މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ 2010 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 26 ވަނަ ޖަލްސާއިން ފާސްކުރެއްވި "ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލް" ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަޞްދީޤު ކުރައްވައިފިއެވެ. ތަޞްދީޤު ކުރެއްވުމާ ގުޅިގެން، މި ޤާނޫނު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވައިފިއެވެ.

މި އިޞްލާޙަކީ ފަނޑިޔާރުންގައި ހުރުން ލާޒިމު ޝަރުޠުތަކަށް ގެންނެވި އިޞްލާޙެވެ. މި އިޞްލާޙުގައި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 15ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޝަރުޠުތަކުގެ ތެރެއިން ފަނޑިޔާރުކަމަށް ޢައްޔަންކުރާ މީހުންގެ ކިބައިގައި ފަނޑިޔާރުކަމުގެ މަޤާމަށް ބޭނުންވާ ފެންވަރަށް ތަޖުރިބާ ލިބިފައިވާ މީހުންކަމަށް ކަނޑައެޅުމުގައި، ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، އެމީހުންނަކީ މި ދަންނަވާ މުއްދަތަށް ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަމުގައި ނުވަތަ އެދެކަމުގައި މަސައްކަތްކޮށްފައިވާ މީހުންނަށް ވާންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

(1) ސުޕްރީމް ކޯޓަށް ކުރިމަތިލާ ފަރާތެއްގެ މަދުވެގެން 7 (ހަތެއް) އަހަރުދުވަހުގެ ތަޖުރިބާ؛
(2) ހައިކޯޓަށް ކުރިމަތިލާ ފަރާތެއްގެ މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ؛
(3) ދަށު ކޯޓަށް ކުރިމަތިލާ ފަރާތެއްގެ މަދުވެގެން 2 (ދޭއް) އަހަރުދުވަހުގެ ތަޖުރިބާ.

މި ޤާނޫނުގެ 20 ވަނަ މާއްދާއަށް ގެންނެވި އިޞްލާޙަކީ، ޤާނޫނުއަސާސީގެ 145 ވަނަ މާއްދާގެ ދަށުން އުފައްދާ ފުރަތަމަ ސުޕްރީމް ކޯޓު އުފެއްދުމުގައި އުއްތަމަފަނޑިޔާރު ހުވައި ކުރާއިރު އޭނާއަށް ހުވައި ލައިދޭނީ ހައިކޯޓުގެ ފަނޑިޔާރު ކަމަށާއި، އަދި ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުންނަށް ހުވައި ލައިދޭނީ އުއްތަމަފަނޑިޔާރު ކަމަށް ބަޔާންކޮށްފައިވާ އިޞްލާޙެވެ.