ޗައިނާގެ ޒޮންގޫ ކައުންޓީގައި ފެންބޮޑުވެ، ކިސަޑު ފޭބުމުގެ ސަބަބުން ގިނަ ބަޔަކު މަރުވެ، އަދި އެ ޤައުމުގެ އެކި ހިސާބުތަކުގައިވެސް ފެންބޮޑުވުމުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކުގެ ސަބަބުން، ޗައިނާގެ ރައީސް ހޫ ޖިންޓާއޯއަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ހަމްދަރުދީ ފޮނުއްވައިފިއެވެ.

ރައީސް ހޫ ޖިންޓާއޯ އަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖްގައި، މި ހާދިސާގައި ވަރަށްގިނަ ޢަދަދެއްގެ މީހުން މަރުވެ، ބޮޑެތި ގެއްލުންތަކެއް ލިބުނު ޚަބަރު އެއްސެވީ ފުން ހިތާމައާ އެކުގައި ކަމަށް ވިދާޅުވެ، ދިވެހިސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ރައީސް ހޫ ޖިންޓާއޯއަށާއި، ޗައިނާ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ. އަދި މިހާދިސާގައި ގެއްލުންވި އެންމެންނަށް ރައީސުލްޖުމްހޫރިއްޔާ ހަމްދަރުދީ ފޮނުއްވާފައިވެއެވެ.