މި ޕޮޑްކާސްޓްގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސުވާލު ދެންނެވީ، ރާއްޖޭގެ ޓީ.ވީ. ޕްރެޒެންޓަރެއް ކަމަށްވާ އަލްފާޟިލް އަޙްމަދު ޝަކީބް.


ޕްރެޒެންޓަރ:

السَّلامُ عَلَيْكُم.

އަޅުގަނޑުމެންގެ "ރައްޔިތުންނާއެކު" މި ޕޮޑްކާސްޓްގެ 8 ވަނަ އެޕިސޯޑަށް މަރްޙަބާ. ވަރަށްދުވަސްވެފައި ދޮގެއްތޯ މި ދިމާވަނީ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ!

ޕްރެޒެންޓަރ:

ކިހިނެއްތޯ ހާލުކޮޅު؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ރަނގަޅު އިނގޭތޯ.

ޕްރެޒެންޓަރ:

އަޅުގަނޑު ހަނދާންވަނީ، މަނިކުފާނު ޙައްޖަށް ވަޑައިގަންނަވަންވެގެން އަޅުގަނޑުމެން އެންމެފަހުގެ އެޕިސޯޑެއް ގެނެސްފައި އޮތީ ދޮގެއްތޯ. ދެން އޭގެފަހުން، ހަމަ ވަރަށް އަވަދިނެތި ތި އުޅުއްވަނީ ދޮގެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ!

ޕްރެޒެންޓަރ:

ކޮބައިތޯ މައިގަނޑު ގޮތެއްގައި މި ދުވަސްތަކުގައި އަޅުގަނޑުމެން ކުޑަކޮށް ވާހަކަ ދައްކާލަންޖެހޭ ކަންކަމަކީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ދެން މިދިޔަ މަހެއްހާ ދުވަސް، ދެން ދޮޅުމަހެއްހާ ދުވަސް މިދިޔައީ ހަމަ އެކި މަސައްކަތްތަކުގައި، އެކި ކަންކަމުގައި. ޙައްޖުން އައިގޮތަށް ހަމަ އެކިކަންކަމުގައި މިދިޔައީ. ވަގުތެއްނުވި އަޅުގަނޑަކަށެއް މި ޕްރޮގްރާމް ރެކޯޑްކޮށްލަން އިށީންނާކަށެއް.

ދެން އެކި ޕްރޮޖެކްޓްސްތައް ރަށްރަށުގައި ފަށަން ނިންމާފައި، ސޮއިކޮށްފައި ހުރި މަޝްރޫޢުތައް ފެށުމަށްޓަކައި ކުރަންހުރި ބައެއް ކަންތައްތައް އަވަސްކުރުމަށް އެކިއެކި ފަރާތްތަކާ ބައްދަލުކޮށް، އެކި ކަންކަން ނިންމުމުގައި ވަރަށްގިނަ ވަގުތުތައް ހޭދަކުރަންޖެހުނު. އަދި އަލަށް ފެށުމަށް ނިންމާފައި ހުރި މަޝްރޫޢުތައް ފެށުމަށްޓަކައި ވަރަށްގިނަ ވަގުތުތައް ހަމަ އެކިއެކި މިނިސްޓަރުންނާއި، އެމް.ޑީންނާ އެކީގައި އެކި ބައްދަލުވުންތައް ބޭއްވުނު. ދެން ކެބިނެޓް ބައްދަލުވުންތަކާ، މިހެންގޮސް ދެން ރަށްރަށުގައި ކުރަންހުރި އެކިކަހަލަ މަސައްކަތްތައް ބާރު ސްޕީޑްގައި ގެންދިޔުމަށްޓަކައި ކުރަންހުރި ކަންކަމަށް ވަރަށްގިނަ ވަގުތު ހޭދަކުރެވިއްޖެ. އެހެންވީމާ، އެ މަސައްކަތުގައި ވަރަށް އަވަދިނެތި މި އުޅެންޖެހުނީ. އެހެންވީމާ، އެއީ ދެން ޖުމްލަކޮށް މިދިޔަ ވަގުތުތައް ދިޔަގޮތަކީ.

ޕްރެޒެންޓަރ:

އާދެ، އަޅުގަނޑު ހިތަށްއެރީ އަޅުގަނޑުމެންނަށް ޙައްޖު ދަތުރުގެ ވާހަކައިން މި ފެށުނީވެސް ދޮގެއްތޯ؟ މިފަހަރުގެ ޙައްޖު ދަތުރަކީ މިއީ އެހެން ހުރިހާ ފަހަރުތަކާ ތަފާތުކޮށް ޚާއްޞަކޮށް، ދިވެހިންނަށް ދިޔަ ދަތުރެއް. ދެން މަނިކުފާނު ވަޑައިގެންނެވި ފަހަރުވެސްމެ. ކިހިނެއްތޯ ޖުމްލަ ގޮތެއްގައި، ޙައްޖު ދަތުރުގެ ވާހަކައަށް ކުޑަކޮށް އަލިއަޅުއްވައިލައްވަމާތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، ޔަޤީން ދޮގެއްތޯ؟ ހަމަ ވަރަށް ވަރަށް ރަނގަޅު އިނގޭތޯ. ދެން ސަޢޫދީ ސަރުކާރުން ޖުމްލަކޮށް، ހަމަ ދުނިޔޭގެ ހުރިހާ ޤައުމަކުންދިޔަ އެންމެންނާ ދޭތެރޭގައި، ހުރިހާ ޙައްޖާޖީންނާ ދޭތެރޭގައި ވަރަށް ރަނގަޅަށް އިންތިޒާމުތައް ރާއްވަވާފައިވަނީ. ދުރާލައި އޭގެ ކުރީގެ އަހަރުން ފެށިގެން ފަށްޓަވާފައި ހުރި ކަންތައްތައްވެސް ހުރި. ޓެކްނޯލޮޖީގެ ބޭނުންކޮށްގެން އަދި އިންފްރާސްޓްރަކްޗަރ ވައިސް އިންތިޒާމުތަކުގެ ގޮތުން، ދެން ޖުމްލަކޮށް ހަމަ ހުރިހާ ކަމެއްވެސް މިފަހަރު ވަރަށް ފަސޭހަ ހުރިހާ އެންމެންނަށްވެސް. ދިވެހިންނަށް ބަލާނަމަ، ދިވެހިންނަށް މައްކާ ރޫޓް އިނީޝިއޭޓިވް ކަންތައް ފާހަގަކޮށްލެވޭ. އަދިވެސް ވަރަށްގިނަ ކަންތައް ފާހަގަކޮށްލެވޭ. މިނާގައި ދިވެހިންނަށް ޚާއްޞަކުރެވުނު ސަރަޙައްދު، މި ކެޓަގަރީ ރަންކުރި ފެންވަރު ވަރަށްމަތި. ދެން މިހެންގޮސް ހަމަ ވަރަށްގިނަ ކަންތައްތައް ވަރަށް ރަނގަޅު. ދިވެހި ޙައްޖާޖީން ވަރަށް ބޮޑަށް އެކަން ފާހަގަވެސް ކުރެއްވި. އެހެންވީމާ، ވަރަށް ރަނގަޅަށްދިޔަ ޙައްޖެއް އިރާދަކުރެއްވީތީ.

ޕްރެޒެންޓަރ:

މިހާރު ދެން ޖުލައި މަސް މިހާރު މިއޮތީ މެދާ ހިސާބަކަށް އައިސްފައި ދޮގެއްތޯ. ޖުލައި މަހަކީ ވަރަށް ޚާއްޞަ މަހެއް ނޫންތޯ ދޮގެއްތޯ. މިނިވަންކަމަށް 60 އަހަރު ފުރެނީތާ ދޮގެއްތޯ. ޖުލައި މަހުގެ މިހާރު މެދަކާ ހިސާބުގައި އަޅުގަނޑުމެން މިތިބީ. ދެން މިނިވަންކަމަށް 60 އަހަރު ފުރުން މިހެން ކިޔާއިރު، އަޅުގަނޑު އަމިއްލައަށް އަޅުގަނޑު ގަބޫލެއްނުކުރަން، ރާއްޖޭގެ މިނިވަންކަމުގައި އަދި މި ފުރެންވީކީ 60 އަހަރު ކަމަކަށެއް. ދެން އެހެންނަމަވެސް، ދެން އެ ވާހަކަ އިހަށް ބާއްވަމާ ހިނގާ ދޮގެއްތޯ. ކިހިނެއްތޯ މިފަހަރު 60 އަހަރު ފުރޭ ދުވަސް ކަމަށްވާތީ، ތަންކޮޅެއް ކުލަގަދަވާނެ ކަމަށް އަޅުގަނޑުމެން މި އުންމީދު ކުރަނީ. އެންމެ ޚާއްޞަ ކަމަކަށް އޮންނާނީ އެއަރޕޯޓް ހުޅުވުން ދޮގެއްތޯ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، ތި ވިދާޅުވި ވާހަކައަށް ދެން ކުޑަކޮށް އިޝާރާތްކޮށްލާނަން. ދެން ދިވެހި ޤައުމަކީ ވަރަށް ފަޚުރުވެރި މާޒީއެއް އޮތް ޤައުމެއް. މިނިވަން ޤައުމެއްގެ ގޮތުގައި ހަމަ ދިގު މާޒީއެއް އޮތް ޤައުމެއް. އެހެންނަމަވެސް، ތި މައުޟޫޢަށް ދާކަމަށްވަންޏާ އިތުރު ވަގުތު ބޭނުންވާނެ. އަޅުގަނޑަށް ހީވަނީ ވަކިން އަޅުގަނޑުމެން އެހެން ޕްރޮގްރާމެއްގައި، އެހެން އެޕިސޯޑެއްގައި ތި ވާހަކަ ކަވަރކޮށްލަން ރަނގަޅު ކަމެއް ތިއީ ހަމަ އިނގޭތޯ. މިނިވަންކަމާބެހޭ ޚާއްޞަ ވާހަކަ.

60 އަހަރުގެ ސެލެބްރޭޝަންސް އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތީ. ދެން އެންމެ މުހިންމު އެއްތަނަކީ، މިނިވަންކަމާ ގުޅޭގޮތުން ބަލާއިރުގައި އަބަދުވެސް ރާއްޖޭގެ މިނިވަންކަމުގެ ދޮރާށި ގޮތުގައި މި ކިޔާ އެއަރޕޯޓް، ހުޅުލޭ އެއަރޕޯޓް. މިހާރު ވެލާނާ އެއަރޕޯޓް. ވެލާނާ އެއަރޕޯޓުގެ ޓަރމިނަލް، މައި ޓަރމިނަލް އިރާދަކުރެއްވިއްޔާ ހުޅުވުމަށް ތައްޔާރުވަމުން މިދަނީ އިނގޭތޯ މިހާރު. މިނިވަންދުވަހުގެ އެންމެ މުހިންމު މަޝްރޫޢެއް ގޮތުގައި ނިންމައި ހުޅުވޭނެ މަޝްރޫޢަކީ، އިރާދަކުރެއްވިއްޔާ އެ އެއަރޕޯޓް ހުޅުވުން.

ޕްރެޒެންޓަރ:

އާދެ، މި އެއަރޕޯޓްގެ ވާހަކަ ފެށުނީމަ، އަޅުގަނޑު ހިތުން ދެން މި ޕޮޑްކާސްޓް އައްސަވާ ބޭފުޅުން، ބައްލަވާ ބޭފުޅުންގެ ހިތްޕުޅުގައިވެސް އުފެދޭނެ ސުވާލެއް، އެންމެ ހޫނުގަދަކޮށް މިހާރު މި ދައްކާ ވާހަކަ. ކާކުހެއްޔޭ ބިންގާއެޅީ؟ ކާކުހޭ ހުޅުވަނީ؟ ކާކު ކޮންކަމެއްހޭ ކުރީ؟ އަޅުގަނޑު ދެން ހިތަށްއެރީ، ދެން މިއީ، އެ ދެން ސުވާލުކޮށްލަން އަޅުގަނޑު ޙަޤީޤަތުގައި ބޭނުންވާ ކަމެއްވެސް ނޫންވެސްމެ. އެހެންނަމަވެސް، އެހާގަދަޔަށް ދެން ދެކެވޭ ވާހަކައެއްވީމަ ހަމަ ދަންނަވާލަން ވެގެން. މި ކީއްވެގެންތޯ، ދެން މިހެން ހުންނަ ކަންތައްތަކަށް ދެން އެހާ ވަގުތު ނަގަންޖެހެނީ؟


ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ދެން ކީއްތޯކުރާނީ. އަޅުގަނޑުމެންގެ ތެރޭގައި ހުންނަ އާދައެއް ދޮގެއްތޯ. ގޯސް އާދައެއް. ދެން ޙަޤީޤަތްތައް ބަދަލެއްނުވާނެ ނޫންތޯ ދެން ކޮންމެގޮތަކަށް ވާހަކަދެއްކިޔަސް. މިހާރު އެއަރޕޯޓް މަޝްރޫޢަށް ބަލާކަމަށްވަންޏާ، ޓަރމިނަލް މަޝްރޫޢު، ނޫނީވިއްޔާ ޖުމްލަކޮށް އެއަރޕޯޓް މަޝްރޫޢު. އެހެރީ ތާރީޚުގައި ފެންނަން. ކޮން ވެރިކަމެއްގައި، ކޮން ކަމެއްކަން ކުރީ. އެހެންނޫންތޯ؟ އިބްރާހީމް ނާޞިރުގެ ވެރިކަމުގައި އެންމެ ފުރަތަމަ އެއަރޕޯޓެއްގެ މަސައްކަތް ފެށީ.

ޕްރެޒެންޓަރ:

ފިލާ އަޅައިގެން، ދަގަނޑު އަޅައިގެން.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ބުރަ މަސައްކަތް ކޮށްގެން. ދެން އެހެންވީމާ، ތާރީޚު އެހިސާބުން ފެށިގެން އެދަނީ. ރައީސް މައުމޫން ވެރިކަމުގައި އެދިޔަ 30 އަހަރުގެ ތެރޭގައި ގެންނެވި ތަރައްޤީ ހަމަ ވަރަށް ސާފުކޮށް ފެންނަން އެއޮތީ ދޮގެއްތޯ. ބޭރުގެ އެކިއެކި ފަންޑުތަކުން، އެކި ޤައުމުތަކުން އެހީ ހޯއްދަވައިގެންނާއެކީ.

ދެން އެހެންވީމާ، އެކި ވެރިން ކުރެއްވި މަސައްކަތް އެހެރީ ފެންނާށޭ. މިހާރު އެ ހުޅުވުމަށް ތައްޔާރުވަމުންދާ އާ ޓަރމިނަލަށް ބެލި ނަމަވެސް، ކޮން ވެރިކަމެއްގައި، ކޮން މަސައްކަތެއްކަން ހިނގީ ފެންނަން އޮންނާނީ. އެހެންވީމާ، އަޅުގަނޑުމެންގެ ތެރޭގައި މި އޮންނަ ނުރަނގަޅު އާދައެއް މިއީ. އެބަޖެހޭ މި އާދަ ދޫކޮށްލަން. ޙަޤީޤަތް އެއީ ވަރަށް ސާފުކޮށް ފެންނަން އޮންނަ އެއްޗެއް. އެހެންވީމާ، ޑިއު ކްރެޑިޓް ދޭންޖެހޭނޭ އެއިން ކޮންމެ މީހަކަށްވެސް. މިހާރުގެ މި އެއަރޕޯޓްގެ އެ ޓަރމިނަލް މަސައްކަތް، ރައީސް ޔާމީންގެ ވެރިކަމުގައި ފެށުނީ. ދެން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި އިތުރު މަސައްކަތްތައް ކުރެވިފައި އެހެރީ. ދެން އަޅުގަނޑުމެންނާ ހަވާލުވެގެން ދެން ބާކީހުރި ހުރިހާ މަސައްކަތެއް މި ނިންމީ، ގާތްގަނޑަކަށް ދޮޅުއަހަރުގެ ތެރޭގައި. ދެން އެ ފެކްޓްސްތައް ބަލާ ކޮންމެ މީހަކަށް ފެންނާނެތާ، ދެން ކޮން މަސައްކަތެއް، ކޮން ވެރިކަމެއް، ކިހާވަރަކަށްކަން ކުރެވުނީ. ދެން މިކަމުގައި ނުޖެހޭނޫންތޯ، ކޮންމެ މީހަކު ތިމަންނައޭ ހުރިހާ ކަމެއް ކުރީ. ތިމަންނައޭ ގިނަ މަސައްކަތްކުރީ. އެއީ ދެން ކުޑަކުދިން އުޅޭގޮތްކަންނޭނގެ. އެހެންއުޅޭކަށް ނުވާނެ.

ދެން އަޅުގަނޑަށް އެނގޭ ކަމަކީ، އަޅުގަނޑު އެންމެ ފުރަތަމަ ދިޔަ ތަނަކީ މިތަން. އެއަރޕޯޓް އިނގޭތޯ. އެއަރޕޯޓުގެ މަސައްކަތް ދާގޮތް ބަލަންވެގެން. ޓްރާންސިޝަން މަރުޙަލާގެ ތެރޭގައި އެއީ. އަޅުގަނޑު ދިޔައިން. އެންމެ ފުރަތަމަ އަދި އަޅުގަނޑު އެތަނުގައި އިންޓަރވިޔު ދެމުންވެސް ދެންނެވިން. މިއީ އަޅުގަނޑުމެންގެ ސަރުކާރުގެ އެންމެ މުހިންމު މަޝްރޫޢޭ. އެންމެ މުހިންމު މަޝްރޫޢޭ. އެ މަޝްރޫޢު ނިންމުމުގެ ކަންތަކަށޭ އެންމެ އިސްކަމެއް ދެނީ. ދެން އަޅުގަނޑުމެން ބޭނުންވި ތާރީޚަކަށް ފުރަތަމަ ނުނިމުނު. އަޅުގަނޑުމެން ބޭނުންވީ މިދިޔަ އަހަރުގެ އޮކްޓޫބަރަށް ނިންމަން ދޮގެއްތޯ. ދެން އެކި ޗެލެންޖަސް ދިމާވެ، މި އަހަރުގެ މިނިވަންދުވަހަށް މި ނިންމުނީ.

އޭރުގައި އަޅުގަނޑަށް އެނގޭނީ، އަޅުގަނޑު އެތަނަށްދިޔައިރުގައި އެތަން އޮތްގޮތް. ދެން އަޅުގަނޑުގެ ޕްރޮފެޝަނަލް ބެކްގްރައުންޑުން އަޅުގަނޑު ތަނަށް ގޮސް ބެލި ބެލުން. އިންޖިނިއަރިންގ ބެކްގްރައުންޑް އަޅުގަނޑަށް ދެން އެނގޭ މިންވަރުން އަޅުގަނޑު ގޮސްފައި ބެލި ބެލުމުން، އަޅުގަނޑަށް ވަރަށް ސާފުކޮށް ދެން ފެނޭ ތަން އޮތްގޮތް ދޮގެއްތޯ. ބޭރުން އެއްކޮށް ނިންމައި، ނޫނީވިއްޔާ އިމާރާތުގެ ސްޓްރަކްޗަރ، އޮނިގަނޑު ނިންމާފައި، ބޭރުން ޕްލޭޓް ކޮށްފައި ހުރީ. އެހެންނަމަވެސް، މި ދާއިރާ އެނގޭ ކޮންމެ މީހަކަށްވެސް، ކޮންސްޓްރަކްޝަން ދާއިރާ، ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާ އަދި ކޮންސްޓްރަކްޝަން ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާ. ކޮންމެ މީހަކަށްވެސް އެނގޭނެ، އިމާރާތެއްގެ މަސައްކަތް އެއީ، ކިހާވަރަކަށް ނިމުނީމަކަން ނިމެނީ. އެހެން ދަންނަވާ ކަމަށްވަންޏާ، އަޅުގަނޑަށް ވަރަށް ސާފުކޮށް ފެނުނު، އެ ދުވަހު އެތަން ނިމިފައި ހުރި މިންވަރަކީ ކޮބައިކަން. އެތެރޭގެ ގިނަ ކަންތައްތައް ހުރީ އަދި ކުރަންވެފައި. އަދި އެއީ އިމާރާތް ދޮގެއްތޯ. ހަމައެކަނި ޓަރމިނަލްގެ އިމާރާތުން ނިމޭ ކަމެއްވެސް ނޫނޭ މިކަމަކީ. ޓަރމިނަލް އޮޕަރޭޝަނަލްވަންޏާ، ކުރަންޖެހޭ ކިތަންމެ ކަމެއް، އަދި އެ ސްކޯޕް ތެރޭގައި، ޕްރޮޖެކްޓްގެ ސްކޯޕްގެ ތެރެއިން އެކި ފަރާތްތަކާ ހަވާލުކޮށްފައި ނުވާ، ކީ އެތައް ކަމެއްވެސް ހުރޭ، ހަވާލުކުރަންޖެހޭ. މީގެތެރެއިން އެންމެ މުހިންމު އެއްކަމަކީ، ހެޑް އޮފް ސްޓޭންޑް މަގޭ މި ކިޔާ އެއަރޕޯޓްގެ ޓަރމިނަލް، ޙަޤީޤަތުގައި އެތަން ކިރިޔާވެސް، އެއްވެސްކަހަލަ ގޮތަކަށް ބޭނުންހިފުމަށްޓަކައި ހަދަންޖެހޭ މަގެއް އެއީ. އެހެންގޮތަކަށް ބުނަންޏާ މައިބަދަ. މައިބަދަ ނެތް ބަޔަކާ ހަވާލުކޮށްފައެއް. އެ މަގު ހަދާކަށް ހަވާލުކޮށްފައިވެސް ނެތީ. އެ މަގުވެސް އަޅުގަނޑުމެން ހަދަން ހަވާލުކުރީ ބަޔަކާ. ހަދަން ހަވާލުކޮށް މިހާރު އެ ނިމުމަކަށް އައިސްފައި އެއޮތީ. އެހެންވީމާ، އެއީ އެއް މިސާލު އިނގޭތޯ.

އެހެންވީމާ، މި ޓަރމިނަލް ޕްރޮޖެކްޓްގެ 54 ޕަސެންޓްކަންނޭނގެ އޭރުގައި ނިމިފައި އޮތީ، އަޅުގަނޑުމެން ހަވާލުވިއިރުގައި. އަދި ޓަރމިނަލް ޕްރޮޖެކްޓްގެ ޓަރމިނަލް ނިމުނަކަސް، ތަން ބޭނުމެއް ނުކުރެވޭ، ހެޑް އޮފް ސްޓޭންޑް ނެތިއްޔަކާ. އެހެންގޮސް ބައެއް އިތުރު މަސައްކަތްތައްވެސް ހުރިއޭ.

ދެން މިސާލަކަށް، ޓަރމިނަލް އެހާ ފެންވަރު ރަނގަޅުކޮށް، އެހާގިނަ މީހުންނަށް ޚިދުމަތްދޭ ޓަރމިނަލްއެއް، އިންޓަރނޭޝަނަލް ފެންވަރުގެ ޓަރމިނަލްއަކަށްވާއިރުގައި، އެތާ އެތެރޭގައި ކޮންމެގޮތެއްވިޔަސް ޑިއުޓީފްރީއެއް ހުންނަންޖެހޭނެ. ކޮމާޝަލް އޭރިއާއެއް އޮންނަންޖެހޭނެ. އެ އެއްވެސް ނެތް ބަޔަކާ ހަވާލުކޮށްފައި އިނގޭތޯ. އެއްވެސް ކަމެއް ނެތް. ހަމަ ސިމެންތި ފިނިޝިންގއެއްގައި. މަތިވެސް، އަރިމަތިވެސް، ބިންމަތިވެސް، ހުރިހާ ތަނެއްވެސް ހަމަ ދޫކޮށްލާގޮތަށް އޮތީ. އެއްވެސް ކަމެއްނެތޭ އެތާ ހަވާލުކޮށްފައެއް. މި ކިޔާ 54 ޕަސެންޓް ސްކޯޕް ތެރޭގައި ނުވެސް ހިމެނެނީ އެކަން. މި ދެންނެވީ، ފުލް ހަންޑްރެޑް ޕަސެންޓް ސްކޯޕް، އެއީ 54 ނިމިފައި އޮތް ހަންޑްރެޑް ޕަސެންޓް ސްކޯޕަށް ބަލާއިރު، އޭގެތެރޭގައިވެސް ނުހިމެނޭ ކަމެކޭ މިކަމަކީވެސް. އެވެސް އަޅުގަނޑުމެން މި ހަވާލުކުރީ ބަޔަކާ. ހަވާލުކޮށްގެން އޭގެ މިހާރު މި ޖުލައި 26 ގައި ހުޅުވާއިރުގައި ބޭނުންވާ މިންވަރަށް ނިންމާނީ. ދެން ހަމަ އޭގެ ދެ މަހެއްހާ ދުވަސްތެރޭގައި، ސެޕްޓެންބަރަށް ކަންނޭނގެ މުޅިން އެކީގައި އެ ދޫކޮށްލަނީ. އެކަމަކު އެތަން ބޭނުންކުރަން ބޭނުންވާ މިންވަރަށް ހަމަ މިހާރު އެ ނިންމަނީ. މިވަގުތަށް ބޭނުންވާ މިންވަރަށް. މި ދެންނެވީ ޑިއުޓީފްރީ.

އެހެންވީމާ، މިހެންގޮސް އެބަހުރި ވަރަށްގިނަ ކަންތައްތައް. އެހެންވީމާ، އަޅުގަނޑު އެއްގޮތަކަށްވެސް ކުރިން އެއްވެސް ވެރިއެއްގެ ވެރިކަމުގައި ކުރެއްވި ކަމެއް، ނުކުރާ ކަމެއްގެ ގޮތުގައެއް އަޅުގަނޑު ނުދަންނަވާނަން. ހަމަ ރައީސް ޔާމީން ވެރިކަމުގައި ފެށްޓެވި ހަމަ ވަރަށްގިނަ މަސައްކަތްތަކެއް. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައިވެސް ވަރަށްގިނަ މަސައްކަތްތަކެއް ކުރައްވާފައި އެހެރީ. އަޅުގަނޑާ ހަވާލުވިއިރުގައި ހުރިގޮތް އަޅުގަނޑު މި ދެންނެވީ.

ޕްރެޒެންޓަރ:

އަޅުގަނޑު ހިތަށްއެރީ، ދެން މި ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން ވިޔަސް، އެހެން ބޭފުޅަކު ނުވަތަ އެހެން ސަރުކާރަކަށް ލިބެންޖެހޭ ކްރެޑިޓެއް ނުދިނުމުގެ މަސައްކަތެއް ކުރެއްވީތޯ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އަޅުގަނޑުމެން ނުކުރާނެނު ދޮގެއްތޯ. އަޅުގަނޑުމެން ނުކުރާނެ.

އާދެ، މިސާލަކަށް ބުރިޖް، ތިލަމާލެ ބުރިޖް. އަޅުގަނޑު ދެވަނައަށް ދިޔައީ އެތަނަށް އިނގޭތޯ. އެއަރޕޯޓް ސައިޓަށް ގޮސްފައި ދެން ދިޔައީ ބުރިޖް ސައިޓް ބަލައިލަން. ބުރިޖް ސައިޓް ހަމަ އެންމެންނަށްވެސް ފެންނަން އޮންނާނެ، އަޅުގަނޑުމެން ވެރިކަމާ ހަވާލުވިއިރު އޮތްގޮތް. އޮފްކޯސް ޕްރޮޖެކްޓް ފެށުނީ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި. އެ ކްރެޑިޓް ލިބޭނެ އެ މަނިކުފާނަށް. ދެން މިހާރު ގޮސްފައި އޮތް ހިސާބު އެހެރީ ފެންނަން. ދެން އެ ނިމެމުންދާ ތަންވެސް އެހެރަ ފެންނަނީ. އެއީ ނޫންތޯ. ދެން މިހާރު އަޅުގަނޑުމެން އެންމެންނަކީ ތަޞައްރުފް ފުދިފައި ތިބި ބައެއް. ވާން އެބަޖެހޭ އެކަންކަމުގައި ފެކްޗުއަލީ ވާހަކަ ދައްކާ ބަޔަކަށް.

ޕްރެޒެންޓަރ:

އަޅުގަނޑުމެން އެ ވާހަކަ އެއްފަރާތް ކޮށްލާފައި، ދަމާތޯ އެހެން ވާހަކައަކަށް.

އެއަރޕޯޓްގެ ވާހަކައިން އިނގޭތޯ. ދެންމެ މަނިކުފާނު ވިދާޅުވިހެން، އަޅުގަނޑުމެންގެ މިނިވަންކަމުގެ ދޮރާށްޓޭވެސް އަޅުގަނޑުމެންނަށް ކިޔިދާނެ. އަޅުގަނޑުމެންގެ މޫނުމައްޗޭވެސް ކިޔިދާނެ. އަޅުގަނޑުމެންގެ އިޤްތިޞާދުގެ ދޮރާށްޓޭވެސް ކިޔިދާނެ ދޮގެއްތޯ އެއަރޕޯޓަކީ.

އަޅުގަނޑު ހިތަށްއަރަނީ، އަޅުގަނޑުމެންގެ ރާއްޖޭގައި މި އޮންނަ މައި އެއަރޕޯޓް، އެހެން ބައެއްގެ އަތްމައްޗަށްދިޔަ ދަނޑިވަޅެއްވެސް ދިޔަ. އެހެންނަމަވެސް، އަޅުގަނޑުމެންގެ އަމިއްލަ އެއަރޕޯޓެއްގެ ގޮތުގައި މިހާރު މި އުންމީދު ކުރެވޭ އެއަރޕޯޓް މިހާ ފުރިހަމައަށް ހުޅުވުނީމާ، ކިހާވަރެއްގެ ބޮޑު ބަދަލެއް އަޅުގަނޑުމެންގެ ދެންމެ މި ދެންނެވި އިޤްތިޞާދީ ގޮތުންނާއި، ދެން އަޅުގަނޑުމެންގެ މޫނުމައްޗާއި، އަޅުގަނޑުމެންގެ މިނިވަންކަމާ، މި ހުރިހާ ކަމެއް ޝާމިލްވާގޮތަށް، ކިހާވަރެއްގެ ވާހަކައެއްތޯ އަޅުގަނޑުމެންނަށް މި ދެކެވެނީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އިޤްތިޞާދަށް ވަރަށްބޮޑު ކުރިއެރުމެއް މި ލިބިގެންދަނީ. ޚާއްޞަކޮށް، ފަތުރުވެރިކަމުގެ ދާއިރާއަށް އިރާދަކުރެއްވިއްޔާ ވަރަށްގިނަ ދޮރުތައް މި ހުޅުވިގެންދަނީ. އަދި ޖުމްލަކޮށް ހަމަ އިޤްތިޞާދީ ކުރިއެރުން ހަމަ ވަރަށްބޮޑަށް މަތިވެގެންދާނެ ކަމެއް، މި އެއަރޕޯޓްގެ މި ޓަރމިނަލް ނިމިގެންދިޔުން. އަދި އޭގެއިތުރަށް، އަޅުގަނޑުމެން މި ހަވާލުކޮށްފައި އޮންނާނެ، ބާ ރަންވޭ ރީ-ސަރފޭސް ކުރުންވެސް. ދެން އަދި މިކަހަލަ އެހެން ބައެއް މަސައްކަތްތައްވެސް ކުރެވިގެން އެދަނީ އެއަރޕޯޓުގައި. އެހެންވީމާ، ޖުމްލަކޮށް މި އެއަރޕޯޓަކީ އަޅުގަނޑުމެންގެ އިޤްތިޞާދުގެ ހަމަ އެންމެ މުހިންމު އެސެޓް. އެހެން ނޫންތޯ. އެއީ ދަންނަވަންޏާ، ކީ، ހަމަ އެންމެ ކީ. އެންމެ މުހިންމު ކަންތައް އެއީ އިނގޭތޯ. ދެން އެހެންވީމާ، އެ ތަނަށް އަންނަ ކޮންމެ ކުރިއެރުމަކީ، އަޅުގަނޑުމެންގެ ރައްޔިތުންނަށް ލިބޭ ކުރިއެރުމެއް. ހުރިހާ ރައްޔިތުންގެ ކުރިއެރުމާއި ލާބައާއި މަންފާއާ ގުޅިފައިވާ ތަނެއް އަޅުގަނޑުމެންގެ އެއަރޕޯޓަކީ.

ޕްރެޒެންޓަރ:

ދެން މި އެއަރޕޯޓާ ގުޅިގެން، އަޅުގަނޑުމެންގެ ސަރަޙައްދީ އެއަރޕޯޓްތަކަށްވެސް ހަމަ މިއާ ގުޅިގެން، އެ ބަދަލުތައް އަންނާނެ. އެހެން ނޫންތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ވަރަށްގިނަ އެއަރޕޯޓުތައް ތަރައްޤީވަމުން އެދަނީ. އެ ތަރައްޤީ ކުރެވެމުން މިދަނީ. ހެދިފައި ހުރި އެއަރޕޯޓްތަކުގެ ފެންވަރު މަތިކުރުމުގެ މަސައްކަތް ކުރެވެމުންދަނީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ މި އަހަރާއި މި އަންނަ އަހަރު ތެރޭގައި އަޅުގަނޑު ކުރިންވެސް ހަމަ ރިޔާސީ ބަޔާނުގައި ދެންނެވި ގޮތަށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި އެއަރޕޯޓްތައް ހެދިގެންދާނެ. މި އަހަރު ތެރޭގައި މީގެތެރެއިން ބައެއް އެއަރޕޯޓްތައް ހެދުމުގެ ޢަމަލީ މަސައްކަތް ފެށޭނެ. މި އަންނަ އަހަރު ބާކީހުރި މަސައްކަތް. ބިން ހިއްކަންޖެހޭ ރަށްރަށުގައި މި އަހަރު ބިން ހިއްކުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ބައެއް ރަށްތަކުގައި ފެށިގެންދާނެ. އެހެންވީމާ، އެވްރެޖްކޮށް ބަލަންޏާ ކޮންމެ 30 މިނިޓަކުން ދެވޭ ހިސާބެއްގައި އެއަރޕޯޓެއް އޮންނަން އަޅުގަނޑުމެންގެ މެނިފެސްޓޯގައި އޮންނާނެ.

ޕްރެޒެންޓަރ:

އެއަރޕޯޓަކީ ކޮންމެހެނެއްވިޔަސް، ދެންމެ މަނިކުފާނު ތިޔަ ވިދާޅުވިހެން އަޅުގަނޑުމެންގެ ރާއްޖެއަށް ވަރަށް ބޮޑެތި ބަދަލުތަކެއް، ވަރަށްގިނަ ކުރިއެރުންތަކެއް، ވަރަށްގިނަ ފުރުޞަތުތަކެއް ހަމަގައިމުވެސް ހުޅުވިގެންދާނެ އެއަރޕޯޓަކަށްވާނެ ކަމަށް އުންމީދު ކުރަން އަޅުގަނޑުވެސް. ދެން ވަރަށް މުހިންމު މަސައްކަތެއް ނިމުމުގެ ވާހަކަ މި ދެކެވުނީ ދޮގެއްތޯ.

އަޅުގަނޑުމެން ނިންމާލާއިރުގައި ދެން ކުރިންވެސް ދަންނަވާލިހެން، މިނިވަންކަމަށް އަޅުގަނޑުމެން ދެން މިހާރު މި ކިޔާގޮތަށް 60 އަހަރު މި ފުރުނީ. އެހެންވީމާ، މިއީ ވަރަށް ތަޞައްރުފް ފުދިފައި އޮތް މިނިވަންކަމެކޭ އަޅުގަނޑުމެންނަށް ބުނުމުގެ ޙައްޤުވެސް އެބައޮތް ދޮގެއްތޯ. އެހެންނަމަވެސް، އަޅުގަނޑުމެންގެ މުޖުތަމަޢުގައި ބައެއްފަހަރު ބައެއްކަހަލަ ކަންތައްތައް، ދެން އަޅުގަނޑުމެންނަކީ ހަމަޖެހޭ ވިސްނުން ރަނގަޅު، މިނިވަން ޚިޔާލެއްގެ ބައެއްހެއްޔޭ ހިތަށްއަރާކަހަލަ، ސުވާލު އުފެދޭކަހަލަ ކަންތައްތަކުގެ ވާހަކަ، ދެންމެވެސް އެއަރޕޯޓާ ގުޅިގެންވެސް އެކަހަލަ ވާހަކައެއް ދަންނަވާލެވިއްޖެ. ޖުމްލަ ގޮތެއްގައި ދެން އަޅުގަނޑުމެން މިނިވަންކަމުގެ ދަތުރު މިހާހިސާބަށް އާދެވުނުއިރުގައި، މަނިކުފާނު ދެން މިވަގުތު ޤައުމުގެ ވެރިޔާގެ ހައިސިއްޔަތުން މަނިކުފާނު އެދިވަޑައިގަންނަވާ ކަމެއް ނުވަތަ ބޭނުންފުޅުވާ ކަމެއްގެ ވާހަކައެއް ވިދާޅުވެވިދާނެތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އަޅުގަނޑު ޔަޤީނުންވެސް ބޭނުންވަނީ މި ޤައުމަކީ ވަރަށް އެކުވެރިކަމާއެކީގައި ދިރިއުޅޭ ބައެއް އުޅޭ ޤައުމަކަށްވާން. ހަމަޖެހުން ޤާއިމުވެފައި އޮންނަ ޤައުމަކަށްވާން. އަޅުގަނޑުމެން އެއްބަޔަކު އަނެއް ބަޔަކަށް ބަދަލުހިފުމާއި، އެންމެންގެ ތެރޭގައި ދެކޮޅުވެރިކަމާއި، މިކަންކަން އޮތް އޮތުން. ކުރީގައި މިއީ ވަރަށް ބޮޑަށް އޮތް ކަމެއް. އެކަން ނެތިގެންގޮސް، ވަރަށް ހަމަޖެހިގެން، އެކުވެރި، އުފާވެރި މުޖްތަމަޢެއް ގޮތުގައި އުޅޭތަން ދެކެން. ދެން މިކަމަށް އެންމެ ބޮޑަށް މި ހުރަސްއެޅެނީ، ސިޔާސީ ކަންކަމުގެ ތެރޭގައި އަޅުގަނޑުމެންގެ ކުރިއްސުރެވެސް މިއޮތް އެއްބައެއްވަންތަކަން އަޅުގަނޑުމެންގެ ތެރެއިން ހަނދާންނެތެމުން ނެތެމުން، ހަނދާންނެތި، އަދި އެހެން ގޮތްގޮތުންވެސް ނެތިގެންދާތީ.

އެހެންވީމާ، އަޅުގަނޑު މިނިވަންދުވަސް އަންނައިރުގައި އެންމެ ބޮޑަށް ދެކެން ބޭނުންވަނީ، އަޅުގަނޑުމެންގެ ތެރޭގައި މި އެކުވެރިކަން އަންނަން. އެއީ، އެ ގުޅިލާމެހިފައި އޮންނަ އޮތުން އަޅުގަނޑުމެންގެ ތެރޭގައި ވަރުގަދަކުރެވުނުވަރަކަށް ޙަޤީޤަތުގައި އަޅުގަނޑުމެންގެ ތެރޭގައި މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮތުމުގެ އަޞްލުގައި ޙަޤީޤަތް ދެން މި އޮންނަނީ ބިނާވެފައި.

އެހެންވީމާ، އެންމެ ބޮޑަށް އަޅުގަނޑު ބޭނުންވަނީ އެ ކަންތައް. ދެން ޔަޤީނުންވެސް ސަރުކާރުގެ، އަޅުގަނޑުމެންގެ ސިޔާސަތު މިއޮތީ ހަމަ ޔަޤީނުންވެސް އެގޮތަށް. އެއީ، މިއަދާ ހަމަޔަށް އައިއިރުގައި، އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ނުފެންނާނޭ، އެއްވެސްވަރަކަށް ބަދަލުހިފުމުގެ ރޫޙެއް އަޅުގަނޑުމެން ބޭނުންކުރާ ތަނެއް. އަޅުގަނޑުގެ އެއްވެސްކަހަލަ ޢަމަލަކުންވެސް އަދި ބުނާ ބަހަކުންވެސް ނުފެންނާނެ. އަޅުގަނޑު އޮންނާނީ ވަޢުދުވެފައި، މި ސަރުކާރަކުންނެއް ބަދަލުހިފުމުގެ އެއްވެސް ކަމެއް ނުކުރާނަމޭ. އެ ރޫޙު ނައްތައިލާނަމޭ. ސިޔާސީގޮތުން އެއްވެސް މީހަކަށް ފިޔަވަޅެއް ނާޅާނަމޭ. ބަންދެއް ނުކުރާނަމޭ. އަނިޔާއެއް ނުކުރާނަމޭ. ޖަލަކަށްނުލާނަމޭ. މިއަދާ ހަމަޔަށް އައިއިރުގައި ނުހުންނާނެ، އެއްވެސް މީހަކު، އަޅުގަނޑުމެން ހައްޔަރުކުރި މީހެއްވެސް އަދި ބަންދުކުރި މީހެއްވެސް. ސިޔާސީ ވިސްނުމެއްގައި ކުރި އެއްކަމެއްވެސް ނޯންނާނެ، އެއްވެސް މީހަކާ ދޭތެރޭގައި ނޯންނާނެ ދެއްކޭކަށެއް. އެއީ، ވަރަށްބޮޑު ތަފާތެއް އިނގޭތޯ. އަޅުގަނޑު ބޭނުންވަނީ، އެކަން އެންމެންގެ ތެރޭގައިވެސް އަށަގަންނަން. އެ މިސާލު އެންމެންވެސް ބަލައިގަނެ، އެންމެންވެސް، ސިޔާސީ މީހުންނަށް ޚާއްޞަކޮށް މި ދަންނަވަނީ. ސިޔާސީ ވެރިންނާއި، އަދި ސިޔާސީ ޕާޓީތަކުގެ ބޭފުޅުންނަށް. އަޅުގަނޑުމެންގެ ތެރޭގައި ހިނގާށޭ، ކުރީގައި މިއޮތް ނުބައި ރޫޙު ދޫކޮށްލަން. ދޫކޮށްލުމާއެކީގައި އަޅުގަނޑުމެން އެންމެން އެކަތިގަނޑެއްގެ ގޮތުގައި އުޅެން. އަޅުގަނޑުމެންގެ ތެރޭގައި، ބިނާކުރަނިވި ފާޑުކިޔުން އަބަދުވެސް އޮންނަންޖެހޭނޭ. ރަނގަޅުކުރަންހުރި ކަންކަމުގެ ވާހަކަ ދައްކަންޖެހޭނެ. ތިމަންނައަށް ތިކަންތައް ތިއަށްވުރެ ރަނގަޅަށް ކުރެވިދާނޭ ބުނަންވާނެ. މިހެންނޭ ތިމަންނަ ކުރާނީ. އެއީ، ޑިމޮކްރަސީއެއްގައިވެސް އަދި ފައްކާވެފައި ހުރި ޑިމޮކްރަސީ އޮތް ޤައުމުތަކޭ މި ކިޔާ ޤައުމުތަކުގައިވެސް އެކަން އޮންނަ ގޮތަކީ. އެއްގޮތަކަށްވެސް ނުކުރާނެ އެ ޤައުމުތަކުގައެއް ޒާތީކޮށެއް ކަންކަމެއް. އެ މީހުންގެ ތެރޭގައި ސިޔާސީވެގެން ގޮސް މި ކިޔާ ޑަރޓީ ޕޮލިޓިކްސްގެ ތެރެއިން މީހުންނަށް ގެއްލުން ދިނުމާ، އެކަންކަމެއް ނޯންނާނެ.

އެހެންވީމާ، އަޅުގަނޑުމެންގެ ތެރެއިން އެބަޖެހޭ އެކަން ދޫކޮށްލަން. ދޫކޮށްލާފައި އަޅުގަނޑުމެން ޤައުމައިގެން ކުރިއަށްދިޔުމުގައި އެންމެން ނިކަން ހަމަޖެހިލައިގެން އެކުވެރިކަމާއެކީގައި އުޅެން. އެއީ، މިނިވަން ޤައުމެއްގެ ގޮތުގައި ދިޔުމުގައި އަޅުގަނޑު އެންމެ ބޮޑަށް ދެކެން ބޭނުންވާ ގޮތަކީ.

ޕްރެޒެންޓަރ:

އާދެ، އަޅުގަނޑުމެން ދެން ފަށަމުންވެސް ދަންނަވާލިހެން، 60 އަހަރަށްވުރެ މާގިނަ ދުވަސްވެއްޖެ މިނިވަންކަމާއެކީގައި އަޅުގަނޑުމެންގެ ދިވެހިރާއްޖެ އޮންނަތާ. އެކަން އެގޮތުގައި އެއޮތީ އަޅުގަނޑުމެންގެ ތެރޭގައި ހުރި ވަރަށް ރަނގަޅު ހަރުދަނާ ސިފަތަކެއްގެ ސަބަބުން ނޫންތޯ ދޮގެއްތޯ. އަޞްލަށް ރުޖޫޢަވަމާ ހިންގަވާ ދޮގެއްތޯ. އެއީ ނޫންތޯ ކުރަންވީ ކަމަކީ ދޮގެއްތޯ. ޑިމޮކްރަސީގެ ތެރެއިން އަޅުގަނޑުމެން ޑިމޮކްރަސީގެ ބަލިފައެއްގައި ހިފައިގެންކަންނޭނގެ އަޅުގަނޑުމެންނަށް މި އުޅެވެނީ. އޭގެ ރަނގަޅު ސިފަތަކަށްވުރެ ބޮޑަށް ނުރަނގަޅު ސިފައެއްގައި ހިފައިގެންކަންނޭނގެ މި އުޅެވެނީ ދޮގެއްތޯ. އެބައި ދޫކޮށްލާފައި އަޞްލަށް ރުޖޫޢަވެވޭތޯ މަސައްކަތްކުރުން ދޮގެއްތޯ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ!

ޕްރެޒެންޓަރ:

ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ. ދެން މިނިވަންދުވަހުގެ ހެޔޮއެދުންތައް، ތަންކޮޅެއް ކުރިއަށް ނަމަވެސް، މި އެޕިސޯޑުގެ ތެރެއިން އަޅުގަނޑު ހަމަ ދަންނަވާލަން. ދެން އަޅުގަނޑު އުންމީދު ކުރަނީ އަނެއްކާވެސް ހަމަ މާ ދޭތެރެ ދުރުނުކޮށް އަނެއް އެޕިސޯޑާއެކީ ބައްދަލުވާނެ ކަމަށް.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، އިރާދަކުރެއްވިއްޔާ ހަމަ ކުރިއަށް އޮތް ތާނގައި މިއަށްވުރެ އަވަހަށް މިކަންވޭތޯ ބަލަންޖެހޭނެ.

ޕްރެޒެންޓަރ:

ދެން އަޅުގަނޑަށް އެނގޭ، އެއީ ހަމަ ވަރަށް އަވަދިނެތިކަން އުޅުއްވަނީ. އެހެންވީމާ، އެކަމުގައި އަޅުގަނޑުގެ ޝަކުވާއެއް އޮތީކީނޫން. އެކަމަކު ޢާންމުންގެ ބައެއްކަހަލަ ސުވާލުހުރޭ، މިހާރު ކިހިނެއްހެއްޔޭ، ހުއްޓާލީހެއްޔޭ ދޮގެއްތޯ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، ވަރަށް އަވަހަށް އަނެއްކާ ދަތުރުތައްވެސް އަތޮޅުތަކަށް ފަށަން. އެހެންވީމާ، ވަގުތުތައް އޮންނަގޮތް ބަލާފައި ހަމަ ވީވަރަކުން އަޅުގަނޑު ބޭނުން މިކަން ކުރިއަށްގެންދަން.

ޕްރެޒެންޓަރ:

އާދެ، ޝުކުރިއްޔާ އިނގޭތޯ.