ރާއްޖެއިން އެކްސްޕޯޓް ކުރުން މަނާ ބައެއް ތަކެތި ކަމުގައިވާ މުރަކައާއި، އެންދެރިއާއި، ވެލާ ކަހަނބު ފަދަ ތަކެތިން ހަދާފައިވާ ސްވެނިއަރފަދަ އެއްޗެތި ރާއްޖެއަށް އިމްޕޯޓްކޮށް، އެތަކެތީގެ ވިޔަފާރި ވަރަށްފުޅާ ދާއިރާއެއްގައި ކުރަމުންގެންދާ ކަމުގެ ޝަކުވާ، ވަޒީރުންނަށް ލިބިވަޑައިގަންނަވަމުންދާތީ، އެކަމާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރައްވައިފިއެވެ. މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި، މިފަދަ ޝަކުވާތައް ފަހަކަށްއައިސް ވަރަށް ގިނައިން ލިބިވަޑައިގަންނަވަމުންދާ ކަމަށް ވިދާޅުވެ، މިފަދަ ތަކެތީގެ ވިޔަފާރި ކުރަމުން ގެންދާއިރު، އެއީ، ރާއްޖޭގައި އުފައްދާފައިވާ އެއްޗެތި ކަމެއް ނުވަތަ ރާއްޖެއިން ބޭރުން އިމްޕޯޓްކޮށްފައިވާ އެއްޗެތިކަން އެނގިވަޑައިނުގަންނަވާކަން ފާހަގަކުރެއްވިއެވެ.

މިކަމާ ބެހޭގޮތުން މިއަދުގެ ޖަލްސާގައި މެންބަރުން ވާހަކަފުޅު ދެއްކެވުމަށްފަހު ނިންމެވީ، މިކަން ހިނގަމުންދާ ގޮތް ރަނގަޅަށް ބައްލަވައި، ކުރައްވަންޖެހޭ ދިރާސާތައް ކުރެއްވުމަށްފަހު، މިކަމާ ގުޅޭގޮތުން އަޅުއްވަންޖެހޭ ފިޔަވަޅުތައް، ކުރިއަށްއޮތް 6 މަސްދުވަހުގެ ތެރޭގައި އެޅުއްވުމަށެވެ.