މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ދަށުން ހިނގަމުންދާ ޑިޕާޓްމަންޓް އޮފް އިންލަންޑް ރެވެނިއުއިން ކުރައްވަމުން ގެންދަވާ މައިގަނޑު މަސައްކަތްތައް، ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު)ގެ ދަށުން އުފެދިފައިވާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ކުރާގޮތަށް، އެ ޤާނޫނުގައި ކަނޑައަޅާފައިވާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، މިއަދުން ފެށިގެން ޑިޕާޓްމަންޓް އޮފް އިންލަންޑް ރެވެނިއު ރައީސުލްޖުމްހޫރިއްޔާ އުވާލައްވައިފިއެވެ.

ޑިޕާޓްމަންޓް އޮފް އިންލަންޑް ރެވެނިއު އުވާލެއްވުމާ ގުޅިގެން، އެ ޑިޕާޓްމަންޓުން ކުރައްވަމުން ގެންދެވި މަސައްކަތްތަކުގެ ތެރެއިން، ސަރުކާރުގެ ޓެކްސްއާބެހޭ ސިޔާސަތު ރޭވުމާއި، ސަރުކާރުގެ އާމްދަނީގެ ބިންގާ ފުޅާކުރުމާގުޅޭ ގޮތުން ކުރައްވަމުންގެންދެވި މަސައްކަތްތައް، މިއަދުން ފެށިގެން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ކުރައްވަމުން ގެންދަވާ ގޮތަށްވެސް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.