އިންޑިއާ އާއި ދިވެހިރާއްޖޭގެ ގުޅުން އިތުރަށް ބަދަހިވެގެންދާނޭ ތަރައްޤީގެ މުހިންމު ގިނަ މަޝްރޫޢުތަކެެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ފައްޓަވައިދެއްވައިފިއެވެ.

މިމަޝްރޫޢުތައް އިފްތިތާޙްކޮށްދެއްވާފައިވަނީ މިއަދު ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. އިންޑިއާ ސަރުކާރުން، ރާއްޖޭގެ މިނިސްޓްރީ އޮފް ޑިފެންސަށް ހަދިޔާކުރި 72 ވެހިކަލްގެ ރަމްޒީ ތަޅުދަނޑި، ހަވާލު ކުރުމުން ފެށިގެން ދިޔަ މި ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަަޒީރާއި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވިއެވެ. އެއަށްފަހު، އެވެހިކަލްތަކާއި އޭގެ މުހިންމުކަމާއިބެހޭ ގޮތުން ވީޑިއޯ ޕްރެޒެންޓޭޝަނެއް ވަނީ ދައްކާފައެެވެ.

މީގެ އިތުރުން، އިންޑިއާގެ ބަޔަރސް ކްރެޑިޓް ފެސިލިޓީގެ ދަށުން ޢިމާރާތްކުރި 4000 ހައުސިންގ ޔުނިޓް، ރަމްޒީގޮތުން ދިވެހި ސަރުކާރާހަވާލުކުރެއްވިއެވެ. މި 4000 ޔުނިޓްގެ ތެރެއިން 700 ޔުނިޓް، ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ވަނީ ދިވެހިރާއްޖެއާއި ޙަވާލުކުރައްވާފައެވެ. މި ހައުސިންގ ޔުނިޓްތައް ޙަވާލުކުރުމާއި ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ ޕްރެޒެންޓޭޝަނެއްވެސް މިއަދުގެ ރަސްމިއްޔާތުގައި ހިއްސާކޮށްފައިއެވެ.

މި ރަސްމިއްޔާތުގައި އައްޑޫ ރޯޑްސް ޕްރޮޖެކްޓްގެ މަސައްކަތްވެސް ފެއްޓެވިއެވެ. އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށް ގެންދެވޭ މި މަޝްރޫޢުގައި ހިމެނިގެން އައްޑޫ ސިޓީގެ މަގުތަކުގެ ފެންވަރު ރަނގަޅުކުރެވޭނެއެވެ.


މި ރަސްމިއްޔާތުގައި، އިންޑިއާ ސަރުކާރުގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން ހިންގާ އައްޑޫ ސިޓީ މަގުތައް ރަނގަޅު ފެންވަރަކަށް ތަތައްގީ ކުރުމުގެ މަޝްރޫޢު، ރަމްޒީ ގޮތުން ވަނީ އިފުތިތާހު ކުރައްވާފައެވެ. މީގެއިތުރުން އަތޮޅުތަކުގެ އާންމު ދިރިއުޅުން ހަރުދަނާކުރުމުގެ ގޮތުން، އިންޑިއާ ސަރުކާރުގެ އެހީގައި ހިންގާ، ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް (އެޗްއައިސީޑީޕީ) ގައި ހިމެނޭ ހަ މަޝްރޫޢެއްވެސް މި ރަސްމިއްޔާތުގައި ވަނީ އިފުތިތާހު ކޮށްފައެވެ. މީގެ ތެރޭގައި، ސ، ހިތަދޫ ރަސްގެދަރަ، ސ. ހިތަދޫ ބޭރުމަތި އަދި ގދ. ވާދޫގައި އައުޓްޑޯ ޖިމް ބިނާކުރުމާއި، ގއ. ގެމަނަފުށީގައި ޒުވާނުންގެ މަރުކަޒެއް ޤާއިމްކުރުމާއި، ށ. ކަނޑިތީމުގައި ވޮލީކޯޓެއް އެޅުމާއި، ސ. ހިތަދޫގައި މަސްބަންދުކުރާ ކާރުޚާނާއެއް އެޅުން ހިމެެނެއެވެ.

މި ރަސްމިއްޔާތު ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.