بســم اللَّـه الرّحمـن الرّحيــم

الحمـد لِلَّـه ربِّ العـالمـين، والصّـلاة والسّلام عـلى أشرف المـرسلـين، سـيِّدنا محـمّدٍ وعـلى آلـه وأصحابـه أجمـعـين.

"قُل لَّن يُصِيبَنَآ إِلَّا مَا كَتَبَ ٱللَّهُ لَنَا هُوَ مَوْلَىٰنَا ۚ وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُؤْمِنُونَ" (التّوبة: 51) "ކަލޭގެފާނު ވިދާޅުވާށެވެ! اللَّه އަޅަމެންނަށް (ޓަކައި، ކަނޑައަޅުއްވައި) ލިޔުއްވާފައިވާ ކަމެއް މެނުވީ، އަޅަމެންނަކަށް ނުޖެހޭނެތެވެ. އެކަލާނގެއީ، އަޅަމެންގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ. ފަހެ، މުއުމިނުން ހަމައެކަނި، اللَّه އަށް ވަކީލުކުރާހުށިކަމެވެ!"

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން؛

السّلام عليكم ورحمة اللَّه وبركاته.

އާދެ، އަޅުގަނޑު މިއަދު ތިޔަ ޢިއްޒަތްތެރި މަޖިލީހަށް މިއައީ، މިމަހުގެ 26 ވަނަ ދުވަހު ހެނދުނު ރާއްޖެއަށް އެރި ބޮޑުރާޅުގެ ކާރިސާއާ ގުޅޭ މުހިންމު ބައެއް ވާހަކަ ދަންނަވާލުމަށްޓަކައި. އެކަމަށްޓަކައި ބޭއްވޭ މަޖިލީހުގެ ޚާއްޞަ ޖަލްސާއެއް މި ޖަލްސާއަކީ. އަދި މި ޖަލްސާއަށް އައުމުން އަޅުގަނޑަށް މަރްޙަބާ ވިދާޅުވުމުގެ ގޮތުން، މަޖިލީހުގެ ޢިއްޒަތްތެރި ރައީސް ވިދާޅުވި ހެޔޮބަސްފުޅުތަކަށް އެ މަނިކުފާނަށް އަޅުގަނޑު، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، އަޅުގަނޑުމެންނަށް މި ދިމާވީ، ވަރަށްބޮޑު ކަމެއް. ޙަޤީޤަތުގައި މީގެ ހަތަރުދުވަސް ކުރިން ރާއްޖެއަށް މި އެރި ބޮޑުރާޅު އެރުމުގެ ކާރިސާއަކީ، މިހާތަނަށް ރާއްޖެއަށް ދިމާވެފައިވާ އެންމެބޮޑު ޤުދުރަތީ ކާރިސާއޭ ބުނުމަކީ ދޮގަކަށްނުވާނެ. ހަމަގައިމުވެސް އަޅުގަނޑުމެންގެ ތާރީޚުން މިއަށްވުރެ ވަކި ބޮޑުކަމެއް ހިނގި ކަމަކަށް އެނގިފައެއް ނެތް. އަދި މި ކާރިސާގެ ސަބަބުން ދިވެހިރާއްޖެއަށް ލިބިފައިވާ ގެއްލުމުގެ ޤައުމީ ނިސްބަތަށް ބަލާއިރު، މިފަހަރު އެންމެބޮޑު ގެއްލުން ލިބިފައިވަނީ، ހަމަ ރާއްޖެއަށޭވެސް ދެންނެވިދާނެ.

އާދެ، އަޅުގަނޑުމެން އެންމެންވެސް ދަންނަ ފަދައިން އަދި ޚަބަރުތަކުން އަޅުގަނޑުމެންނަށް އެނގިފައިވާ ފަދައިން، މި ރާޅުގެ އަސަރުކުރީ، ހަމައެކަނި ރާއްޖެއަކަށް ނޫން. މި ސަރަހައްދުގެ އެހެން ޤައުމުތަކަށްވެސް ކުރި. އަދި މި ސަރަހައްދުގެ އެހެން ޤައުމުތަކުން މަރުވި މީހުންގެ ޢަދަދު، ވަރަށްބޮޑު. ރާއްޖޭގެ ނިސްބަތުގައި އެ ޢަދަދަކީ، ހަމަ ހިތަށްވެސް ނުގެނެވޭހާ ބޮޑު ޢަދަދެއް. އެކަން އެހެންދިމާވިޔަސް، ޤައުމީ ނިސްބަތުން ބަލާއިރު، ރާއްޖެއަށް މި ލިބުނު ގެއްލުމަކީ، މި ސަރަހައްދުގެ އެހެން ޤައުމުތަކަށް ލިބުނު ގެއްލުމަށްވުރެ މާބޮޑު ގެއްލުމެއް ކަމުގައި ދަންނަވަންޖެހޭ.

އާދެ، ރާއްޖޭގައި މީހުންއުޅޭ ކޮންމެ ރަށަކީ، ކުޑަކުޑަ މުޖުތަމަޢެއް. އެތަނަށް ބޭނުންވާ އަސާސީ ޚިދްމަތްތައް ހުންނަނީ، އެތަނެއްގައި ހަމަޖެހިފައި. ކަރަންޓުގެ ޚިދްމަތް، ފެން ލިބުމުގެ ޚިދްމަތް، ޞިއްޙީ ޚިދްމަތް، އޮފީސް، ސްކޫލް، މިހެންގޮސް ކޮންމެ ޖަމާޢަތަކަށް ބޭނުންވާ ޚިދްމަތެއް، އަޅުގަނޑުމެންގެ ފޯރުންތެރިކަން ހުރި މިންވަރުން އެރަށެއްގައި ވަނީ ހަމަޖެހިފައި. އެހެންކަމުން، މިފަދަ ޙާދިޘާއަކުން އެ ރަށަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެނަމަ، އެކަން ފޫބެއްދޭނެ އެހެން އެއްވެސް ވަސީލަތެއް އެ ރަށަކު ނުހުރޭ. ދުނިޔޭގެ އެހެން ތަންތާނގައިވިއްޔާ، ކަރަންޓާއި ފެނާއި އަދި އެނޫން ޚިދްމަތްތައް، ކައިރި ތަންތަނުން ވަގުތުން ލިބޭގޮތަށް އޮންނަނީ ހަމަޖެހިފައި. އެހެންވީމާ، އަޅުގަނޑަށް ދަންނަވާލަންޖެހެނީ، ޖުޣުރާފީގޮތުން ރާއްޖެ މިއޮތްގޮތުންނާއި، ރާއްޖޭގެ ޖަޒީރާތައް ކުދިކަމާއި، އެއްޖަޒީރާއެއް އަނެއް ޖަޒީރާއަކާ ވަކިވެފައިވުމާއި އަދި ކޮންމެ ޖަޒީރާއެއްގައި، އެ ޖަޒީރާއެއްގެ މީހުންނަށް ބޭނުންވާ ޚިދްމަތްތައް، އަޅުގަނޑުމެންގެ ފޯރުންތެރިކަން ހުރި މިންވަރުން އެތަނެއްގައި ހަމަޖެހިފައި އޮތުމާ، މިކަންކަން ހުރުމާއެކީގައި، މިފަދަ ބޮޑު ކަމަކުން ރާއްޖޭގެ ހުރިހާ ރަށަކަށް މިކަހަލަ ބޮޑެތި ގެއްލުންތައް ލިބުމުން އެއީ، އެހެން ޤައުމުތަކާ އަޅައިބަލާއިރު، އަޅުގަނޑުމެންނަށް ލިބުނު މާބޮޑު ގެއްލުމެކޭ.

އާދެ، މި ރާޅުއަރަން މެދުވެރިވި ސަބަބަކީ، އަޅުގަނޑުމެންނަށް ޚަބަރުތަކުން އެނގޭގޮތުގައި، މި ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ހެނދުނު އިންޑޮނީޝިޔާގެ ސުމަޓްރާގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް ކަނޑުގެ 10 ކިލޯމީޓަރުގެ އަޑިއަށް އައި، ވަރަށް ބާރުގަދަ ބިންހެލުމެއް. އެ ބިންހެލުމުގެ ސަބަބުން، މި ބޮޑުރާޅު އުފެދުނީ. ސުނާމީ. މި އުފެދިގެން، އިންޑިޔާ ސަރަޙައްދުގެ އަދި އިންޑިޔާ ކަނޑުގެ އައްސޭރިފަށުގައިވާ ވަރަށްގިނަ ޤައުމުތަކަށާއި އަދި އެފްރިކާގެ ބައެއް ޤައުމުތަކަށް މިކަމުގެ ގެއްލުންތައް ވަނީ ލިބިފައި.

އާދެ، މިފަދަ ކަންކަމުގައި އުފެދޭ ސުވާލަކީ، ކުރިން މިކަހަލަ ކަމެއް ވެދާނެކަމުގެ އިންޒާރު އެއީ ލިބޭ އެއްޗެއްތޯ، ލިބިފައިވޭތޯ؟ އާދެ، އަޅުގަނޑަށް ދަންނަވާލަންޖެހެނީ، ބިންހެލުމުގެ އިންޒާރަކީ، ދުނިޔޭގެ އެއްވެސް ތަނެއްގައި އަދި ކުރިޔަށް ލަފާކުރެވޭ އެއްޗެއް ނޫނޭ. މި ރާޅު މި އުފެދުނީ، ބިންހެލުމެއްގެ ސަބަބުން. ކަނޑުގެ އަޑިއަށް އައި ބިންހެލުމެއްގެ ސަބަބުން. އެހެންވީމާ، މީގެކުރިން ބިންހެލުމެއް އަންނާނެކަން އެނގިފައި ނެތުމާއި، އެކަމުގެ އިންޒާރު ދެވޭނެ ވަސީލަތެއް އަދި އެއްވެސް ތަނެއްގައި ޤާއިމުވެފައި ނެތުމާއެކީގައި، މީގެ އިންޒާރެއް ނާދޭ.

އާދެ، އަޅުގަނޑުމެންނަށްވެސް ބިންހެލުން އިޙްސާސްކުރެވުނު. މާލެއަށާއި ރާއްޖޭގެ ވަރަށްގިނަ ރަށްރަށަށް. ޚުދު އަޅުގަނޑަށްވެސް އެކަން އިޙްސާސް ކުރެވުނު. އެއީ، އެ ދުވަހުގެ ހެނދުނު ހަގަޑި ފަންސަވީހާއި ހަގަޑި ތިރީހާ ދޭތެރޭގެ ވަގުތެއްގައި.

ދެން ބިންހެލުމުން އުފެދޭ ބޮޑުރާޅު. އެއީ، ވަކި ފުންމިނެއްގައި އަދި ރެކްޓަރ ސްކޭލުން ވަކި މިންގަނޑެއްގައި ބިންހެލުމެއް އަތުވެއްޖިއްޔާ އުފެދިދާނެ އެއްޗެއް ކަމަށް ސައިންޓިސްޓުން ބުނަނީ. މިފަހަރު އެހެން މި ދިމާވީ. އެކަމަކު އެފަދަ ރާޅެއް އުފެދިގެން، ކިހާހިސާބަކަށް ދަތުރުކޮށްފާނެކަން އެއީ، އަޅުގަނޑުމެންނަށް މި ސަރަޙައްދުގައި އޭގެ އެއްވެސް ވަސީލަތެއް ޤާއިމުވެފައިވާ ކަމެއްނޫން. ދުނިޔޭގެ ބައެއް އެހެން ތަންތާނގައި ހުރެދާނެ. އެކަމަކު އިންޑިޔާ ކަނޑުގެ ސަރަޙައްދުގައި އެފަދަ އިންޒާރު ދިނުމުގެ ވަސީލަތެއް ޤާއިމުވެފައެއް ނެތް. އެހެންވީމާ، މިދިޔަ އާދީއްތަ ދުވަހު މިއައި ސުނާމީގެ އެއްވެސް އިންޒާރެއް ރާއްޖެއަކަށް ލިބިފައެއް ނެތް. އަޅުގަނޑަށް ދަންނަވަންޖެހެނީ، އެހެން ޤައުމަކަށްވެސް ލިބިފައެއް ނެތޭ.

ދެން މިފަދަ އިންޒާރެއް ލިބުނުނަމަ، ކަންތައް ކުރާނެގޮތާ ދޭތެރޭގައިވެސް ވިސްނާލަންޖެހޭ. އާދެ، ދަންނަވާލަންޖެހެނީ، އިންޒާރެއް ލިބުނުނަމަވެސް، ދުނިޔޭގެ އެހެން ޤައުމުތަކާ އަޅައިބަލާއިރު، ރާއްޖޭގައި ކުރެވެންހުރި ނުވަތަ ހުންނާނެ ކަންތައްތައް ވަރަށް މަދުވާނޭ. އެހެން މި ދެންނެވީ، އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކުގައިވެސް، ވަރަށް އުސްތަންތަން އެބަހުރި. ޝްރީލަންކާގައި، އިންޑިޔާގައި، ބަންގްލަދޭޝްގައި އަދި އެފްރިކާގައި މި އެރި ޤައުމުތަކުގައިވެސް ވަރަށް އުސްބިންތަކެއް އެބަހުރި. އައްސޭރިފަށުން މީހުން އެ ތަންތަނަށް ބަދަލުކޮށްފިއްޔާ، ވަރަށްގިނަ ބައެއްގެ ފުރާނަ ސަލާމަތް ކުރެވިދާނެ. އަޅުގަނޑުމެންގެ ރާއްޖޭގައި، ކަން ހުރީކީ އެހެނެއްނޫން. އެހެންވީމާ، އަޅުގަނޑުމެންގެ ކުރިމަތީގައިވާ ސަލާމަތްކަން ހޯދުމުގެ މަގުތައް ވަރަށްމަދު.

އާދެ، އަޅުގަނޑަށް ދަންނަވަންޖެހެނީ، މިވަރުގެ ބޮޑުކަމެއް ދިމާވުމުންވެސް، ދުނިޔޭގެ އެހެން ޤައުމުތަކާ އަޅައިބަލާއިރު ޚާއްޞަކޮށް، މީހުންނަށް ލިބުނު ގެއްލުމަށް ބަލާއިރު، މީހުން މަރުވި ޢަދަދުތަކަށް ބަލާއިރު، މާތްاللَّه ގެ ރަޙްމަތްފުޅު ދިވެހިރާއްޖެއަށް ކިތަންމެހާވެސް ބޮޑޭ. ރާއްޖެއަށް ސަލާމަތްކަން ލިބިފައި މިވަނީ، ހަމައެކަނި اللَّه سبحانه وتعالى ގެ ރަޙްމަތްފުޅުން. އާދެ، މިސާލަކަށް، ބޮޑުދިޔައިގައި މި ރާޅުއެރިނަމަ ނުވަތަ ދަންވަރުގެ ވަގުތެއްގައި މީހުން ނިދާފައި ތިއްބާ މި ޙާދިޘާ ދިމާވިނަމަ، އަޅުގަނޑުމެންގެ ހިތަށްވެސްނާރާހާ ބޮޑެތި ގެއްލުންތައް ފުރާނަތަކަށްވެސް ލިބުމަކީ ދުރުގައިވާ ކަމެއްނޫން. އެކަމަކު ދިމާވީ އެހެނެއްނޫން. އެހެންވީމާ، މިކަމުގައިވެސް އަޅުގަނޑުމެން اللَّه سبحانه وتعالى އަށް ޙަމްދާއި ޝުކުރު ދަންނަވަންޖެހޭ.

އާދެ، މި ކާރިސާގައި ދިވެހިންގެވެސް އަދި ރާއްޖޭގައި ތިބި ބައެއް ބިދޭސީންގެވެސް ފުރާނަ ވަނީ ގެއްލިފައި. މިއަދުގެ ހެނދުނާ ހަމައަށް ލިބުނު މަޢުލޫމާތު އަޅުގަނޑު ދަންނަވާލާނަން. މަރުވިކަން މިހާރު އަޅުގަނޑުމެންނަށް މިއަދުގެ ހެނދުނާ ހަމައަށް ޔަޤީންވެފައިވާ ޢަދަދަކީ، ހަތްދިހަ ފަހެއް. ގެއްލިފައިވާ މީހުންގެ ޢަދަދަކީ، ސާޅީސް ދޭއް. އަމިއްލަ ރަށް ދޫކޮށްފައި ގޮސްފައިވާ މީހުންގެ ޢަދަދު، މިއަދުގެ ހެނދުނާ ހަމައަށް އަޅުގަނޑަށް ލިބިފައިވަނީ، ގާތްގަނޑަކަށް ނުވަހާސް. ގެދޮރު ނެތިފައިވާ މީހުންގެ ޢަދަދު ގާތްގަނޑަކަށް ބާރަހާސް. ޙާލުގައި ޖެހިގެން މާލެ ގެނެވިފައިވާ މީހުންގެ ޢަދަދު އަށްސަތޭކަ ފަންސާސް ނުވައެއް. މީހުން ފައިބާފައިވާ ނުވަތަ ރަށް ދޫކޮށްފައި ގޮސްފައިވާ ރަށްރަށުގެ ޢަދަދު ތޭރަ.

އަޅުގަނޑުމެންގެ އިޤްތިޞާދީ މަސައްކަތަށް ބަލާއިރު، ފަތުރުވެރިކަމަކީ، އަޅުގަނޑުމެންގެ އިޤްތިޞާދުގެ އެންމެ މުހިންމު އެއް މަސައްކަތް. އަޅުގަނޑުމެންގެ ފަތުރުވެރިކަމަށްވެސް މިކަމުން ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި. ބޮޑެތި ގެއްލުން ލިބުމުގެ ސަބަބުން، މިހާރު ބަންދުކުރެވިފައިވާ ނުވަތަ ނުހިނގާ ރިޒޯޓްތަކުގެ ޢަދަދަކީ، އޮނަވިހި. ހިނގަމުންދަނީ، ފަންސާސް ހައެއް. މަރުވި ފަތުރުވެރިންގެ ޢަދަދަކީ، މިހާތަނަށް ތިނެއް. އެހެނިހެން ބިދޭސީން މަރުވި ޢަދަދަކީވެސް ތިނެއް. އާދެ، މި ދެންނެވި ޢަދަދުތަކަކީ، މިއަދުގެ ހެނދުނާ ހަމައަށް ލިބިފައި ހުރި ޢަދަދުތައް. އެހެންވީމާ، މި ޢަދަދުތަކަށް މިއަދުވެސް ނުވަތަ މާދަމާވެސް ނުވަތަ ވަރަށް އަވަހަށް ބަދަލުއައުމަކީ އެކަށީގެންވާ ކަމެއް.

އާދެ، މި ކާރިސާގެ ސަބަބުން ރާއްޖޭގެ އެންމެންނަށް ވަނީ، ވަރަށް ފުން ހިތާމަޔާއި ގެއްލުމާއި ނުރައްކަލާ ކުރިމަތިލާން ޖެހިފައި. ޢާއިލާގެ މެންބަރުން ވީނުވީތަނެއް ނޭނގި ގެއްލިފައިވާ މީހުންވެސް އެބަތިބި. ކާބޯތަކެތި ނެތި، ކެއްކޭނެގޮތެއް ނެތިފައި ތިބި، ވަރަށްގިނަ ބަޔަކު އެބަތިބި. ކަރަންޓާއި ނަރުދަމާ އަދި އެހެނިހެންވެސް އަސާސީ ޚިދްމަތްތައް ނެތް، ވަރަށްގިނަ ބަޔަކު އެބަތިބި. ކުރިންވެސް ދެންނެވިފަދައިން، ގެދޮރުނެތި ހާލުގައި ޖެހިފައި ތިބި، ވަރަށްގިނަ ބަޔަކު އެބަތިބި. ޞިއްޙީ ފަރުވާއަށް ބޭނުންވާ، ވަރަށްގިނަ ބަޔަކު އެބަތިބި. ބައެއް ރަށްރަށް ވަނީ މުޅިންހެން ހަލާކުވެ، ފަޅުވެފައި. ވަރަށްގިނަ ރަށްތަކެއްގައި ވަނީ، ރަށުތެރެ ސާފުކުރުމާއި މަރާމާތުކުރުމުގެ ވަރަށްބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހިފައި.

އާދެ، މި ކާރިސާގައި ދިވެހިންނަށް ލިބިފައިވާ ނަފްސާނީ، ޢާއިލީ، މާއްދީ، ޞިއްޙީ އަދި އިޤްތިޞާދީ ގެއްލުމަކީ، ނިސްބަތުން ބަލާއިރު، މި ކާރިސާގައި ގެއްލުން ލިބުނު އެހެން ޤައުމުތަކަށް ލިބުނު ގެއްލުމަށްވުރެ މާބޮޑު ގެއްލުމެއް ކަމުގައި އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ.

ހުރިހާގޮތަކުން ބަލާއިރުވެސް ރާއްޖެއަށް މިވަގުތު ކުރިމަތިވެފައި މިވަނީ، ވަރަށްބޮޑު ޤައުމީ ހިތާމައެއް. އަދި އަޅުގަނޑުމެންނަކީ، ދުއިސައްތަ ރަށަށް އާބާދީ ބެހިފައި އޮތް، މި ސަރަޙައްދުގެ އެހެން ޤައުމުތަކާ އަޅައިބަލާއިރު، ވަސީލަތްތައް މަދު، ވަރަށް ނާޒުކު ތިމާވެށްޓެއް އޮންނަ، ކުޑަ ޖަޒީރާ ޤައުމަކަށްވީހިނދު، ވަރަށް ބޮޑެތި ދަތިތަކާ އަޅުގަނޑުމެން މިވަގުތު މިވަނީ ކުރިމަތިލާން ޖެހިފައި.

ބޮޑުރާޅު އެރުމުގެ ސަބަބުން ކަރަންޓާއި މުވާޞަލާތަށް ލިބުނު ގެއްލުމުގެ ނަތީޖާއެއްގެ ގޮތުން، ޚަބަރު ލިބުމުގައި ވަރަށްގިނަ ލަސްތަކާއި ހުރަސްތަކާ ވަނީ ކުރިމަތިވެފައި. އަދިވެސް މިކަންކަން މުޅިއަކުން ހަމައެއްނުޖެހޭ. އަދި މައްސަލައިގެ ބޮޑުކަމާއި، ހުރި ވަސީލަތްތަކުގެ މަދުކަމާއި، މަޢުލޫމާތު ލިބުމުގެ ދަތިކަން ވެގެންދިޔައީ، މި ކާރިސާއާ ވިދިގެން އަޅަންހުރި ފިޔަވަޅުތަކަށް ވަރަށްބޮޑު އުނިކަމެއް ލިބިގެންދިޔަ ކަމެއް ކަމުގައި. އާދެ، މިކަންކަމުގެ ސަބަބުން، އެހީ ފޯރުވައިދޭންޖެހޭ މީސްމީހުންނަށް ދިމަދިމާއަށް ވަގުތުން އެހީ ފޯރުވުމުގައި ވަރަށްބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހުނު. އަޅުގަނޑުމެންގެ ނިޒާމު، މިފަދަ ބޮޑު ޤައުމީ ކާރިސާއަކަށް ތައްޔާރުވެފައި ނެތުމުގެ ސަބަބުން، އެއީ ރާއްޖޭގެ ތާރީޚުގައިވެސް މިފަދަ ކަމެއް ހިނގާފައި ނެތުމާއެކީގައި، އެކަހަލަ އެއްވެސް ތައްޔާރުވުމަކަށް ތައްޔާރުވެވިފައި ނެތުމުގެ ސަބަބުން، ކުއްލިއަކަށް ކަންތައްތައް ކުރަންޖެހުނީމާ، ވަރަށް އުނިކޮށް ބައެއް ކަންތައްތައް ކުރެވިފައި އެބަހުރި. އެހެންވީމާ، އެ ވާހަކަ އަޅުގަނޑު ދަންނަވާލަން. އެކަން އަޅުގަނޑު ޤަބޫލުކުރަން. އެއްގޮތަކަށްވެސް ކުރަންޖެހޭ މިންވަރަށް، ކުރަންޖެހޭ ވަގުތުގައި ހުރިހާ ކަމެއް ކުރެވިފައެއް ނެތް. އަދިވެސް ކުރެވެމަކުން ނުދޭ. އެއީ، އެވާހަކަ އަޅުގަނޑު ހަމަ ޤަބޫލުކުރާ ވާހަކަ ދަންނަވާލީ. އެހެންނަމަވެސް، މަސައްކަތް މި ކުރަނީ، އަޅުގަނޑުމެންގެ ހުރި އުނި ކަންތައްތައް، ވީ އެންމެ އަވަހަކަށް ފޫބައްދައި، އެހީއަށް ބޭނުންވާ ރަށްރަށަށާއި މީސްމީހުންނަށް، ވީ އެންމެ އަވަހަކަށް އެހީ ފޯރުވައިދިނުމުގެ މަސައްކަތް، ވަރަށް ބާރަށް ކުރިއަށް ގެންދެވޭތޯ.

އާދެ، ހުރިހާ ރަށެއްގެ ޙާލަތު ދެނެގަތުމަށާއި، ޙާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމަށް ކުރި މަސައްކަތްތަކަށް، ކުރިން މި ދެންނެވި ސަބަބުތަކާހުރެ ވަނީ ވަރަށްބޮޑު އުނިކަން ލިބިފައި. އެ އުނިކަން ފޫބެއްދޭތޯ މިހާރުވެސް މިގެންދަނީ މަސައްކަތްކުރަމުން. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ހުރިހާ ވަގުތެއްގައިވެސް ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް އިރާދަކުރެއްވިއްޔާ މިގެންދަނީ ކުރަމުންނޭ. އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް، އެކަން އިރާދަކުރެއްވިއްޔާ ކުރަމުން ގެންދާނަމޭ.

މިފަދަ ބޮޑު ކާރިސާއެއްގައި، ރާއްޖޭގެ އަމިއްލަ ވަސީލަތްތަކުން، އަޅުގަނޑުމެންގެ އަމިއްލަ ފޯރުންތެރިކަމުން، އެކަމުން ލިބުނު ގެއްލުންތައް ފޫބެއްދޭކަށް ނޯންނާނެ. އެއަށްވުރެ މި ކާރިސާ މާބޮޑު. އޭގެ ގެއްލުންތައް މާގިނަ. އެހެންވީމާ، މިކަން ހިނގި ދުވަހުގެ ހެނދުނުއްސުރެ ފެށިގެން، ބޭރުގެ ސަރުކާރުތަކާއި އަދި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާ ގުޅައިގެން، އެފަރާތްތަކުގެ އެހީއަށް ސަރުކާރުން އެދެމުން ގޮސްފައިވޭ. ހަމަ އެދުވަހުން ފެށިގެން، ރާއްޖެއަށް އެހީ ވެދެއްވާނެ ކަމަށް އެކިއެކި ސަރުކާރުތަކުންނާއި، އ.ދ.އިން ވިދާޅުވި. އާދެ، އަޅުގަނޑު އ.ދ. މަޖިލީހުގެ ސެކްރެޓެރީ ޖެނެރަލާ ފޯނުން ގުޅައި، އަޅުގަނޑު ދެންނެވި ވާހަކަތަކުގެ ތެރޭގައި، ރާއްޖެއަށް މިފަހަރު މި ލިބުނު ގެއްލުންތައް ފޫބެއްދުމަށާއި، ރާއްޖޭގެ ރައްޔިތުންނަށް، ޙާލުގައި ޖެހިފައި ތިބި މީހުންނަށް ވަގުތުން ވަގުތަށް ލިބެންޖެހޭ އެހީ ފޯރުވައިދިނުމަށާއި އަދި ޢުމްރާނީގޮތުން ލިބިފައިވާ ގެއްލުންތައް އަލުން ހަމަޖެއްސުމަށާއި، ރަށްރަށް އަލުން އާބާދުކުރުމަށާއި، ވަސީލަތްތައް އަލުން ޤާއިމުކުރުމަށާއި، މި ހުރިހާ ކަމަކަށް ވަރަށްބޮޑު، އަޅުގަނޑުމެން ހިތަށްވެސްނާރާހާ ބޮޑު ޚަރަދު ހިނގާނެ ކަމަށް ދެންނެވިން. އެހެންވީމާ، މިކަމުގައި ދިވެހި ސަރުކާރުން ބޭނުންވަނީ، ބައިނަލްއަޤްވާމީ މުޖުތަމަޢުން ވަރަށް ޚާއްޞަ، ވަރަށް ބޮޑު އެހީއަކަށް ކަމުގައި އަޅުގަނޑު ދެންނެވިން. އެހެން ދެންނެވުމާއެކީގައި، ސެކްރެޓެރީ ޖެނެރަލް އަޅުގަނޑަށް ޔަޤީންކޮށްދެއްވީ، ދިވެހިރާއްޖެއަށް ލިބެންޖެހޭ އެހީތައް ހޯދުމުގައި ވަރަށްބޮޑަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް. އަދި މި ސުނާމީގެ ސަބަބުން ރާއްޖެއަށާއި، މި ސަރަޙައްދުގައި ގެއްލުން ލިބުނު އެހެން ޤައުމުތަކަށް އ.ދ. މެދުވެރިވެގެން އެހީ ހޯއްދަވައި ދެއްވުމަށްޓަކައި ދުނިޔޭގެ ޤައުމުތަކަށް ވަރަށް އަވަހަށް އޭނާ ޚާއްޞަ އިލްތިމާސެއް ކުރައްވާނެ ކަމަށް. އަޅުގަނޑަށް މިހާރު މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މި އަންނަ ޖަނަވަރީ މަހުގެ ކުރީކޮޅު، އެ އިލްތިމާސް ކުރައްވާނެ. އެ އިލްތިމާސް ކުރެއްވީމާ، އަޅުގަނޑަށް ޔަޤީންކުރެވެނީ ނުވަތަ އުންމީދުކުރެވެނީ، ދުނިޔޭގެ ވަރަށްގިނަ ޤައުމުތަކުން އެކަމަށް އިޖާބަ ދެއްވައި، އެ ޤައުމުތަކަށް ވެދެއްވެންހުރި އެހީއެއް މިކަމުގައި ވެދެއްވާނެ ކަމަށް.

އާދެ، މިހާރުން މިހާރަށްވެސް، އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކުން އަޅުގަނޑުމެންނަށް އެހީ ލިބެމުން އެބަދޭ. އާދެ، އެނގިވަޑައިގަންނަވާނެ ފަދައިން، އިންޑިއާ ސަރުކާރުގެ އެހީ ދަނީ ލިބެމުން. ޕާކިސްތާން ސަރުކާރުގެ އެހީ ލިބެމުން މިދަނީ. ޖަޕާން ސަރުކާރުގެވެސް މާލީ އެހީއެއް މިހާރު ވަނީ ލިބިފައި. އަދި މިނޫން ޤައުމުތަކުންވެސް އެހީ ވެދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ ލަހެއްނުވެ، އެ އެހީތައް އަޅުގަނޑުމެންނަށް ލިބެން ފަށާނެ. މިހާތަނަށް ލިބިފައިވާ އެހީތަކުގެ ތެރޭގައި، މަތިންދާބޯޓާއި، ހެލިކޮޕްޓަރާއި، މަނަވަރުފަދަ މުވާޞަލާތީ ޚިދްމަތްތަކުގެ އިތުރުން، ފެނާއި، ކާބޯތަކެއްޗާއި، ބޭހާއި އަދި ޞިއްޙީ އެހެން ވަސީލަތްތައް ދަނީ ލިބެމުން.

އާދެ، ބޭރުގެ އެހީ ލިބެން ފެށުމުގެ މާކުރިން، މި ކާރިސާގައި ކުރިމަތިވެފައިވާ އިންސާނިއްޔަތުގެ އެހީ ބޭނުންވާ ފަރާތްތަކަށް ވާޞިލްކޮށްދިނުމުގެ މަސައްކަތުގައި، ދިވެހި ރައްޔިތުންގެ ވަރަށް ފުރިހަމަ އެއްބާރުލުން ވަނީ ލިބެމުން ގޮސްފައި. ވަރަށްގިނަ އަމިއްލަ ފަރާތްތަކަކުން ވަރަށް ދީލަތި އެހީތަކެއް ވެދެއްވަމުން އެބަ ގެންދަވާ. އަދި މި މަސައްކަތުގައި ބައިވެރިވެވަޑައިގަންނަވަމުން އެބަ ގެންދަވާ. މީގެތެރޭގައި، ޙާލުގައި ޖެހިގެން މާލެ ގެނެވިފައިވާ މީހުންނަށް އެހީތެރިވެދިނުމުގައި ޙަރަކާތްތެރިވަމުންދާ އަމިއްލަ ފަރުދުންނާއި، އަމިއްލަ ޖަމާޢަތްތަކާއި އަދި ސަރުކާރުގެ ފަރާތްތައް ހިމެނޭ. އަތޮޅާއި ރަށުފެންވަރުގައިވެސް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރެވެމުން އެބަދޭ. އެއްވެސް މީހަކަށް، އަނެކާއަށް އެހީއެއް ދެވެންއޮތިއްޔާ، ދަނީ އެ އެހީއެއް ވެދެމުން.

އާދެ، އަޅުގަނޑުމެން ވިސްނާލަންޖެހޭ ނުކުތާއަކީ، އަޅުގަނޑުމެންނަށް މި ކުރިމަތިވި މި ބޮޑު ޤައުމީ ހިތާމައަކީ، ވަކިބަޔަކަށް ދިމާވި ހިތާމައެއް ނޫންކަން. މިއީ މުޅި ޤައުމަށް ދިމާވި، ވަރަށްބޮޑު ހިތާމައެއްކަން. މި ހިތާމައިގެ އަސަރު ނުފޯރާ، ރާއްޖޭގެ އެއްވެސް ރަށެއް ނެތް. ރާއްޖޭގެ އެއްވެސް ރައްޔިތަކު ނެތް. ރާއްޖޭގެ ކުދިބޮޑު އަންހެން ފިރިހެން އެންމެންނަށް މި ކާރިސާގެ ހިތާމައާއި ދަތިކަން ވަނީ އިޙްސާސްކުރަން ޖެހިފައި. އެހެންވީމާ، މިކަމުން މާތް اللَّه ގެ ވާގިފުޅާއެކީގައި އަޅުގަނޑުމެންނަށް ސަލާމަތްވެވޭނީ، އެންމެން އަތުގުޅާލައިގެން އެއްބާރުލައިގެން މަސައްކަތްކޮށްގެންކަން ޔަޤީން.

މި ކާރިސާ ދިމާވުމާ ގުޅިގެން ކުރަންޖެހޭ އެކިއެކި މަސައްކަތްތައް ވިލަރެސް ކުރުމަށްޓަކައި ވަޒީރުންގެ ކޮމިޓީއަކާއި، އޮފިޝަލުންގެ ޓާސްކްފޯހެއް މިހާރު ވަނީ ޤާއިމުކުރެވިފައި. އާދެ، އެންމެ ފުރަތަމަ ދުވަހުއްސުރެ ވަނީ އެ ކޮމިޓީއާއި ޓާސްކްފޯސް އުފެއްދިފައި. މި މަސައްކަތް ކުރުމުގައި، ވަރަށް އިޚްލާޞްތެރިކަމާއެކު، ޤައުމީ ޚިދްމަތުގެ ރޫޙުގައި ހުރިހާ ބޭފުޅުންވެސް ޙަރަކާތްތެރިވެވަޑައިގަންނަވަމުން އެބަ ގެންދަވާ. އަދި ކުރިންވެސް ދެންނެވިހެން، ޢާންމު ރައްޔިތުން ދަނީ، ވަރަށް އެދެވޭގޮތެއްގައި މި މަސައްކަތުގައި ބައިވެރިވެވަޑައިގެން ދެއްވަމުން.

އާދެ، މިވަގުތު ރާއްޖެ މިއޮތީ، ޤުދްރަތީ ކާރިސާއެއްގެ ސަބަބުން ވަރަށް ބޮޑަށް ގެއްލުންވެފައި. އަޅުގަނޑުމެންގެ ރާއްޖެއަކީ އަނެއްކާވެސް ތަރައްޤީގެ އަވަސް ފިޔަވަޅުތަކެއް އަޅާ ޤައުމަކަށް ހެދޭނީ، އަޅުގަނޑުމެން އަމިއްލައަށް އަޅުގަނޑުމެންގެ ޤައުމަށް އެންމެ ފައިދާހުރިގޮތަކަށް މަސައްކަތްކޮށްގެން. މިދަނޑިވަޅުގައި އެންމެން އެކުވެރިކަމާއި އެއްބާރުލުމުގެ ރޫޙެއްގައި އަތާއަތް ގުޅާލައިގެން އިޚްލާޞްތެރިކަމާއެކު މަސައްކަތްކޮށްގެން. ޤައުމުގެ ޢުމްރާނީ ވަސީލަތްތަކަށް ވަނީ ވަރަށް ބޮޑެތި ގެއްލުން ލިބިފައި. އަޅުގަނޑުމެންނަށް މި ފުން ވަޅުގަނޑުން ހަމަބިމަށް އެރުމުގައި އެންމެބޮޑު މެދުވެރިއަކަށްވާނީ، އަޅުގަނޑުމެންގެ އިޚްލާޞްތެރި ހުނަރުވެރި ރައްޔިތުންނާއި، އަޅުގަނޑުމެންގެ މެދުގައި އޮންނަ ޤައުމީ ވަޙުދަތުގެ ސަބަބުން. އެއީ، އަޅުގަނޑު ވަރަށް ބޮޑަށް މިދަނޑިވަޅުގައި ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރާ ކަމެއް. މިވަގުތަކީ އެންމެން އެކުވެރިކަމާއި އެއްބާރުލުމުގެ ރޫޙުގައި މަސައްކަތް ކުރަންޖެހޭ ވަގުތެއްކަން އަޅުގަނޑުމެން އެންމެންވެސް ޤަބޫލުކުރުން ވަރަށްބޭނުން. އެއްވެސް ސަބަބަކާހުރެ، އަޅުގަނޑުމެންގެ ތެރޭގައި ހަމަނުޖެހުމެއް، ބައިބައިވުމެއް މިކަހަލަ ދަނޑިވަޅެއްގައި އުފެދިގެނެއް ނުވާނެ. އަދި ޚިޔާލުތަފާތުވުންތަކެއް ހުރިކަމުގައިވިޔަސް، މިދަނޑިވަޅުގައި އަޅުގަނޑުމެން ޖެހޭނީ، އެ ކަންތައްތައް ހަނދާންނައްތާލާފައި، އެއަށްވުރެ މަތީފެންވަރަކަށް އަޅުގަނޑުމެން ޖެހިލަން. އަޅުގަނޑުމެންގެ މެދުގައިވާ އެއްވެސްކަހަލަ އެހެން ކަމެއްގެ ސަބަބުން، މި ކުރާ ޤައުމީ ބޮޑު މަސައްކަތަށް އެއްވެސް ހުރަހެއް އެޅިގެންނުވާނެ. އަޅުގަނޑު ހިތުން އަޅުގަނޑެކޭ އެއްވަރަށް، ތިޔަ ޢިއްޒަތްތެރި މަޖިލީހުންވެސް މިކަން ޤަބޫލުކުރައްވާނެ. އަދި ރާއްޖޭގެ ލޮބުވެތި ރައްޔިތުންވެސް މިކަން ޤަބޫލުކުރައްވާނެ.

އާދެ، ޤައުމު އާރާސްތު ކުރުމަށްޓަކައި މިހާރު އަޅުގަނޑުމެންނަށް މިއޮތީ، އާ ހިތްވަރެއްލާން ޖެހިފައި. އާ ފެށުމެއް ފަށަންޖެހިފައި. މިކަމުގައި އަޅުގަނޑުމެންގެ ރާއްޖެއިން ލިބެންހުންނަ ވަސީލަތްތަކާއި، ލިބެންހުރި ވަސީލަތްތަކާއި، އަޅުގަނޑުމެންގެތެރޭގައި ހުރިނަމަ ހުރި ފޯރުންތެރިކަމަކާއި، އަޅުގަނޑުމެންގެ ހިންމަތާއި މިންނަތާ ވަރަށްބޮޑަށް ބޭނުން. އަދި އޭގެއިތުރުން، ބޭރުގެ އެހީވެސް ވަރަށްބޮޑަށް ލިބެންޖެހޭ. އަޅުގަނޑުމެންގެ އިޤްތިޞާދީ ޙަރަކާތް ހަލުވިކުރަން އެބަޖެހޭ.

އާދެ، ދާދި އިހަކަށްދުވަހު، ތިޔަ ޢިއްޒަތްތެރި މަޖިލީހުގައި، 2005 ވަނަ އަހަރުގެ ބަޖެޓާ ބެހޭގޮތުން ތިޔަބޭފުޅުން މަޝްވަރާކުރައްވައި، ބަޖެޓް ފާސްކޮށްދެއްވި. އެ ޖަލްސާގައިވެސް ވަރަށް ގިނަ ބޭފުޅުން ވިދާޅުވި ފަދައިން، މާތް اللَّه ގެ ހެޔޮ ރަޙްމަތްފުޅުން ރާއްޖޭގެ އިޤްތިޞާދު، މި ވޭތުވެދިޔަ ދެތިންއަހަރު މިވަނީ ވަރަށް ރަނގަޅަށް މަސައްކަތްކޮށްފައި. އަދި ވަރަށް ރަނގަޅު ކުރިއެރުންތަކެއް ހޯދާފައި. އަދި މިއަހަރުވެސް ޚާއްޞަގޮތެއްގައި، ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަން، ކުރިން ލަފާކުރެވުނު ވަރަށްވުރެ ބޮޑަށް ވަނީ ޙާޞިލްކޮށްފައި. ވަރަށްބޮޑެތި ނިޢުމަތްތަކެއް އަޅުގަނޑުމެންނަށް ވަނީ މި ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި ލިބިފައި، އިޖްތިމާޢީ ގޮތުންނާއި އިޤްތިޞާދީގޮތުން. ހަނދުމަފުޅު ހުންނާނެ ފަދައިން، އޭގެ ނަތީޖާއެއްގެ ގޮތުން، މީގެ 10 ދުވަސް ކުރިން އާދެ، ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު އަޅުގަނޑުމެން ވަނީ އ.ދ. މަޖިލީހުގައި އޮންނަ، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން އުނިކުރެވިފައި. އެއީ، ރާއްޖެއަށް ލިބުނު ވަރަށްބޮޑު ޝަރަފެއް. ވަރަށްބޮޑު ރީތިނަމެއް. އެހެންނަމަވެސް، ކަންދިމާވިގޮތުން، އަޅުގަނޑުމެންގެ ރާއްޖެ، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން އުނިވިތާ 6 ދުވަހުގެތެރޭގައި، އަޅުގަނޑުމެންނަށް މި ކުރިމަތިވީ، ވަރަށްބޮޑު ގެއްލުމެއް. ވަރަށްބޮޑު ޤައުމީ ކާރިސާއެއް. އެހެންނަމަވެސް، ކުރިންވެސް ދެންނެވި ފަދައިން، ދުނިޔޭގައި ހުރިހާ ކަމެއް ވަމުންމިދަނީ اللَّه سبحانه وتعالى މިންވަރުކުރައްވާ ގޮތެއްގެމަތިން. އެހެންވީމާ، އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށްވީތީ، މިންވަރު ޤަބޫލުކޮށް، މިންވަރަށް ޝުކުރުކުރަންޖެހޭނެ. މިވަގުތު އަޅުގަނޑުމެންނަށް ދިމާވެފައިވާ ޙާލަތަކީ މިއީ. އެހެންވީމާ، މިހާރު އަޅުގަނޑުމެން ވެއްޓިފައި މިވާ ފުން ވަޅުގަނޑުން އަރައިގަތުމަށްޓަކައި އަޅުގަނޑުމެންގެ އިޤްތިޞާދީ ޙަރަކާތްތައް ހަލުވިކުރަން އެބަޖެހޭ. ކުރިންވެސް ދެންނެވިފަދައިން، މިވަގުތު ކުރަންޖެހިފައި މިވާ ޤައުމީ މަސައްކަތް، އެއްވެސް ނަތީޖާއެއް ފެންނަ ގޮތެއްގައި ޙާޞިލްކުރެވޭނީ، އެންމެން އެއްބާރުލައި، ޤައުމަށް ވަފާތެރިކަމާއި އިޚްލާޞްތެރިކަމާއެކު، އީޖާބީގޮތެއްގައި މަސައްކަތްކޮށްގެން.

އާދެ، މި ކާރިސާގެ އަސަރު، ރާއްޖޭގެ އެކި ރަށްރަށަށް ކޮށްފައި ވަނީ އެކިވަރަށް. އެންމެބޮޑަށް އަސަރުކޮށްފައިވާ ރަށްތަކުގެ ޙާލު، ވަރަށްދެރަ. އެ ރަށްރަށުގެ ޢިމާރާތްތައް މަރާމާތުކުރުމަށް ނުވަތަ އަލުން ޢިމާރާތްކުރުމަށް، ވަރަށްގިނަ ފައިސާ ބޭނުންވާނެ. އެހެންނަމަވެސް، މުޅިރަށުގެ ނިސްބަތުން ރައްޔިތުންނަށް ލިބިފައިވާ ހާސްކަމާއި ނުތަނަވަސްކަމާއި މާޔޫސްކަމަކީ، އަޅުގަނޑުމެން މުޖްތަމަޢެއްގެ ގޮތުގައި އެބައިމީހުންގެ އަތުގައި ހިފައި، އުންމީދު އާލާކުރުވައި، ހިތްހެޔޮކަމާއެކު އަޅައިލެވިގެން ނޫނީ، އަލުން ދިރުވޭނެ ކަންތައްތަކެއް ނޫން. މި ދެންނެވީ، ހަލާކުވެފައިވާ ޢިމާރާތްތައް، ފައިސާ ލިބިއްޖިއްޔާ ހެދިދާނެ. އަލުން ގެދޮރު އާބާދުކުރެވިދާނެ. އެހެންނަމަވެސް، ރައްޔިތުންނަށް ލިބިފައިވާ މާޔޫސްކަމުން، އެ މީހުން އެހެންގޮތަކަށް ބަދަލުކުރެވޭނީ، އެ މީހުންގެ އަތުގައި ހިފައިގެން، އެ މީހުންގެ މާޔޫސްކަން ފިލުވައި، އުންމީދު ދީ، ކުރެވެންހުރި މަސައްކަތްތަކެއް ކޮށްގެން. އަސާސީ ޚިދްމަތްތަކެއް އެބަ ދޭންޖެހޭ. ރަސްމީ މަސައްކަތްތަކެއްވެސް ކުރަންޖެހޭ. އެހެންނަމަވެސް، އިޖްތިމާޢީ ގޮތުންނާއި އަޚްވަންތަކަމުގެ ގޮތުން އަޅައިލުމާއި އެއްބައިވަންތަކަން، ޢަމަލީގޮތުން ޙާލުގައި ޖެހިފައިވާ މުޖުތަމަޢަތަކަށް ދައްކައިދިނުމަކީ، ވަރަށް މުހިންމު ކަމެއް.

މި ޤައުމު ބިނާވެފައި މިވަނީ، މާތް اللَّه ގެ ވާގިފުޅާއެކު، ދިވެހިންގެ މަސައްކަތުން. މިއީ އަޅުގަނޑުމެން އެންމެންގެ ޤައުމު. އިރާދަކުރެއްވިއްޔާ، މި ޤައުމު އަނެއްކާވެސް އާރާސްތުކޮށް، ހިތްހަމަޖެހުމާއި އުފާވެރިކަމާއި އުންމީދު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އާލާކުރުމަކީ، މާތް اللَّه ގެ ވާގިފުޅާއެކު، ދިވެހި ޤައުމަށް ކުރެވިދާނެ ކަމެއް. ދިވެހިންނަށް ކުރެވިދާނެ ކަމެއް. މި މަސައްކަތައިގެން ކުރިއަށްދިޔުމަށް ދިވެހި ޤައުމަށް އަޅުގަނޑު އިލްތިމާސް ކުރަން.

އާދެ، އަޅުގަނޑުގެ ވާހަކަ ނިންމާލުމުގެ ކުރިން އަދި އެއްވާހަކަ ދަންނަވާލަން ބޭނުންވޭ. އާދެ، އެއީ އަޅުގަނޑުމެންގެ މި ދިވެހިރާއްޖެއަކީ، މާތް اللَّهގެ ހެޔޮރަޙްމަތްފުޅުން ސައްތައިންސައްތަ މުސްލިމް ޤައުމެއް. އަޅުގަނޑުމެންނަކީ މުސްލިމުން. އަޅުގަނޑުމެންނަކީ ތެދުވެރި މުސްލިމުންކަމަށް ވީހިނދު، އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ ޙަޤީޤަތްތަކެއް އެބަހުރި. އާދެ، އޭގެތެރެއިން އެންމެ ފުރަތަމަ ޙަޤީޤަތަކީ، ކުރިންވެސް އިޝާރާތް ކުރެވުނު ފަދައިން، ދުނިޔޭގައިވާ ހުރިހާ ކަމެއްވެސް ވަމުންމިދަނީ، اللَّه سبحانه وتعالى މިންވަރުކުރައްވައި ތަދުބީރު ކުރައްވާފައިވާ ގޮތެއްގެމަތިންކަން. އަޅުގަނޑުމެންނަށް ޤުދްރަތީގޮތުން ދިމާވާ ކަންތައްތަކުގައި، ރަނގަޅު ކަންތައްތަކާއި، ނުރަނގަޅު ކަންތައްތައް ހުންނާނެ. މިއީ އިންސާނީ ތަޖުރިބާ. އަޅުގަނޑުމެން އުފާތަކާ ކުރިމަތިލާ ފަދައިން، ހިތާމަތަކާއި ހިތްދަތި ދުވަސްތަކަކާވެސް ކުރިމަތިލާންޖެހޭ. ނިޢުމަތްތައް ލިބޭ ފަދައިން، ބައެއް މުޞީބާތްތައްވެސް އަޅުގަނޑުމެންނާ ކުރިމަތިވޭ. މި ހުރިހާ ކަމަކީ، އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ ޙަޤީޤަތެއް. މާތް اللَّه ކީރިތި ޤުރްއާނުގައި ވަޙީކުރައްވާފައިވޭ. "وَلَنَبْلُوَنَّكُم بِشَىْءٍ مِّنَ ٱلْخَوْفِ وَٱلْجُوعِ وَنَقْصٍ مِّنَ ٱلْأَمْوَٰلِ وَٱلْأَنفُسِ وَٱلثَّمَرَٰتِ ۗ وَبَشِّرِٱلصَّـٰبِرِينَ." (البَقَرَة: 155) މާނައިގައި ވަނީ، "ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން އިމްތިޙާން ކުރައްވާހުށީމެވެ. (އެއީ) ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވުމުންނެވެ. އަދި ކެތްތެރިންނަށް އުފާވެރިކަމުގެ ޚަބަރު، ކަލޭގެފާނު ދެއްވާށެވެ!"

"ٱلَّذِينَ إِذَآ أَصَـٰبَتْهُم مُّصِيبَةٌ قَالُوٓا۟ إِنَّا لِلَّهِ وَإِنَّآ إِلَيْهِ رَٰجِعُونَ." (البَقَرَة: 156) "އެއުރެންނީ އެއުރެންނަށް مصيبة އެއް ޖެހިއްޖެނަމަ، ހަމަކަށަވަރުން ތިމަންމެންނީ، اللَّه އަށް މިލްކުވެވޮޑިގެންވާ ބަޔެކޭ، އަދި ހަމަކަށަވަރުން ތިމަންމެންނީ، އެކަލާނގެ ޙަޟްރަތަށް އެނބުރިދާނޭ ބަޔެކޭ ބުނާ މީހުންނެވެ."

"أُو۟لَـٰٓئِكَ عَلَيْهِمْ صَلَوَٰتٌ مِّن رَّبِّهِمْ وَرَحْمَةٌ ۖ وَأُو۟لَـٰٓئِكَ هُمُ ٱلْمُهْتَدُونَ." (البَقَرَة: 157) "އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުން މަޣްފިރަތާއި ރަޙްމަތް އެއުރެންގެ މައްޗަށް ހުރި މީހުންނެވެ. އަދި ތެދުމަގު ލިބިގެންވާ މީހުންނީ ހަމަ އެއުރެންނެވެ."

އާދެ، މިއީ އަޅުގަނޑުމެން މުސްލިމުންގެ ގޮތުގައި ޤަބޫލުކުރަންޖެހޭ، ވަރަށްބޮޑު ޙަޤީޤަތެއް. މުއުމިނުންގެ ގޮތުގައި ޤަބޫލުކުރަންޖެހޭ، ވަރަށްބޮޑު ޙަޤީޤަތެއް. އެހެންވީމާ، މި ޙަޤީޤަތް ޤަބޫލުކޮށް، މާތް اللَّه ގެ މިންވަރުފުޅަށް އީމާންވެ، އަޅުގަނޑުމެންނަށް ދިމާވާ ހިތާމަތަކަށާއި، ހިތްދަތި ކަންތައްތަކަށް ކެތްކޮށް، اللَّه އަށް ޝުކުރުވެރިވުންމަތީ ދެމިތިބުމަކީ، އަޅުގަނޑުމެންގެ ވާޖިބެއް. އެގޮތުގައި ތިބެގެން، އަޅުގަނޑުމެންގެ ޤައުމު، މި ކުރިމަތިވެފައިވާ ބޮޑު ކާރިސާއިން ސަލާމަތްކޮށް، ޤައުމު އަލުން އާރާސްތުކޮށް ބިނާކުރުމުގެ މަސައްކަތުގައި، އަޅުގަނޑުމެން އެންމެން އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއި އެއްބާރުލުމާއެކީގައި މަސައްކަތްކޮށްފިނަމަ، ޝައްކެއްނެތްގޮތުގައި، މާތް اللَّه އެކަލާނގެ ހެޔޮރަޙްމަތް އަޅުގަނޑުމެންނަށް މިންވަރުކުރައްވާނެ. އަދި އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ބަރަކާތްލައްވާނެ. އަޅުގަނޑުމެންނަށް މިނޫން އުފާވެރި އުންމީދުން ފުރިގެންވާ ދުވަހެއް އެކަލާނގެ ދައްކަވާނެ.

އާދެ، އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللَّه سبحانه وتعالى އަޅުގަނޑުމެން އެންމެންގެ އީމާންކަން ވަރުގަދަކުރެއްވުން. އަޅުގަނޑުމެންނަކީ މުޞީބާތްތަކަށް ކެތްކުރާ، ނިޢުމަތްތަކަށް ޝުކުރުކުރާ، ތެދުވެރި މުއުމިނުން ކަމުގައި ލެއްވުން. އަދި އަޅުގަނޑުމެން ކުރާ މަސައްކަތްތަކުގައި އެކަލާނގެ ބަރަކާތްލައްވައި، ދިވެހި ޤައުމަށް އުފާވެރި ދުވަސްތަކަކާއި، ބާއްޖަވެރި މުސްތަޤްބަލެއް އަދި ދިވެހި ރައްޔިތުންނަށް ދުޅަހެޔޮކަމާއި ކުރިއެރުމާއި ތަރައްޤީ އެކަލާނގެ މިންވަރުކުރެއްވުން.

والسّـلام عليـكم ورحـمة اللَّه وبـركاته.