ބަރަކާތްތެރި ރަމަޟާންމަސް ފެށުމުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ރާއްޖޭގެ ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ.

މިދަންނަވާލަނީ މިމުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ ޚިތާބެވެ.

"ބަރަކާތްތެރި ރޯދަމަސް ފެށުމުގެ އުފާވެރި މުނާސަބަތުގައި، ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް ފޮނުވަމެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން، ބަރަކާތްތެރި ރޯދަމަހަކީ، މުސްލިމުންގެ ތެރޭގައި އަބަދުމެ އޮންނަންޖެހޭ އެއްބައިވަންތަކަމާއި، އެއްބަނޑުއެއްބަފާކަން އަދި ދޭދޭ ފަރާތްތަކުގެ ގުޅުންތައް ބަދަހިކޮށް، އާރޯކުރުމަށް ޒަމާނުއްސުރެ އަހަރަކު އެއްފަހަރު ލިބިދޭ ވަރަށް މަތިވެރި ފުރްޞަތެކެވެ.

މިބަރަކާތްތެރި މައްސަރާ އަޅުގަނޑުމެން ކުރިމަތިލާއިރު، އަޅުގަނޑުމެންގެ ތެރޭގައި ހުރި ބައިބައިވުންތަކާއި ދެބަސްވުންތައް އެއްކިބާކޮށް، އެންމެހާ ފަރުދުންނާއި މުޅި ޤައުމުގެ ލާބައަށް މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ހަމައެއާއެކު، ރައްޔިތުންގެ މެދުގައި އޮންނަންޖެހޭ ޢަދުލުވެރިކަމާއި ހަމަޖެހުން އިތުރަށް ވަރުގަދަ ކުރުމަކީ، ރައީސުލްޖުމްހޫރިއްޔާގެ ޙައިޘިއްޔަތުން އަޅުގަނޑު ވަރަށްބޮޑު އިސްކަމެއްދޭނެ ކަމެއް ކަމަށް މިފުރްޞަތުގައިވެސް އަޅުގަނޑު ދަންނަވަމެވެ. އަދި އެމަގަށް މަސައްކަތް ކުރުމުގެ މަގު އިރާދަކުރެއްވިއްޔާ ފަހިވެގެންދާނެއެވެ.

އަޅުގަނޑު މިޤައުމަށް އަބަދަށްމެ އެދެނީ، ކުރިއެރުމާއި ޞުލްޙަ މަސަލަސްކަމެވެ. އަޅުގަނޑުގެ އުންމީދަކީ، އަދަށްވުރެ މާ އުފާވެރި މާދަމައެއް އަޅުގަނޑުމެން އެންމެންނަށް ލިބުމެވެ. އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެން އެންމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުމެވެ."

ބަރަކާތްތެރި ރަމަޟާންމަހުގެ މުނާސަބަތުގައި، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި ބައިނަލްއަޤްވާމީ އިސްލާމީ ޖަމްޢިއްޔާ، ޖަމާޢަތްތަކުގެ ވެރިންނަށްވެސް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފިއެވެ. އަދި އިސްލާމީ ޤައުމުތަކުގެ ވެރިންނާއި ބައިނަލްއަޤްވާމީ އިސްލާމީ ޖަމްޢިއްޔާ، ޖަމާޢަތްތަކުގެ ވެރިންވެސް، މި މުނާސަބަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ތަހުނިޔާ ފޮނުއްވަމުން އެބަގެންދަވައެވެ.