ސަރުކާރަށް ވަރަށްދިގު މުއްދަތެއްގައި ޚިދްމަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށްވާ މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ފެހިވިލާގޭ އާދަމް ޝަމީމް، ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، އެޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. އާދަމް ޝަމީމް ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ، މިއަދު ހެނދުނު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައެވެ. އަވަހާރަވިއިރު ޢުމުރަކީ 74 އަހަރެވެ.

މި ޚަބަރު ލިބިވަޑައިގަތުމާ ގުޅިގެން، އާދަމް ޝަމީމްގެ ބޭފުޅެއް ކަމަށްވާ ޢުމަރު ޒާހިރާ ރައީސުލްޖުމްހޫރިއްޔާ މިއަދު ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވަމުން، މިޚަބަރު އެއްސެވީ، ވަރަށް ފުން ހިތާމައާ އެކުގައި ކަމަށް ވިދާޅުވެ، މިހިތާމައިގައި ބައިވެރިވެވަޑައިގެން، ޢާއިލާގެ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ފޮނުއްވިއެވެ.

އަލްމަރްޙޫމް އާދަމް ޝަމީމް، ސަރުކާރަށް ޚިދްމަތް ކުރައްވަން ފަށްޓަވާފައިވަނީ، 28 ސެޕްޓެމްބަރ 1959 ގައެވެ. 49 އަހަރަށްވުރެ ދިގު މުއްދަތެއްގައި ކެނދިކުޅުދޫގެ ވެރިކަމުގެ މަގާމުތަކުގައި ޚިދްމަތް ކުރައްވާފައިވެއެވެ. ފުރަތަމަ އަދާކުރެއްވީ، ކެނދިކުޅުދޫ ވަގުތީ ކުޑަކަތީބު ކަމެވެ. އޭގެފަހުން ކެނދިކުޅުދޫ ކަތީބު ކަމާއި، ބޮޑުކަތީބުކަންވެސް ކުރެއްވިއެވެ. އަދި ނ. އަތޮޅު އޮފީހުގެ އެހީތެރިޔާ ކަމުގެ މަގާމުވެސް ފުރުއްވިއެވެ. ދިވެހި ސިވިލް ސަރވިސް ޤާނޫނުގެ ދަށުން ސަރުކާރުގެ ވަޒީފާއިން އޭނާ ވަކިވެވަޑައިގެންފައިވަނީ، 1 މެއި 2008 ގައެވެ.

އަލްމަރްޙޫމް އާދަމް ޝަމީމަށް ލިބިވަޑައިގަތީ 11 ބޭފުޅުންނެވެ. އެއީ ފިރިހެން 5 ބޭފުޅުންނާއި، އަންހެން 6 ބޭފުޅުންނެވެ.