އިންޑިއާގެ ބޮޑުވަޒީރު ހިޒް އެކްސެލެންސީ ނަރެންދްރަ މޯދީ ދިވެހިރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައިފިއެެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް ބޮޑު ވަޒީރު މޯދީ ރާއްޖެ ވަޑައިގެންނެވީ ހުކުރުދުވަހު ހެނދުނުއެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބޮޑުވަޒީރު މޯދީއަށް މަރުހަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. އަދި، އެއަށްފަހު، ބޮޑުވަޒީރު މޯދީއަށް ދިވެހި ސަރުކާރުން ރަސްމީ ގޮތުން މަރްޙަބާ ދަންނަވާފައިވެއެވެެ.

ބޮޑުވަޒީރު މޯދީގެ މި ދަތުރުފުޅަކީ، ދެޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މައްޗަށް ޚާއްޞަވެގެންދިޔަ ދަތުރުފުޅެކެވެ. ބޮޑުވަޒީރު މޯދީގެ މި ދަތުރުފުޅުގައި، ދެޤައުމުގެ މެދުގައި އެކި ދާއިރާތަކުން އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ރަސްމީ ވާހަކަތައް ކުރިއަށް ގެންދެވުނެވެ. އަދި، ފަަހުމުނާމާތަކާއި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ އިތުރަށް، ދެޤައުމުގެ ގުޅިފައިވާ ބަޔާނެއްވެސް ނެރުނެވެ.

މިދަތުރުފުޅުގެ އުސްއަލިތަކުގެ ތެރޭގައި، ތަރައްޤީގެ ގިނަ މަޝްރޫޢުތައް ފެށުމާއި، ދެޤައުމުގެ ގުޅުން ރަމްޒީގޮތުން ފާހަގަކުރުމުގެ ގޮތުން، ސަލްޓަންޕާކުގައި ބޭއްވެވި ގަސް އިންދުމުގެ ޕްރޮގްރާމް ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން، ބޮޑުވަޒީރު މޯދީ ވަނީ އިންޑިއާއިން ދިވެހިރާއްޖެއަށް ހަދިޔާ ކުރި 2 "އަރޯގްޔާ މައިތިރީ ހެލްތު ކިއުބް" ރައީސުލްޖުމްހޫރިއްޔާއާއި ހަވާލުކުރައްވާފައެވެ.

ހަމަ މިދަތުރުފުޅުގައި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ އައު އިމާރާތް، ދޮށިމޭނާ ބިލްޑިންގް ހުޅުއްވައިދެއްވިއެވެ. އަދި، ބޮޑުވަޒީރު މޯދީގެ ޝަރަފުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު، ވަނީ ފުރަމާނަ ޖާފަތެއް ދެއްވާފައެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވަނީ ބޮޑުވަޒީރު މޯދީގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ. ބޮޑުވަޒީރު މޯދީ ވަނީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ، މިނިވަން ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިއަދު ބޭއްވި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގެ އަސްކަރީ ޙަރަކާތްތައް ހިމެނޭ ޕެރޭޑްވެސް ބައްލަވައިލައްވާފައެވެ.

ބޮޑުވަަޒީރު މޯދީގެ މި ދަތުރުފުޅަކީ އެމަނިކުފާނު ތިންވަނަ ދައުރަކަށް މަޤާމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު، ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. ބޮޑު ވަޒީރު މޯދީގެ މިދަތުރުފުޅަކީ ރާއްޖޭގެ 60 ވަނަ މިނިވަންދުވަހާއި، ދެޤައުމުގެ މެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބާ ފާހަގަކުރެވިގެންދިޔަ ތާރީޚީ ދަތުރުފުޅެކެވެ.