ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިލަދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށު ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ހިދާޔާ ސްކޫލުގައެވެ.

މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުންގެ ފަރާތުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އެ ރަށުގައި މިހާރު ކައުންސިލް އިދާރާ ހިންގަމުން ދަނީ ކުއްޔަށް ނަގާފައިވާ އިމާރާތެއްގައި ކަމަށާއި މިހާރު ހަދަމުންދާ ކައުންސިލްގެ އިމާރާތުގެ މަޝްރޫޢު އަވަސްކޮށްދެއްވުމަށާއި ރަށުގައި ފެށިފައިހުރި ތަރައްޤީގެ މަސައްކަތްތައް އަވަހަށް ނިންމަވައިދެއްވުމަށް މެންބަރުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ޞިއްޙީ މަރުކަޒަށް ތަމްރީނު ލިބިފައިވާ އިތުރު ނަރުހުން ހޯދުމަށާއި އެރަށުގައި ކުޑަކުދިންގެ ޕާކަށް ބޭނުންވާ ތަކެތި ފޯރުކޮށްދެއްވުމަށް ވެސް މެންބަރުން އެދިވަޑައިގެންނެވިއެވެ. އަދި މިބައްދަލުވުމުގައި މެންބަރުން ވަނީ ރަށުގެ މަގުތައް ހެދުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. ކައުންސިލުގެ ފަރާތުން ފާހަގަކުރެއްވި އިތުރު ކަންކަމުގެ ތެރޭގައި ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް މަސައްކަތް ކުރަންޖެހިފައިވާ ކަމާއި ރިވެޓްމަންޓް ޖެހުމާއި ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުން ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.