޑު މަސައްކަތާ. އެހެންނަމަވެސް، އަޅުގަނޑުމެން މި މަސައްކަތާ ކުރިމަތިލާންޖެހޭނީ ހިތްވަރާއެކީގައި. ޢަޒުމާއެކީގައި. ސާބިތުކަމާއެކީގައި.

އާދެ، އިރާދަކުރެއްވިއްޔާ، މުޅި ރާއްޖޭގެ ރައްޔިތުންނަށް، މިކަމުގައި ސަރުކާރުން ވެވެންއޮތް ހުރިހާ އެހީއެއް ވެދޭނެ. މިހާރުވެސް އެކަމަށް ވަރަށްގިނަ މަސައްކަތްތަކެއް އެބަކުރެވޭ. ސަރުކާރުން އުފެއްދި، ވަޒީރުންގެ ކޮމިޓީއާއި ޓާސްކްފޯހުގެ ބެލުމުގެ ދަށުން، އެންމެބޮޑަށް ހާލުގައި ޖެހިފައިވާ މީހުންނަށް ވަގުތުން އެހީވެދިނުމުގެ އިންތިޒާމުތަކެއް ހަމަޖެހި، އެ މަސައްކަތް އެބަ ހިނގާ. އެގޮތުން މިރަށަށްވެސް މިހާރު ސަރުކާރުން ބައެއްކަހަލަ އެހީ މިވަނީ ވެފައި. ރަށުތެރެ ސާފުކުރުމާއި، ކުރަންޖެހޭ އެހެނިހެން މަސައްކަތްކުރުމުގައި ސަރުކާރުގެ އެހީއާއި އަމިއްލަ ފަރާތްތަކުގެ އެހީ މިދަނީ ލިބެމުން. އިރާދަކުރެއްވިއްޔާ، މި މަސައްކަތް ކުރިއަށްދާނެ. އެންމެ ފުރަތަމަ އޮތީ، ހާލުގައި ޖެހިފައިވާ މީހުންނަށް، ވަގުތުން ވަގުތަށް ވެދޭންޖެހޭ އެހީވެދިނުން. އެކަންތައްތައް ކުރެވޭތޯ ބަލަމުން މިގެންދަނީ. އޭގެފަހުން އޮތީ ގެދޮރު ޢިމާރާތްކުރުމާއި، ރަށާއި ޤައުމު އަލުން ބިނާކުރުމުގެ މަސައްކަތް. އެއީ، އަދި ވަރަށްބޮޑު މަސައްކަތަކަށް ވެގެންދާނެ ކަމެއް. އެކަމުގައިވެސް އިރާދަކުރެއްވިއްޔާ، ސަރުކާރުން ވެވެންހުރި ހުރިހާ އެހީއެއް، ރާއްޖޭގެ ރައްޔިތުންނަށް ވެދޭނެ.

އާދެ، އަޅުގަނޑު މިއަދު މިއައީކީ، މާދިގު ވާހަކަތަކެއް ދައްކާކަށެއްނޫން. އަޅުގަނޑު މިއައީ އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރި ހަމްދަރުދީގެ ޝުޢޫރުތައް، ދިއްފުށީގެ ރައްޔިތުންނާ ޙިއްޞާކޮށްލަން. އަދި ދިވެހިރާއްޖޭގެ ލޮބުވެތި ހުރިހާ ރައްޔިތުންނާވެސް އަޅުގަނޑުގެ ހަމްދަރުދީގެ ޝުޢޫރުތައް ޙިއްޞާކުރަން. އާދެ، އަޅުގަނޑަށް އެނގިފައިވާގޮތުގައި، މާތް ﷲގެ ހެޔޮ ރަޙްމަތްފުޅުން، މިރަށުގެ އެއްވެސް މީހެއްގެ ފުރާނައަކަށް ގެއްލުމެއްނުވޭ. އެއީވެސް ވަރަށްބޮޑު ރަޙްމަތެއް. އެކަމަށްޓަކައި اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތަށް އަޅުގަނޑުމެން ޙަމްދާއި ޝުކުރުކުރަންޖެހޭނެ. އާދެ، މި ހިތާމަވެރި ކާރިޘާގައި، ރާއްޖޭގެ ބައެއް އެހެން ރަށްރަށުން އެތައްބަޔަކު ވަނީ އަޅުގަނޑުމެންނާ ވަކިވެގެންގޮސްފައި. އެހެންވީމާ، އަޅުގަނޑުމެންނާ ވަކިވެގެން އެދިޔަ، އަޅުގަނޑުމެންގެ ލޮބުވެތި އަޚުންނާއި އުޚްތުންނަށް ހެޔޮ ރަޙްމަތް ލެއްވުން އެދި އަޅުގަނޑުމެން އެންމެން ދުޢާކުރަމު. އެމީހުންނަށް މާތް ﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުންއެދިވެސް ދުޢާކުރަމު. އަދި އެމީހުންގެ ޢާއިލާތަކަށް އަޅުގަނޑުމެންގެ ހިތުގެ އިޚްލާޞްތެރި ހަމްދަރުދީއާއި ތަޢުޒިޔާ ފޮނުވަމު.

އާދެ، މި ހިތާމަވެރި ކާރިޘާގެ ސަބަބުން ދިމާވި އެކިއެކި ކަންކަމުގައި، އިރާދަކުރެއްވިއްޔާ ސަރުކާރުން ވެވެންއޮތް ހުރިހާ އެހީއެއްވެދޭނެ. މިކަމާބެހޭ އިތުރު މަޢުލޫމާތާއި ޚަބަރު، ކުރިޔަށްއޮތް ދުވަސްތަކުގައި ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވަމުންދާނެ.

އާދެ، އަޅުގަނޑުގެ މިއަދުގެ މި ވާހަކަކޮޅު ނިންމާލާނީ، އަދިވެސް އެއްފަހަރު ދިއްފުށީ ރައްޔިތުންނަށް ހަމްދަރުދީއާއި، އިޚްލާޞްތެރި ހެޔޮއެދުމުގެ ޝުޢޫރުތައް ފާޅުކުރަމުން. އަދި ކުރިންވެސް ދެންނެވި ފަދައިން، މިކަމާ ބެހޭގޮތުން ކުރެވެންހުރި ކަންތައްތައް ކުރުމުގައި ސަރުކާރުގެ ފުރިހަމަ އެހީ ލިބޭނެކަމުގެ ޔަޤީންކަން އަރުވަމުން.

މާތް ﷲ އަޅުގަނޑުމެން އެންމެންނަށް ހެޔޮ ރަޙްމަތް ލައްވާށި! އަޅުގަނޑުމެންގެ ފާފަ ފުއްސަވައި، އަޅުގަނޑުމެންގެ ޢަމަލުތައް ސީދާކުރައްވައި، އަޅުގަނޑުމެންގެ ރަށާއި، ޤައުމު ބިނާކުރުމުގައި އެކަލާނގެ މަދަދާއި، ތައުފީޤާއި، ވާގިވެރިކަން އަޅުގަނޑުމެންނަށް ދެއްވާށި!

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.