ޕާކިސްތާނަށް ކުރި ވިއްސާރައިގައި، ވަރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން ވަރަށް ގިނަ ބަޔަކު މަރުވެ، ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ޕާކިސްތާނުގެ ބޮޑުވަޒީރު ސައްޔިދު ޔޫސުފް ރަޒާ ގިލާނީއާ މިއަދު ހަވީރު ފޯނުން ގުޅުއްވާލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވަމުން، މި ޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައާއެކުގައި ކަމަށާއި، ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގައި، ބޮޑުވަޒީރު ޔޫސުފް ރަޒާ ގިލާނީއަށާއި، ޕާކިސްތާނު ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާ ކަމަށް ވިދާޅުވިއެވެ. އަދި މިހާދިސާގައި މަރުވި އެންމެންގެ ޢާއިލާތަކަށްވެސް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވިއެވެ.

ޕާކިސްތާނަކީ، ރާއްޖެއާ ވަރަށް ގާތް އެކުވެރި ރަޙްމަތްތެރި ޤައުމެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، ޕާކިސްތާނަށް މި ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން، ޕާކިސްތާނުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި އިލްތިމާސާ ގުޅިގެން ރާއްޖޭގެ އެކި ފަރާތްތަކުން އެކި އެހީތައް ވެދެއްވުމަށް މަސައްކަތް ކުރައްވަމުން އެބަ ގެންދަވާ ކަމުގައިވެސް ވިދާޅުވިއެވެ.

ބޮޑުވަޒީރުގެ ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ގުޅުއްވާލެއްވީތީ ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވެ، މި ހާދިސާގައި ލިބުނު ގެއްލުންތަކުގެ މަޢްލޫމާތާއި، އެހީގެ މަސައްކަތްތައް ހިނގަމުންދާ ގޮތުގެ މަޢްލޫމާތު، ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.